ޖުޑިޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިންތި ސިޓީއެއް ފޮނުއްވައިފި

އިބްރާހީމް ރާމިޒް

majlis-inthi-3

ޝަރުޢީ ކޯޓުތަކުން ޙުކުމްކުރެވި، ތައުޒީރުކުރެވިފައިވާ ބައެއް ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި މައްސަލާގައި މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ޖުޑިޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އިއްޔެ ސިޓީ އެއް ފޮނުއްވައިފިއެވެ.
އިންތިގެ ސިޓީގައި ޝަރުޢީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާ ޤަދަރު ހިމާޔަތްކޮށްދިނުމާއި، އެތަންތަނަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމާއި، އެތަންތަނަކީ ރައްޔިތުން އިތުބާރުކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވުމަކީ ޤާނޫނު އަސާސީ ލާޒިމުކުރާ ކަމެއް ކަމަށް ވިދާޅުވެ، މިހެން މިކަން އޮތްއިރު، ބަދުއަޚްލާޤީ މައްސަލަތަކެއްގައި ކުށް ސާބިތުވުމުގެ ސަބަބުން ޝަރުޢީ ކޯޓުތަކުން ޙުކުމްކުރެވިފައިވާ ދެބޭފުޅަކު، ދާދިފަހުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ވަނީ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި، މިގޮތުން އައްޔަނުކުރެވުނު 2 ބޭފުޅުންނަކީ ކ.ގާފަރު ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރެވުނު ދ.މީދޫ، ބިއްލޫރިވިލާ ޢަލީ ޝަފީޤާއި، ގއ.ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރެވުނު ގދ.ތިނަދޫ، މީރާގެ އަޙްމަދު ޝަރީފް ކަމަށާއި، މި 2 ބޭފުޅުންގެތެރެއިން ޢަލީ ޝަފީޤަކީ އޭނާގެ މައްޗަށް ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ ކުށް ސާބިތުވެ، 7 އެތިފަހަރުން ތައުޒީރުކުރެވި، 4 މަސްދުވަހަށް އަރުވާލުމަށް ކޯޓުން ޙުކުމްކުރެވިފައިވާ ބޭފުޅެއްކަމަށް މައުލޫމާތުލިބިވަޑައިގެންފައިވާ ކަމަށާއި، އަދި އަޙްމަދު ޝަރީފަކީ ވެސް އޭނާގެ މައްޗަށް ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ ކުށް ސާބިތުވެ، 2 މަސްދުވަހަށް ގޭބަންދުކުރުމަށް ޙުކުމްކުރެވިފައިވާ ބޭފުޅެއްކަމުގެ މައުލޫމާތުލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އިންތިގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އިންތިގެ 3 ޞަފްޙާގެ މި ސިޓީގައި “ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު” ގެ 15 ވަނަ މާއްދާގެ (ބ) އަށް ރިއާއަތްކުރައްވައި، މިދެންނެވި ދެ ބޭފުޅުންނަކީ، ކުށް ސާބިތުވުމުގެ ސަބަބުން ޙުކުމް އައިސްފައިވާ ދެބޭފުޅުންކަމަށް ވީނަމަވެސް، އެ ދެބޭފުޅުންނަކީ އަޚްލާޤް ރަނގަޅު ބޭފުޅުންގެ ގޮތުގައި ބައްލައި، ޖޭ.އެސް.ސީ އިން އެދެބޭފުޅުންވަނީ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވާ ކަމަށާއި، ޤާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން، ފަނޑިޔާރުންނަކީ އަޚްލާޤް ރަނގަޅު ބަޔަކަށް ވާންޖެހޭ ކަމަށާއި، ދައުލަތުގެ އެހެން ފަރާތްތަކާ ޚިލާފަށް، މިޝަރުތު ހަމަވުމަށް ޤާނޫނު އަސާސީން ފާހަގަކޮށް، ލާޒިމުކޮށްފައިވާ ހަމައެކަނި ފަރާތްތަކަކީ ފަނޑިޔާރުންނެވެ. އަދި މިގޮތަށް ލާޒިމުކޮށްފައިވާ ހަމައެކަނި ފަރާތްތަކަކީ ފަނޑިޔާރުންކަމަށްވީހިނދު، އެކަމުގެ މުހިއްމުކަން އިންތިހާއަށް ބޮޑުވާންޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށް އިންތިގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
“އަދި އަޚްލާޤް ރަނގަޅު ބައެއްގެގޮތުގައި ބެލުމުގައި ޝަރުޢީ ކޯޓުން ކުށް ސާބިތުވެ، ހުކުމް އައިސް، ތައުޒީރުކުރެވިފައިވާ މީހުން ހިމެނި، ބެލެވޭނެ އެއްވެސް ހަމައެއް އޮތްކަމަކަށް ނުދެކެމެވެ. މީހުން މަރައި، ޓެރަރިޒަމްގެ އަމަލުހިންގާފައިވާ މީހަކީ އަޚްލާޤް ރަނގަޅު މީހެއްގެގޮތުގައި އިންސާނާގެ ބުއްދި ޤަބޫލު ނުކުރާނެކަމީ ވެސް ރަނގަޅަށް އެނގޭކަމެކެވެ. ނަމަވެސް ޖޭ.އެސް.ސީ ގެ އެ ނިންމެވުމުގެ ސަބަބުން މިދެންނެވި ދެ ބާވަތުގެ ކުށް (މީހުން މެރުމާއި ޓެރަރިޒަމްގެ ކުށް) ސާބިތުވެފައިވާ މީހުންނަށް ވެސް މުސްލިމް އުއްމަތެއްގެ މައްޗަށް ފަނޑިޔާރުކަންކުރުމުގެ ފުރުސަތު އެވަނީ ހުޅުވައިލެވިފައެވެ. މިފުރުސަތު މިގޮތަށް ހުޅުވައިލެވޭގޮތަށް ޤާނޫނު މާނަކުރެވޭނެ އެއްވެސް ހަމައެއް އޮންނާނެކަމަކަށް ނުދެކެމެވެ. އަދި ޤާނޫނު އަސާސީގައި ލާޒިމުކޮށްފައިވާ އަޚްލާގުގެ ބައިގެ މަގުސަދު ގެއްލުވައި ނުލެވޭނެ ވެސް މެއެވެ. އަދި އެމަގުސަދު ގެއްލޭގޮތަށް ޤާނޫނެއްގައި ލިޔެފައިވާނަމަ، އެކަމަށް ޤާނޫނީ ޙައްލެއް ނުހޯދައި ޖޭ.އެސް.ސީ އިން އެފަދަ ފަނޑިޔާރުން އައްޔަނުކުރެވިދާނެކަމަކަށް ނުދެކެމެވެ. އަދި އެފަދަ ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ ޖޭ.އެސް.ސީގެ ވާޖިބެކެވެ. ނަމަވެސް ޖޭ.އެސް.ސީ ގެ ފަރާތުން އެފަދަ މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކުރަމެވެ.” އިންތިގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

“ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު” ގެ 15 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާގޮތުން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ އަޚްލާޤް ރަނގަޅު ބައެއްކަމަށް ކަނޑައެޅުމުގައި ވަކި ސިފަތަކެއް އެމީހުންގެ ކިބާގައި ފުރިހަމަވޭތޯ ބަލަންޖެހޭ ކަމަށާއި، މިގޮތުން ފުރިހަމަވާންޖެހޭ ސިފަތަކަކީ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެ ހުކުމްކުރެވިފައިވުމާއި، އެޙުކުމެއް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާންޖެހުން ކަމަށާއި، މިގޮތަށް މި މާއްދާގައި ބުނާބުނުމުން އެނގެނީ، އަޚްލާޤް ރަނގަޅުކަމަށް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ އެންމެ ފުރަތަމަ ސިފައަކީ، އެމީހަކީ ކުށެއްކޮށްފައިވާ މީހެއްކަމަށްވުން ކަމަށާއި، އަދި ހަމަ އެހެންމެ އެނޫން މީހަކީ އަޚްލާޤް ރަނގަޅު މީހެއްކަމަށް ބެލެވޭނެގޮތެއް ވެސް ނެތުން ކަމަށް އިންތިގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި މާއްދާއަކީ ތާކުންތާކު ނުޖެހޭ މާއްދާއެއްކަން ރަނގަޅަށް އެނގޭ ކަމަށާއި، އަދި މި މާއްދާއަށް ރިއާއަތްކުރެވިގެން ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބެލެވިދާނޭކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް އިންތި ވިދާޅުވެފައިވެއެވެ.

“ވީމާ، އިސްވެ ދެންނެވުނު 2 ފަނޑިޔާރުން އައްޔަނުކުރެއްވުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމަލުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީ، އެމައްސަލައާއި އަދި މި މިނޫންވެސް މިގޮތަށް ހިނގާފައިވާ އެހެން މައްސަލައެއްވާނަމަ އެއް މައްސަލައެއް ވެސް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްލަވައިދެއްވައި، ޖޭ.އެސް.ސީ ޖަވާބުދާރީކޮށްދެއްވުމަށް އެދެމެވެ.” މިނިވަން މުޥައްސަސާތަކުގެ ކޮމިޓީއަށް ކޮޕީކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިއްޔެ ފޮނުއްވާފައިވާ އިންތިގެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.