ބުދުގެސިފަ ހުރިކަމަށް ބުނާ މޮނިއުމަންޓް އައްޑޫގައި ނުބަހައްޓާން ރައްޔިތުންއުޅޭއިރު ބާރުދައްކައިގެން އެބެހެއްޓުމަކީ ސަރުކާރުން ކުރާންޖެހޭ ވަރުގެ ކަމެއްނޫން :ރައީސް

ފަހަލަސަޢީދު

hep-lanka-ah-450-x-299

ސާރކުގެ ގައުމުތަކުން އައްޑޫސިޓީގައި ބަހައްޓާފައިވާ މޮނިއުމަންޓް ތަކުގައި ބުދުސިފަވާކަމަށް ބުނެ އައްޑޫގެ ސިޓީގެ ބަޔަކު އެ މޮނިއުމަންޓްތައް ނުބަހައްޓާން އުޅޭއިރު ގަދަބާރުދައްކައިގެން އެ ބެހެއްޓުމަކީ ސަރުކާރުން ކުރާނެ ކަމެއްނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެކަޑަމީ ކޮމިޝަނިންގ ޕެރޭޑް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފް ވެރި މެހެމާނެއްގެ ގޮތުގައި ބައިވެރި ވެވަޑައިގަތުމަށް ސްރީލަންކާސަރުކާރުން ދެއްވިދައުވަތަކަށް ފުރާވަޑައި ގަންނަވަމުން ނޫސްވެރިންކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސްވިދާޅުވީ ރައްޔިތުން ބޭނުންނުވާކަމެއް ގަދަބާރުން ސަރުކާރުން ނުކުރައްވާނޭކަމަށާއި، މަސާޖްޕާލާތަކުގެ ތެރޭގައި ގަވާއިދާޚިލާފަށް ހިންގާ ތަންތަން ހުރިނަމަ އެތަންތަން ބަންދު ކުރެވެންވާނޭކަމުގައެވެ.
ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރަލާ އޫރުމަހާ ހަށި ވިއްކުމުގެ ވިޔާފާރި ފުޅާދާއިރާއެއްގައި ކުރާފަރާތްތަކަކީ އޭގެތެރޭގައި ހިމެނޭ މީހުންކަމަށާއި، އެއީ އިޚުލާޞްތެރި ފަރާތްތަކެއް ނޫންކަމުގައި ރައީސް ސިފަކުރެއްވިއެވެ،
އަދި އިސްލާމްދީނަކީ މެދުމިނުގެ ދީންކަމުގައި ވިދާޅުވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް އަލަށް ތައާރުފްވާ ކުށްތަކަށް ވެސް އަދަބު ކަނޑައެޅޭނީ ގާނޫނު ހެދިގެން ކަމަށާއި، މިޔުޒިކާއި ލަވަ އަކީ ޙަރާމް އެއްޗެއްކަން ގާނޫނަކުން ކަނޑަޅަން ޖެހޭނެކަމަށާއަދި އަންހެން ކުދިން ޚިތާނު ކުރާންޖެހޭތޯ ކުޑަކުދީންނަށް ވެކްސިން ދެވޭނެތޯ ނުވަތަ 9 އަހަރުގެ އަންހެންކުދީންނާ ކާވެނި ކުރުމަކީ ރަނގަޅުކަމެއްތޯ އަދި ޖާރިޔާއިން ގެންގުޅެވިދާނެތޯ މިހުރިހާ ކަންކަމަކީ ވެސް ދީނީ ޢިލްމުވެރީންނާ ސަރުކާރާ ގުޅިގެން މަޝްވަރާގެ މޭޒުތަކުން ނިންމާންޖެހިފައިވާ ކަންތައްތަކެއްކަން ވެސް ރައީސް ނަޝީދު ފާހަގަކުރައްވާފައި ވެއެވެ.
މިއަދު ރާއްޖޭގައި ހިނގަމުން މިދަނީ ކުރިން ހިންގާފައިވާފަދަ ވެރިކަމެއްނޫންކަމަށާއި، ގައުމީ އެއްބައިވަންތަކަމާ ސުލްހަ މަޞަލަހަތަށް އިސްކަން ދިނުމަކީ މިސަރުކާރުގެ ސިޔާސަތުކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.