މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީގެ ބޮޑު އެއްވުމެއް އޮންނާނެ

އިބްރާހީމް ރާމިޒް

muzaahara

މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީގެ ބޮޑު އެއްވުމެއް އޮންނާނޭ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ ” އެމްޑީޕީން މިހާރު ތައްޔާރުވަމުން މިދަނީ މިއަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ ކުރިން އެމްޑީޕީގެ ބޮޑު އެއްވުމެއް ބާއްވަން” ކަމަށާއި، އަދި މި އެއްވުމަކީ ” އެމްޑީޕީގެ ސިޔާސަތުތަކާއި، ޝުޢޫރުތައް ފާޅުކުރުމަށް ބާއްވާ އެއްވުމެއް” ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

ޝާހް އިތުރަށް ވިދާޅުވީ މި އެއްވުން ބާއްވާނޭ ސީދާ ތާރީޚަކާއި، އެއްވުމުގައި ފާޅުކުރާނޭ ޝޫޢޫރުތައް ކަނޑައަޅާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވާނޭ ތާރީޚަކާއި ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެމްޑީޕީގެ އެއްވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 23 ޑިސެމްބަރު 2011 ވީ ހޯމަދުވަހުއެވެ. އާރޓިފިޝަލް ބީޗުގައި ބޭއްވި މި އެއްވުމަކީ މެދުމިނުގެ އިސްލާމް ދީނަކަށް އެ ޕާޓީން ކުރާ ތާޢީދު ހާމަކުރުމަށް ބޭއްވި އެއްވުމެކެވެ. ޖަލްސާ އެއް ގޮތަށް ކުރިޔަށް ގެންދާ އެއްވުމެއް ކަމަށް މާކުރިއްސުރެ އިޢުލާންކޮށްފައިވާ، މި ސުލްހަވެރި އެއްވުމަށް އެ ޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަޑައިގެން، މެންބަރުންނާ ވާހަކަފުޅު ދެއްކެވުމަށްފަހު އެ އެއްވުމުގެ ބައިވެރިންވަނީ ސުލްހަވެރިކަމާއެކު އެއްވުން ނިންމާލާފައެވެ.