އެމްޑީޕީގެ އިސް ދެ ވަފްދެއް މިއަދު ށ. އަތޮޅަށާއި އއ. އަތޮޅަށް ފުރާނެ

އިބްރާހީމް ރާމިޒް

hep-at-feevah-450-x-299

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ދެ ވަފްދެއް މިއަދު، މިލަދުންމަޑުލު އުތުރުބުރިއަށާއި، އަރިއަތޮޅު އުތުރުބުރިއަށް ފުރާނެއެވެ.

މިއަދު މެންދުރުފަހު ފުރާ މި ދެ ވަފްދުގައި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީން މި 2 އަތޮޅަށް މިއަދު މި ފަށާ ދަތުރުތަކުގެ ތެރެއިން، ށ. އަތޮޅަށް ކުރާ ދަތުރުގައި އެ އަތޮޅު މިލަންދޫ ދާއިރާގައި ހިމެނޭ 3 ރަށް ކަމަށްވާ މިލަންދޫ، ނަރުދޫ އަދި ފީވަކަށް ދަތުރުކުރާނެއެވެ. މިއީ ށ. އަތޮޅު ކައުންސިލް އިން ހުސްވެފައިވާ މިލަންދޫ ދާއިރާގެ ދެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ގައި ކުރިމަތިލައްވާފައިވާ ށ. މިލަންދޫ ޕާރލްސް ޢަބްދުﷲ އާތިފް އާއި، އެރަށު ސީސައިޑް ފިރާޤް އިބްރާހީމް އަށް ތާޢީދު ހޯދުމުގެ ގޮތުން އެމްޑީޕީން ކުރާ ދަތުރެކެވެ.

އއ. އަތޮޅަށް އެމްޑީޕީން ކުރާ ދަތުރަކީ އެ އަތޮޅު މަތިވެރި ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ އއ. މަތިވެރީ ނަދުވާ، އިސްމާޢީލް އާތިފް އަށް ތާޢީދު ހޯދުމަށް ކުރާ ދަތުރެކެވެ.

މި 2 ވަފްދުގެ ތެރެއިން މަތިވެރިއަށް ފުރާ ވަފްދު މާދަމާ ހެނދުނު އެނބުރި މާލެ އަންނާނެއެވެ. މިލަންދޫ ދާއިރާގެ 3 ރަށަށް ފުރާ ވަފްދު އެނބުރި މާލެ އަންނާނީ މިއަންނަ އާދީއްތަ ދުވަހުއެވެ.

ށ. އަތޮޅު ކައުންސިލް މިލަންދޫ ދާއިރާ އިން ހުސްވެފައިވާ 2 ގޮނޑިއަށާއި، އއ. މަތިވެރި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 31 ޑިސެމްބަރ 2011 ވާ ހޮނިހިރު ދުވަހުއެވެ.