މެންބަރުންގެ ޚިޔާލު: ވެރިކަމުގެ ބާރު އަލުންލިބޭތޯ ދީން އައްޑަނަޔަކަށް ހަދާ ރައްޔިތުންގެ ބޮލަށް ސަވާރުނުވާށެވެ!

ހަސަން މާހިރު، ހުޅުދޫ، އައްޑޫ ސިޓީ

އަދާލަތެވެ! މާތްވެގެންވާ އިސްލާމްދީނުގެ މަންހަޖަކީ އިސްލާމީ އުއްމަތް ކުރިއަރާދިއުމެވެ. މުސްލިމުންނަށް ދުނިޔެއިން ލިބެންހުރި ނިޢުމަތް ހަލާލުގޮތުގައި ހޯދައި، މުޅި އިންސާނިއްޔަތު ނުރައްކަލުން އެއްކިބާކޮށް، އުޚުރަވީ ޙަޔާތް ބާއްޖަވެރި ގޮތުގައި ލިބިގަތުމެވެ. ދާޅޭ ހައްދާޅޭކިޔާ، ދުނިޔެފަސާދަކޮށް، ކުރުނބަ ހެވާއިން ފަނިނެގުމުގެ އުސޫލުން ދުނިޔެފަސާދަ ކުރުމެއްނޫނެވެ. މިރާއްޖޭގައި ކަންހިނގާފައިވާ ގޮތާއި އިސްލާމީ ތާރީޙުގެ ތެރެއިން ހާއްދަފާތްދަ ދަސްކުރާށެވެ! ބޯދާ ކާބަފައިންގެ ޒަމާނުގައި ވެސް ހަރުކަށި އުސޫލުތަކުގެ މައްޗަށް ފަތުވާދިނުން ރާއްޖޭގައި އޮތީ ދަންނަބެއި ކަލުންގެ މެދުގައި ޚިލާފްތައް އުފެދިފައެވެ. މިކަން މުސްކުޅި ތާރީޚުން އެނގެއެވެ. އެހެންކަމުން ރަސްކަމުގެ ޙުކޫމަތުގެ ތެރޭގައި އިސްލާމީ ޙުކުމްތަކުގެ ތެރެއިން، އަތްކެނޑުމާއި މަރަށް މަރުހިފުމާއި ރަޖަމްކުރުން ފަދަ ބޮޑެތި ޙުކުމްތައް ރާއްޖޭގައި ތަންފީޒް ވަމުންނުދާތީ މިކަމުގެ މައްޗަށް އެއިރުގެ ބޯދާ ދަންނަބެއި ކަލުންގެ މެދުގައި ވެސް ޚިލާފުތައް އުފެދި އެކަމުގެ އިލްޒާމް ވެރިކަމުގެ ބޮލުގައި އެޅުވުނެވެ. ނަތީޖާއަކަށްވީ 16 ވަނަ ޤަރުނުން ފެށިގެން ރަސްކަމުގެ ދަރުބާރުން އެފަދަ ޙުކުމްތައް ތަންފީޒް ކުރުމުގެ ޢިލްމީ އުސޫލުތައް ކަނޑަ އެޅުއްވުމުގެ ބުރަ މަސްއޫލިއްޔަތު އެއިރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އިންނެވި އަލްއައްލާމާ އަލްޤާޟީ މުހައްމަދު ޝަމުސުއްދީން ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތައްޚާނާއި މަތިކުރެވުނެވެ. އެދުވަސްވަރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްޞުލްޠާން މުހައްމަދު ޟަމުސުއްދީން 1 ކީރިތި މަހާރަދުންނެވެ. ޙަގީގަތުގައި އެމަނިކުފާނަށް ވެސް މިފަދަ ބޮޑެތިޙުކުމްތައް އެމަނިކުފާނުގެ ޒަމާނުގައި ވެސް ތަންފީޒް ކުރެވިފައި ނުވެއެވެ. އެހެންމެ ރާއްޖެއިން ފެންނަން ހުރި ބޯދާ ފަނޑިޔާރުންގެ ލިއުއްވުންތަކާއި އެކިއެކި އަފޫރުއްބަ ދަންނަބެއި ކަލުންގެ އެއްވެސް ލިއުއްވުމަކުން ވެސް، އަދި ހަސަން ތާޖުއްދީންގެ ތާރީޙީ ސަފުޙާތަކުން ވެސް މަދުމީހެއްގެ އަތްކެނޑުން ފަދަ ނުވަތަ ރަޖަމުކުރުމުގެ ނުވަތަ ދަންޖެއްސުމުގެ ޙުކުމް ފަދަ ބޮޑެތި އަދަބުތައް ތަންފީޒް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، އެފަދަ ދީނީ ބޮޑެތި ޙުކުމްތައް ރާއްޖޭގައި ތަންފީޒް ނުވުމުގެ މައިގަނޑު ސަބަބެއްކަމުގައި ވަނީ ރާއްޖޭގެ މީސްކޮޅު މަދުކަމާއި ރާއްޖޭގެ އާދަކާދަތަކުގެ މައްޗަށް ތަންނުދެނީއެވެ. އެހެންނޫނަސް، މިފަދަ ބޮޑެތިޝަރުޢީ ޙުކުމްތައް ތަންފީޒް ކުރުމުގެ މައްޗަށް ދީނީ ދަންނަބެއި ކަލުންގެ މެދުގައި ޚިލާފްތައް ރާއްޖޭގައި އުފެދިފައިވާކަން ތާރީޙުން އެނގެއެވެ. ހަގީގަތަކީ އެއީއެވެ.
