އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ކޮންސޮލިޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި

“އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ކޮންސޮލިޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީ” ރައީސުލްޖުމްހޫރިއްޔާ، އަލުން އެކުލަވައިލައްވައިފިއެވެ. ކޮމިޓީގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު ޢިނާޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓެރީ ޢަބްދުﷲ ސަޢީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު ނަޞީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙަންމަދު ފިރާޤާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު މުޙަންމަދު ފަޔާޒާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޗީފް އެގްޒެކެޓިވް ފާއިޤު ޢުމަރެވެ.

“އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ކޮންސޮލިޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީ” އަކީ، ސަރުކާރުގައިވާ އައި.ސީ.ޓީ.ގެ ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައިވާ ގޮތުގެމަތިން، މިވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމުގެ މަސައްކަތް، ކުރިއަށްދާ މިންވަރު ބައްލަވައި، ލަފަޔާއި އިރުޝާދު ދެއްވުމަށްޓަކައި އުފައްދަވާފައިވާ ކޮމިޓީއެކެވެ.