އިސްލާމްދީން ޙިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެ ހުށަހަޅާފައިވާ މައިގަނޑު ފަސް އެދިވަޑައިގަތުމާ ބެހޭގޮތުން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ގަސްދު ކުރައްވާފައިވާ ކަމުގައި ޕްރެސް ސެކްރެޓަރީ ވިދާޅުވެ އެ ފިޔަވަޅުތައް ހާމަކުރައްވައިފި

zuhair-450-x-299

އިސްލާމްދީން ޙިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެ، އެކަމާމެދު އަޑު އުފުއްލަވައި، ހުށަހަޅުއްވާފައިވާ މައިގަނޑު ފަސް އެދިވަޑައިގަތުމާ ބެހޭގޮތުން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ޤަޞްދު ކުރައްވާފައިވާ ކަމަށް ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވެ، އެ ފިޔަވަޅުތައް ހާމަކުރައްވައިފިއެވެ. ޕްރެސް ސެކްރެޓެރީ މި ފިޔަވަޅުތައް ހާމަކުރެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށާއި، ރާއްޖޭގައި މަސާޖުކުރާ ތަންތަން އެއީ، ހަށި ވިއްކުމަށް ބޭނުންކުރާ ތަންތަން ކަމުގެ ތުހުމަތުތައް ގިނަވެފައިވާތީ، އެފަދަ ހުރިހާ ތަނެއް ބަންދު ކުރެއްވުމަށް ސަރުކާރުން މިހާރު ޤަޞްދު ކުރައްވާފައިވާ ކަމުގައި ޒުހައިރު ވިދާޅުވިއެވެ. އަދި އެފަދަ ތަންތަން މި ރާއްޖޭގައި ގިނައިން ހިންގަނީ، ވަކި ޚާއްޞަ ހުއްދައެއް ސަރުކާރުން ދެއްވައިގެން ނޫންކަމަށްވާތީ، އެފަދަ ތަންތަން ގިންތި ކުރައްވައި ބެއްލެވުމުގެ މަސައްކަތްޕުޅުތަކެއް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާކަން ޒުހައިރު ހާމަކުރެއްވިއެވެ.
އިޒުރޭލު މަތިންދާބޯޓު ރާއްޖެއައުން މަނާކުރުމުގެ މައްޗަށް ޒުހައިރު ބައްލަވާލައްވަމުން، އެއްވެސް ޤައުމަކުން ދިވެހިރާއްޖެއަށް ފްލައިޓް އޮޕަރޭޓް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ، ފަތުރުވެރިކަމުގެ ނުވަތަ ޓޫރިޒަމްގެ ޞިނާޢަތަށާއި، އެ ވިޔަފާރި ކުރައްވާ ފަރާތްޕުޅުތަކަށާއި، ޖުމްލަ ގޮތެއްގައި، މުޅި ޤައުމުގެ އިޤްތިޞާދީ ލާބައާއި މަންފާއަށްޓަކާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން، އެފަދަ ބޯޓަކުން ރާއްޖެ އަންނާނެ ފަތުރުވެރިން، ކުރިއަށް ރިޒަރވްކޮށް، ބުކިންގ ހަދަމުންގެންދާ ކަމަށް ވިދާޅުވެ، ގިނަ ރިޒޯޓް ހިންގާ ކުންފުނީގައި، އެފަދަ ބުކިންގ، ނިސްބަތުން ގިނަވާނެކަން ޒުހައިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިޒުރޭލު ފްލައިޓް ހުއްޓުވުން، ފުރަތަމަ ޙައިސިއްޔަތުގައި ސަރުކާރަށްވުރެ ބޮޑަށް އޮތީ، އެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ކޮންޓްރޯލްގައި ކަމަށާއި، އިޒުރޭލު ބޯޓު ބޭނުންކުރައްވާނެ ފަތުރުވެރިންގެ ބުކިންގ، އެ ވިޔަފާރި ކުރައްވާ ފަރާތްތަކުން ކެންސަލް ކޮށްލެއްވުމުން، އެ ބޯޓު ރާއްޖެއަކަށް ނާންނާނެ ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
އައްޑޫސިޓީގައި ބެހެއްޓުނު ހަނދާނީ ބިނާތައް ސަރުކާރުން ނެންގެވުމަށް އަޑު އުފުއްލަވާފައިވާ އުފުއްލެވުމަށް އިޝާރާތް ކުރައްވަމުން، ޕްރެސް ސެކްރެޓެރީ ވިދާޅުވީ، މިކަމުގައި އިސް ދައުރެއް އޮތީ، އައްޑޫ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި ހަނދާނީ ބިނާތައް ނެންގެވުމާމެދު އެ ކައުންސިލުން ނިންމަވާ ނިންމެވުމަކަށް ސަރުކާރުން ހުރަހެއް ނާޅުއްވާނެ ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ނަވަނިތަމް ޕިއްލޭ، ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ، ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަން ހަމަޖައްސަވާފައިވަނީ، ދިވެހި ސަރުކާރަކުން ނޫން ކަމަށާއި، އެބޭފުޅާ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައާމެދު އެއްޗެއް ވިދާޅުވެވޭނީ އެ މަޖިލީހަށް ކަމަށެވެ.

ބަނގުރާ ވިއްކުމުގެ ވިޔަފާރިއަށް ޕްރެސް ސެކްރެޓެރީ ބައްލަވާލައްވަމުން، މިއީވެސް ދިވެހި ސަރުކާރުން ކުރައްވާ ވިޔަފާރިއެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުން މުޅިން މަނާކުރުމަށް ސަރުކާރުން ގެންދަވަނީ ވިސްނަވަމުން ކަމުގައި ޒުހައިރު ވިދާޅުވިއެވެ. “މީހުން ދިރިއުޅޭ އާދައިގެ ކުޑަ ރަށެއްގެ އާބާދީ ދުއިސައްތަ، ތިންސަތޭކަވަރުވާއިރު، ބައެއް ބޮޑެތި ރެޒޯޓްތަކުގައި ހަތަރުސަތޭކައަށްވުރެ ގިނަ ދިވެހިން ދިރިއުޅޭ.” ޒުހައިރު ވިދާޅުވިއެވެ. މިކަމާމެދު ސަރުކާރުން ވިސްނަވައި، މިހާރު ގެންދަވަނީ، މި ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުން މުޅިން މަނާކުރެއްވުމަށް ބައްލަވަންޖެހޭ ބެއްލެވުންތައް ކަނޑައަޅުއްވަމުން ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.