ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށާއި ފީވަކަށް ވަޑައިގެން އެ ދެރަށުގެ ކައުންސިލާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއަށާއި، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީ ނަރުދުއަށާއި ފީވަކަށް އިއްޔެ ވަޑައިގެން، އެ ދެ ރަށުގެ ރަށު ކައުންސިލާއި، އަދި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ނަރުދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ހދ. ކުޅުދުއްފުށީގައި އެރަށުގެ ވަރަށް ގިނަ ކުދިން ކިޔަވަން ތިބުމާއެކު، އެކުދިންނަށް ކުޅުދުއްފުށީގައި ފަސޭހައިން ދިރިއުޅެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްޓަކައި، ކުޅުދުއްފުށީ ކައުންސިލާއެކު ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ނަރުދޫ ތަރައްޤީވާނީ ނަރުދޫގެ ހުރިހާ ކުދިންނަށް ރަނގަޅު ތަޢުލީމެއް ދެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށް ކުރެއްވި ދަތުރުފުޅަށްފަހު، ފީވަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށަކީ ދަނޑުވެރި ރަށަކަށްވާއިރު ދަނޑުވެރިން ހައްދާ އުފެއްދުންތައް މާކެޓްކުރެވޭނެ މަގުތައް، ސަރުކާރުން ގެންދަވަނީ ފަހިކޮށްދެއްވަމުން ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދަނޑުވެރިންނަށް، މިހާރަށްވުރެވެސް ފުޅާ ދާއިރާއެއްގައި ސަރުކާރުން އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. ނަރުދުއަށާއި، ށ. ފީވަކަށް ވަޑައިގެން މި ދެރަށުގެ ރަށު ކައުންސިލާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، މި ދެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.