އައްޑޫގައި ބެހެއްޓި މޮނިއުމަންޓްގެ ވާހަކަދައްކާ އިރު، ސަޢުދި އަރަބިޔާގައި އިންސާނުންގެ ސޫރައަށް ހަދާފައިވާ ބުދުތަކެއް ނެތެވެ ނަމަވެސް މިސްރަކީ އަރަބި އިސްލާމީ ދުނިޔޭގެ ބިޔަގައުމެކެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން %85 ރައްޔިތުންނަކީ ސުންނީ މުސްލިމުންނެވެ އަނެއް %15 ޕަސެންޓަކީ ތަފާތުވަޟުޢީ ދީންތަކުގެ އަހުލުވެރިންނެވެ ނަމަވެސް، އެތާގެ ތަފާތު މައިދާންތަކުގައި ވަނީ އެތާގެ ކުރީގެ ރަސްކަންކުރެއްވި ރަސްރަސް ކަލުންނާއި އަމީރުންގެ ސޫރަ ރަތުލޯއިން ވިރުވާއަޅާ ހާމަ މައިދާންތަކުގަ އާއި ބޮޑެތިވާދީ ތަކުގައި ބަހައްޓާފައެވެ. އެތާގެ ތަހުރީރު ސްކުއާރގައި އެހުރީ މިސްރުގެ އެންމެބޮޑު ދާރުލްއާސާރެވެ އެތާގައިވަނީ ކުރީގައި މިސްރުގައި ވެރިކަންކުރި ފިރުޢައުނުންގެ ހަށިތަކާއި ސޫރަތަކާއި އެބާއިމީހުން އަޅުކަން ކުރުމަށް އެދުވަސްވަރު ގެންގުޅުނު ބުދުތަކެވެ. ވީހިނދު، މިސްރުގެ މުސްލިމު ރައްޔިތުން މިއަދު އެފަދަ ތަކެއްޗަށް އަޅުކަން ކުރުމުގެ އެއްވެސް ޝަޢުގުވެރިކަމެއް އެބަހުރި ހެއްޔެވެ؟ އަރަބި އިސްލާމީ ދުނިޔޭގެ ޢިރާގަށް ބަލާއިރު ޖިދިލަތު ކޯރުގެ ވާދީތަކާއި އެގައުމުގެ އެހެނިހެން މައިދާން ތަކުގައި ބަހައްޓާފައި ހުރި ބިޔަ ބުދުތަކާއި ތާރީޚީ ހާދިސާތައް ރަމްޒްކޮށްދޭ ތަފާތު ސޫރަތަކާއި ބުދުތަކުގެ ގިނަކަން ނިކަންދެކޭށެވެ! ނަމަވެސް އިރާޤުގެ މުސްލިމު ރައްޔިތުން އެފަދަ ތަކެއްޗަށް އަޅުކަން ކުރޭހެއްޔެވެ؟
ކަންއޮތީ މިހެންކަމުގައި ވީހިނދު، އިސްލާމީ ނަޒަރަކުން ބުދުހެދުމާއި ތަސްވީރު ކުރެހުމާއި އަދި މިތަކެތި ބެހެއްޓުމާއި ގެންގުޅުމުގެ ޙުކުމާއި މެދު ދިރާސާކޮށް، ކުރުކޮށް، ލިޔެލުމަކީ މުހިއްމުކަމެކެވެ. ތަސްވީރު: އަރަބިބަހުގައި ” ތަސްރީރު” މިބަހުގެ މާނައަކީ އުފެއްދުން ތަރުތީބުކުރުން ނުވަތަ އެފަދަ ތަކެތިވަކިވެ އެނގޭނެގޮތް ހެދުމެވެ. އެންމެހައި ތަކެތި އުފައްދަވާ އެތަކެތި ތަރުތީބު ކުރައްވަވާ އެކަތި އަނެކެއްޗާއި ވަކިކުރެވޭނެ އެންމެހާ ސިފަތައް އެފަދަ ތަކެއްޗަށް ދެއްވީ ގަދަ ކީރިތިވަންތަ ﷲ ތަބާރަކަ ވަތަޢާލާއެވެ. މިގޮތުން ﷲ ތަޢާލާގެ އެއް އިސްމަފުޅަކީ “އަލް މަންސޫރު”އެވެ މާނައީ ވުޖޫދުގައިވާހައި އެއްޗެއް ސޫރަކުރެއްވީ އެއްކައުވަންތަ ﷲ އެވެ އަދި މަޚުލޫގުންގެ ގިނަކަމާއެކުމެ ކޮންމެ އެއްޗަކަށްމެ ވަކިވެއެނގޭނެ ޚާއްސަ ސިފަތަކެއް ދެއްވާ އެންމެހައި ތަކެތި ﷲ ތަޢާލާ ތަރުތީބު ކުރެއްވިއެވެ. ﷲތަޢާލާ ވަހީކުރައްވަނީ ދެންތިމެން ﷲ ތިޔަބައިމީހުން ސޫރަކުރެއްވީމެވެ އަދިވެސް ވަހީކުރެއްވިއެވެ އަދި އެކަނލާގެ ތިޔަބައިމީހުން ސޫރަކުރެއްވިއެވެ ފަހެ އެކަނލާގެ ތިޔަބައިމީހުން ރީތި ސޫރައެއްގައި ލެއްވެވިއެވެ. ﷲ ތަޢާލާގެ މި މޫރިތިއާޔަތުން ގަޞާގަދަރަށް އީމާންވެގެން ތިބި މުސްލިމުން ލިބިގަންނަންވީ ފިލާވަޅަކީ ހިލަގަނޑަކުން މީހަކު ހަދާފައިވާ އެއްޗެއް ކަމުގައި ވިޔަސް އަދި އެހެން އެއްވެސް މައުދަނަކުން ވިޔަސް ނުވަތަ ލަކުޑިންކަމުގައި ވިޔަސް އެފަދަ އެއްވެސް އެއްޗަކަށް ރޫޙާނިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ލިބިފައި ނުވާހިނދު، އަދި ރޫޙާނިއްޔަތުގެ ބާރުދެއްވި ތަކެއްޗަކީ، މާނައީ ފުރާނަދެއްވި ހުރިހާދިރޭ ތަކެއްޗާއި، އެހެންމެ ދިރުންނުވާ އެންމެހާ ތަކެއްޗަކީ ވެސް ﷲ ތަބާރަކަ ވަތަޢާލާގެ ޔަދުޤުދުރަތުން ވުޖޫދުކުރެއްވި ތަކެތިކަމެވެ. ވީއިރު، މުސްލިމަކު ތަނެއްގައި ހުރި މޮނިއުމަންޓަކަށް ނުވަތަ ސޫރައެއްގައި މީހަކުހަދާފައި ހުރި އެއްވެސް އެއްޗަކަށް އަޅުކަންކުރާނެ ހެއްޔެވެ؟ ހަގީގަތުގައި ރާއްޖެއަކީ 800 އަހަރުގެ އިސްލާމީ ވަހުދަތު ދެމިއޮތް ގައުމަކަށް ވީހިނދު، މިރާއްޖޭގައި ދެމިގެންންއަންނަ އިސްލާމީ ޝަޙުސިއްޔަތުގެ މައްޗަށް މިއަދު ބަޔަކު ސުއާލު އުފައްދަނީ ކީއްވެހެއްޔެވެ؟
ނަބަވީ ދުވަސްވަރަކީ ރިސާލަތު ޤާއިމު ކުރެއްވުމުގެ ދުވަސްވަރަށް ވުމާއެކު، އެދުވަސްވަރަކީ މުޅި އިންސާނިއްޔަތު ޖާހިލުކަމުގެ ތެރޭގައި ފިތިބާރުވެ އަރަބިންގެ ތެރޭގައި ބުދަށް އަޅުކަންކުރުމުގެ އާދައޮތީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން ނަބީކަމުގެ ދުވަސްވަރު މަނާކުރެވުނު ތަސްވީރުތަކަކީ، އެފަދަ ތަކެތީގައި ތިންސިފައެއް ފުރިހަމަވާ ތަސްވީރުތަކެވެ. އިންސާނުން ފަދަ ޖަނަވާރު ފަދަ ފުރާނަވާ އެއްޗެއްގެ ވަސްވީރަކަށް ވުމެވެ. ނަމަވެސް އެފަދަ ތަކެތި ދީނީގޮތުން ބުދު ތަކަށްވުމުގެ ހަގީގީސިފަ ތަކަކީ، އެފަދަ ތަކެތި މަތިވެރިކުރުމަށް ބަޔަކު ގަސްދުކުރުމާއި، އަދި ﷲ ތާޢާލާގެ ހެއްދެވުމާއި އަމަލުފުޅާއި އެއްފަދަ އެއްޗެއް ކަމުގައި ނުވަތަ ތަކެތިކަމުގައި އެފަދަ ތަކެތި އިންސާނުން ގަބޫލުކޮށް ދަޢުވާކުރުމެވެ. ހަގީގަތުގައި މިބަޔާންކުރެވުނު ސިފަތަކުން އިސްތިސްނާވެ ނުވަތަ އެފަދަ ތަކެތި ﷲ ތަޢާލާގެ ހެއްދެވުމާއި އަމަލުފުޅާއި އެއްފަދަ ތަކެތިކަމުގައި ބަޔަކު އެއްވަރު ނުކުރާހާ ހިނދަކު، އެފަދަ ތަކެއްޗަކީ ނަބަވީ ޙިކުމަތައް ނަޒަރު ހިންގާއިރު، ބުދުކަމުގައި ނުބެލެވޭނެއެވެ. މިނަޒަރުން ވިސްނާއިރު، ދިވެހިރާއްޖެއަކީ މީގެ 858 އަހަރުކުރިން އިސްލާމީ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށް އެދީނުގެ މަތިވެރި މަންހަޖުގައި ދެމިތިބި ބަޔަކަށް ވީހިނދު، ވަކިޙާއްސަ ކަންތައްތަކެއް ރަމްޒްކޮށްދޭ ސިފަތަކެއްގެ މައްޗަށް ފަރުމާކޮށްފައިވާ މޮނިއުމަންޓްތަކަކީ ބަޔަކު އަޅުކަން ކުރުމަށްޓަކާ ބެހެއްޓި ބުދުތަކަށް މިއަދުވަނީ ކޮންގޮތަކުން ހެއްޔެވެ؟
ނަބަވީ ދުވަސްވަރުގައި މިފަދަ ތަސްވީރު ހަރާމްކުރެއްވުމުގެ ޙިކުމަތުގެ މައްޗަށް ރުޖޫޢަވާމާ ހިނގާށެވެ! ފެންނަންހުރި ދަލީލުތަކުގެ އަލީގައި މިފަދަކަންކަން ދިރާސާކުރާ އިރު، މިފަދަ ތަސްވީރުތައް ހަރާމް ކުރެއްވުމުގެ ޙިކުމަތެއް ކަމުގައި ޢިލްމީ ނަޒަރަކުން ފެންނަނީ މިފަދަ ތަކެތިހަދައި މިއީ ﷲގެ ހެއްދެވުން ފަދަ އެއްޗެހި ކަމުގައި ހަދައި ނުވަތަ މިފަދަ ތަކެއްޗަކީ އިލާހުންކަމަށް ހީކޮށް، މިފަދަ ތަކެއްޗަށް އަޅުކަންކުރާތީ އެކަންކަން އެޒަމާނުގައި މަނާކުރެއްވުމާއި ﷲއަށް ޝަރީކުކުރުން ފަދަ ބޮޑުވެގެންވާ ނުބައިއަމަލުތަކުން މުޅި އިންސާނިއްޔަތު އެއްކިބާކުރުމެވެ. މުރާދަކީ އިންސާނާގެ އަޅުކަން ﷲއަށް ޚާލިސް ކުރެއްވުމުގެ އިލާހީ މަތިވެރި ޙިކުމަތްފުޅެވެ. ހަގީގަތުގައި ކުދިންކުޅުމަށް ނުވަތަ ޒީނަތްތެރި ކުރުމަށް ތަސްވީރު ކުރެހުމާއި ބުދުހެދުމަކީ އަޅުކަންކުރުމަށް ހަދާ ބުދުކަމުގައި އެއްވެސް ހައިސިއްޔަތަކުން