މެމްބަރުންގެ ޚިޔާލު: އުފާވާ ޒަމާނޭ އުފާވެރިވި ރާގޭ

ފަހަލަ ސަޢީދު

ދެހާސް އަށްވަނައަހަރު ދިވެހިންނަށް އިވުނީ ރައްޔިތުން ތަޙައްމަލް ކުރަމުން އައި އަޅުވެތިކަމުގެ ދިގުޒަމާން ނިމުމަކަށް ގެންނާނޭކަމުގެ އުފާވެރި ރާގެކެވެ.
އުފާވަނީ އެރާގުގެ ޙަގީގަތް އިޙުސާސް ވީމައެވެ.
އުފާވަނީ….
ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން މުޅިގައުމަށް ފެތުރިފައިވާ ނާމާންކަމާ ބިރުވެރިކަން ފިލުވާދިނުމަށްޓަކާ ސަރުކާރުގެ ވަޢުދުތައް މެކުހަށް ޖެހުމުންނެވެ. މަލާމާތުގެ ރާގުތަކުން އިވެމުންދިޔަ ބަނދިތައް ފުށުންޖެހި ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބޯހިޔާވަކަން ކަށަވަރު ވީތީއެވެ،
ރަށުބަންދުން ރައްޔިތުން ވީއްލި ބޯހިޔާވަހިކަންލިބި މުސްކުޅީން ގެބަލަދުވެރިޔަކީ ސަރުކާރު ކަމަށްވެ، ނުކުޅޭދޭމީހުންނާ އަޅާލާނެ ބަޔަކުނެތް ކުދީންގެ ބަލަދުވެރިކަމާ އެކަނިވެރިމައިންގެ ބަލަދުވެރިޔަކީވެސް ސަރުކާރު ކަމުގައި ކަނޑައެޅި ރައްޔިތުނަށް ހިލޭބޭސްފަރުވާ ކޮށްދީ ތަޢްލީމު ދިނުމުގެ ވާރިޘަކީ ސަރުކާރުކަމުގައި ހަމަޖައްސައި ދެއްވީތީއެވެ.
ރައްޔިތުމީހާ އުފާވަނީ ފުދުންތެރި މީހަކަށް ހަދައި ދިނީތީއެވެ.
ވަކިބަޔަކު މިރާއްޖޭގެ މަސްވެރިންގެ އާމްދަނީ ޚީޞާރު ކޮށްފައި ވަނިކޮށް ދުނިޔޭގެ އަގުތަކުގައި މަސްވެރިންނަށް މަސްވިއްކުމުގެ މިނިވަންކަން ހޯދައިދިނީތީ އުފާނުކުރާ މަސްވެރިޔަކު މިރާއްޖޭގައި ނެތަތީއެވެ.
އޭ ހިތާއެވެ، އަހާށެވެ، މާޒީވެދިޔަ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ބަންދުކުރެވިފައިވާ ދުލުގެ މިނިވަންކަން ތިޔަ ހިތްތަކާ ދޫތަކަށް ހޯދައިދިން އޯގާވެރި ސަރުކާރުގެ ހިތްތިރި ސިޔާސަތު އަޅުގަނޑުމެން ދިވެހިރައްޔިތުން ބަލައިގަތީ މިނިވަން އަމާން ވެށްޓެއް މިރާއްޖޭގައި ގާއިމުވެފއި އޮތުމަށް ބޭނުންވާތީއެވެ.
އޭ އަޚާއެވެ، ތިޔައަޚާގެ ރަށުގެ ރައްޔިތުންގެ ވިސްނުން ތަރައްގީވިޔަނުދީ ހިފެހެއްޓި އަނިޔާވެރިންނަށް މިގައުމު އަނބުރާ ހޯއްދަވާ ދެއްވަން ބޭނުންފުޅުވަނީ ކޮންސަބަބަކާ ހެދި ހެއްޔެވެ.
މިގައުމުގެ ދީނީ ވަޙުދަތު ގެއްލި ދިޔައީ ވެރިކަމަށް ދަޢުވާ ކުރަމުންއެދާ މައުމޫނުގެ އަނިޔާވެރި ލާދީނީސިޔާސަތުގެ ސަބަބުން ކަމަށް ގަބޫލުކޮށް އެކަމާ ދެކޮޅުހެދި ޢިލްމުވެރިން ގެ ބަހުލޫލުކަން ފެނި ޢަޖާއިބުވީ ނަމަވެސް އުފާވަނީ މިގައުމުގެ ކުރިމަގު އުޖާލާވެ ރައްޔިތުންނަށް އަނެއްދިވެހިރާއްޖެ ލިބޭތީއެވެ.
އަންނަ ޖެނުއަރީ އެކެއްގެ ކުރިން ސަރުކާރު ވައްޓާލެވޭތޯ ކުރިމަސައްކަތް ތޮޅިއަށް ދިއުމުން ބަޔަކުމީހުންނަށް އެބައިމީހުންކުރި އުންމީދުތައް ހުސްވެ މާޔޫސް ވެފައި ވީނަމަވެސް ރައްޔިތު މީހާ އުފާވަނީ ބޭނުން ރޮނގަކުން ބޭނުންގައުމަކަށް ގޮސް ތަޢުލީމު ޙާޞިލް ކުރުމަށް މިސަރުކާރުން ލޯންދޫކުރާތީއެވެ.
ސަރުކާރުން ވީވަޢުދު ފުއްދައި ދޭނަކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދިން ދިނުމާ ރައްޔިތުންގެ ތަރައްގީއަށް އައި ރަބީޢުމޫސުން ފެނި ހޭބުއްދިފިލާ ދިޔަނަމަވެސް ރައްޔިތުމީހާ އުފާވަނީ މިނިވަން ވިޔަފާރީގެ ސިޔާސަތެއް ލިބި ވިޔަފާރި ވެރިޔަކަށް ވުމުގެ ފުރުޞަތު މިސަރުކާރުން ހޯދައި ދިނީތީއެވެ.
ބޮޑާކަމާ ކިބުރުވެރިކަމުގެ ދާނުގައި ރައްޔިތުން އަޅުވެތިކޮށް ދުނިޔެއިންވާނުވާ އެނގުނަނުދީ ރައްޔިތުމީހާ ލައްވާ އާދޭސް ކުރުވިސިޔާސަތު ތަންފީޒުކުރި ރަސްގެފާނު މިގައުމުގެ ވެރިކަމަށް ގެނެވިދާނޭކަމަށް ބަޔަކު މީހުން ހީކުރި ނަމަވެސް ރައްޔިތުމީހާ އުފާވަނީ އެނިޒާމުން އުފާވާ ނިޒާމަކަށް ބަދަލުކޮށް އޯގާވެރި ހިތްތިރި ވެރިޔަކަށް މިސަރުކާރު ހިންގަން ލިބުނީތީއެވެ.
އޭހިތާއެވެ، އަހާށެވެ، ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދާ ޚިދުމަތް ތަކަށް ހުރަސްއަޅަމުން ދާ އިދިކޮޅު ފަރާތް ތަކުން މީޑިޔާގައި ނުހަނުފާޅުކަމާ އެކު ބަޣާވާތަކަށް މަގުފަހިވާ ގޮތަށް ގާނޫނުތަކާ ޚިލާފަށް ވާހަކަ ދައްކަމުން ގެންދާ އިރު
ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ އެފަދަ ފަރާތް ތައް މިނިވަންކަމާއެކު ދޫކޮށްލާފައި އޮތުމުން ވެރިކަމުގެ ޖާހާ ގަދަރަކީ މިއަދުރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަމެއްނޫންކަން ވަރަށް ސާފް ކޮށް އެނގިގެން ހިގައްޖެއެވެ.
ދިވެހިރައްޔިތުން ވޯޓުދީގެން ރައްޔިތުން އިންތިޚާބު ކޮށްފައިވާ ވެރިޔަކު އޯގާވެރިކަމާއެކު ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދުނު ކަންކަން ކުރުމުގައި ދެމިހުންނަވަނިކޮށް ގާނޫނާ ގަވާޢިދާ ޚިލާފަށް ވެރިކަންވައްޓާލަން ނުކުތުމުންވެސް ސަރުކާރު މަޑުން އޮންނަން ވީހެއްޔެވެ.
އެހެނަސް ސަރުކާރު އެ އޮތީ ރައްޔިތުންގެ އިޙުސާސްތަކަށް ގަދަރުކޮށް ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ބޭނުންވަނީ ކޮންމިންވަރަކަށްތޯ، އަދި ސަރުކާރު ބަދަލުކުރަން ރައްޔިތުން ބޭނުންވަނީ ކޮން ކަމެއް ސަރުކާރުން ކޮށްނުދީގެންތޯ ބެލުމަށެވެ.
ކިހާ އިންޞާފް ވެރިތޯއެވެ.
މިރާއްޖޭގެ ވެރިކަން މިއަދު މިއޮތީ މިނިވަން ޑީމޮކްރަސީ ނިޒާމަކުން ގާއިމުވެފައެވެ.
ޚުދުމުޚުތާރު ނިޒާމެއްގެތެރއިން ވެރިކަންކުރި މާޒީ އޮއްސިއްޖެއެވެ.
އަނިޔާވެރި އަޅުވެތިކަމުގެ ނިޒާމު ބަދަލުކޮށް ހަށިވީއްލިފައިވާ މިނިވަން ނިޒާމެއް ގާއިމު ކޮށްދިން ސަރުކާރު ބަދަލު ކުރަން އެ އުޅެނީ ކުރީންވެސް ރައްޔިތުންނަށް އަނިޔާވެރިވި ފަރާތްތަށް ކަން ގިނަ ރައްޔިތުން ނަކަށް ނުއޮޅޭނެއެވެ.
އަޅުގަނޑު މިއަދުގެ ރައީސަށް ހޫނުމަރުޙަބާއެއް ދަންނަވަމެވެ،
ސަބަބަކީ މިރާއްޖޭގެ ވެރިކަން ގާނޫނާޚިލާފަށް ވައްޓާލަން ބަޔަކު ރާވަމުންދާއިރު އަދި ބަޣާވާތް ކުރަމުންދާއިރު އޭގެ އެއްވެސް މީހަކާމެދު ގާނޫނީ ފިޔަވަޅެއް އަޅުއްވާފައި ނުވާތީއެވެ.
ނަމަވެސް މިރާއްޖޭގައި ފިތުނަ ފަސާދަ އުފައްދާ ގައުމީ މަސްލަޙަތު ނަގާލަން މަސްއކަތް ކުރަމުންދާ މީހުން ސަރުކާރު ބޭނުންވެއްޖެ ނަމަ ބަންދުކުރެވިދާނޭކަން ރާއްޖޭގެ ގާނޫނު ތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރައްޔިތުމީހާ އަމިއްލަ ފައިމަށްޗަށް ތެދުވެވޭ ގޮތް ވުމުން ލިބިގެންދާ މިނިވަން އުފާ ތަކުން ރައްޔިތުމީހާ މަހުރޫމް ކޮށްލަން ރާވަމުންދާ ފަރާތްތަކާ ރައްޔިތުމީހާ ގުޅިއްޖެނަމަ އެފަދަ ރައްޔިތުމީހާއަކީ ބުއްދިސަލާމަތުން ހުރިމީހެއްތޯ ވިސްނާން އެބަޖެހެއެވެ.
ރައްޔިތުންގެ ބޭނުންތަކަށް ކައުންސިލް ތަކުން ޚަރަދު ކުރުމަށްޓަކާ ސަރުކާރުން ދެއްވާ ފައިސާ ކަނޑާލުމުން ރައްޔިތުންނަށް ވާނީ ފައިދާތޯއެވެ.
އިދިކޮޅުފަރާތްތަކުން މިހާރު އެކުރާ މަސައްކަތަކީ ރާއްޖޭގެ ކައުންސިލް ތަކަށް ސަރުކާރުން ކަނޑައެޅި ފައިސާ ބަޖެޓުން އުނިކުރުމުގެ މަސައްކަތެވެ.
ކަންމިހެން އޮތްހިނދު އެފަދަބަޔާކާ ގުޅިގެން ސަރުކާރު ވައްޓާލީމާ ދެންވާނީ ކިހިނެއްތޯވެސް ބަލަން ވާނެއެވެ.
މި ސަރުކާރުން ހަލާކުކުރި ޒުވާނަކު ނުހުންނާނެއެވެ.
އަދި މިސަރުކާރުން މަސްތުވާ އެއްޗެތި ދީގެން ހަލާކު ކުރި ޒުވާނަކުވެސް ނުހުންނާނެއެވެ.
އަދި ސިޔާސީ މައްސަލައެއްގައި ޖަލަށްލީ މީހަކުވެސް މިގައުމަކު ނުހުންނާނެއެވެ.
ދީނީ ނަސޭޙަތް ދީގެން މިސަރުކާރުން ބަންދުކުރި ޢިލްމުވެރިޔަކުވެސް ނުހުންނާނެއެވެ.
މިހުރިހާ ކަމެއް ހުރީ މިހެން ކަމުގައި ވިއަސް ގާނޫނަށް ބެލުމެއްނެތި ކަންކަން ކުރަމުންދާނަމަ މިގައުމު އަމަން އަމާންކަން މަތީ ބޭއްވުމުގެ މަސައްކަތް ސަރުކާރު ނުފަށްޓައެއް ދެނެއް ނުއޮންނާނެއެވެ.
މިނިވަން ކަން ލިބުމުން ޙައްދުން ބޭރުވައްޖެނަމަ ދެންވާންވީ ހުރިހާގޮތެއްވެސް ނުވެއެއް ނުދާނެއެވެ.