ނުބެލެވޭނެއެވެ. އެހެންކަމުން މިފަދަ ބުދުތަކާއި ތަސްވީރު ގެންގުޅުމުގެ ހުއްދަ ދީނީގޮތުން މުސްލިމުންނަށް ވަނީ ދެއްވާފައެވެ. އެކަމަކު ނަމާދުކުރުމަށް ބޭނުންކުރާ ހެދުމުގައިވާ ކުރެހުންތައް ފިޔަވައެވެ. މީގެއިތުރަށް ޢާއިޝަތުގެފާން ކުޅޭބުދުން ކުޅުއްވަން އިންނަވަނިކޮށް، އިތުރު އެކަލޭގެފާނަށް ފެނިވަޑައި ގަތުމުން އެކަންމަނަލެއް ނުކުރައްވައެވެ. ސުލައިމާނުގެފާނަށް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން ޖިންނީން އެކަލޭގެފާނަށް ބުދު ހަދާދިނުން ވާކަމަށް ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާން ކުރައްވާފައި ވެއެވެ.
ސުއާލަކީ، ރާއްޖެ އިސްލާމްވިތާ ހިނގާދިޔަ 858 އަހަރުތެރޭގައި ރާއްޖޭގައި ރަސްކަން ކުރެއްވި 83 ރަސްކަލުންގެ ތެރެއިން 9ވަނަ ހަސަން ރަސްގެފާން ފިޔަވައި ދިވެހިންގެ ދީނީ އަގީދާ ފަސާދަކޮށް، ތަޢައްޔަރު ކުރަން މަސައްކަތް ކުރެއްވި އެއްވެސް ރަސްކަލަކު އަދި ރަނިރަނި ކަނބަލަކު ވެސް ދިވެހިތާރީޙުން ފެންނަން ނެއްހިނދު، އަދި މުސްކުޅި ކާބަފައިން 9 ވަނަ ހަސަން ރަސްގެފާނަށް ވެސް އެފަދަ ފުރުސަތެއް ލިބިދީފައި ނެތްހިނދު، މިއަދު ރާއްޖެ އިސްލާމްވިތާ 800 އަހަރަށް ފަހު ހަރުކަށި ސޫފީ ވިސްނުމުގެ ދީނީ މުރައްބީން ރާއްޖޭގެ މުސްލިމު ރައްޔިތުންގެ ދީނީއަގީދާ ބަލިކަށިކޮށް، އެހެންވަޟުއީ ދީންތައް ގެންނަން އުޅޭކަމުގެ ދޮގުއިލްޒާމް އަދުގެ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ، ރާއްޖޭގެ މުސްލިމު ރައްޔިތުންގެ މެދުގައި ފިތުނައުފައްދާ މުޖުތަމަޢު ފަސާދަ ކޮށްލުމެވެ. ހަގީގަތުގައި މިހުރިހާ ކޫސަނި އިލްޒާމް ތަކެއްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ގައުމަށް ގެނެސްފައިވާ ޒަމާނީ އިސްލާހީ ބަދަލުތައް އިންދިރާސް ކޮށްލުމެވެ. އަތުންދޫވި ވެރިކަމުގެ ބާރު އަލުންލިބޭތޯ ދީން އައްޑަނަޔަކަށް ހަދާ ރައްޔިތުންގެ ބޮލަށް ސަވާރުވުމެވެ.
• މައުލޫމާތު ދަރިކޮޅަށް ވާރުތަ ވަމުންއައި ތަވާތޫރު ވާހަކަތަކުން،
• އަލްޤާޟީ މޫސާބަދުރުއްދީން،
• އައްޝޭޙް އިބްރަހީމް ( އަޙުލްޤާޟީ މޫސާ ބަދުރުއްދީން އައިސާބީގެ ދޮރު ދޮންބެއްޔާ