ފުނަމާ
ދިވެހި ރާއްޖެއަކީ މެދުކެނޑުމެއްނެތި އިންސާނުން ދިރިއުޅެމުން ގެންދާތާ ރަނގަޅު ދެތިންހާސް އަހަރު ވެފައިވާ ގައުމެއްކަން ތާރީޚުން އެނގޭން އެބައޮތެވެ. މީގެތެރެއިން ގައިމުވެސް ދިގު އަށްސަތޭކަ އަހަރު ދިވެހީން މިއަންނަނީ މިގައުމުގައި ތައުޙީދުގެ އަޑު އުފުލަމުން ﷲއަކްބަރުގެ ނަޣަރާ އިއްވަމުންނެވެ. ފަސްވަގުތު ނަމާދު ކުރުމަށް މިސްކިތްތަކުން ބަންގި ގޮވަމުންނެވެ. އެއިރަކާ ، ޒަމާނަކަށް އެންމެ އެކަށީގެންވާ ގޮތަށް މީސްތަކުންނަށް ދީނީގޮތުން ދެވޭންއޮތް އެހީތެރިކަމެއްދީ މިމަތިވެރި އިސްލާމްދީން ހިމާޔަތް ކުރަމުންނެވެ. ދިވެހީންގެ ކަރަށް ފައިންއެރި ބިދޭސީ ބަޔަކަށްވެސް ދިވެހީންގެ އަގީދާއަކާ މިހާތަނަށް ކުޅެލެވިފައެއް ނެތެވެ. އެކަމަކު ހަގީގަތަކީ އަގީދާ ބަލިކަށި ފާސިގު ބަޔަކު ހުރިހައި ޒަމާނެއްގައިވެސް މިދިވެހި ފަސްގަނޑުގައި އުޅެފައި ވާކަމެވެ. ދީނުގައި ހިފައިގެން ސައްތައިން ސައްތަ އިސްލާމުންނޭ ބުނެ މިފަސްގަނށުގައި ދިވެހީން އުޅެމުން ގެންދާއިރު ދީނުގައި ހަރާމް ކުރައްވާފައިވާ ފާހިޝް ހުރިހައި އަމަލުތަކެއް ކުރަމުން ގެންދާ އަގީދާ ބަލިކަށި ބަޔަކުވެސް މިގައުމުން ނުފެންނަ ޒަމާނެއް ދިޔަކަމަކަށް ނުވެއެވެ. ނަމަވެސް ދިވެހީންނަކީ އިސްލާމުންނޭ މިގައުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކޭ ބުނެ ފަޚުރުވެރިވާ ޚާލު ނަސީބުވެރި ކޮންމެ ދިވެއްސަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދަންނަވަމުން ވެރިކަމުގެ ބަވައްޗާއި އާޖުފާޖު ބަދަލުވީއިރުވެސް މިހާތަނަށް އަޅުގަނޑުމެން މިދެމިތިބީ ފަޚުރުވެރި ކަމާއެކުގައެވެ.
ދިވެހީންނަށް އިސްލާމް ދީން ދަސްވީކީ މިގައުމުގައި ސުމާރެއް ނެއްވަރަށް ބަނގުރަލާއި އޫރުމަހާއި ޕާލާތައް ހަދައިގެން ވިޔަފާރިކޮށް ބިލިއަ ނަރަކަށް ވެފައިހުރި މަހުޖަނަކު ، އަފުޣާނާއި ޕާކިސްތާނުފަދަ ގައުމުތަކުގެ ޖަންގަލި ތަކުގެ ތެރޭގައާއި ފަރުބަދަ ތަކުގެ މަތީގައި ލޫޓުވާން އުޅުނު ދެތިން ކެނައިން ގެނެސް އެމީހުން ލައްވައި ޝަހާދަތް ކިޔައި ދީގެންނެއް ނޫނެވެ. އަހަރެމެންގެ ކާބަފައިންވެސް އުޅުނީ މިދީނަށް ޝަހާދަތް ކިޔަން ލިބުނު ހިސާބުން ފެށިގެން ސައްޚަ އިސްލާމް ދީންމަތީގައެވެ. މަދުމީހަކު މެނުވީ މިދީނުން ބޭރުވެ މުރުތައްދު ވެފައެއް ނުވެއެވެ. މީސްތަކުންގެ ހިތްތައް މޮޅަށް ދެނެވޮޑިގެން ވަނީ ﷲއެވެ.
މިގައުމުގެ ތާރީޚުގައި އަމިއްލަ ވެރިކަމާއި މުސްތަގިއްލު ކަމުގައި އުޅެމުން ގެންދިޔަ ދުވަހެއް މެނުވީ ދިވެހީން ދެކިފައިވަނީ މަދުންނެވެ. ބޭރުގެ ބާރުތަކެއްގެ އަޅުވެތިކަން ދިވެހީން ދެކިފައިވަނީ މަދު ދެތިން ފަހަރަކުއެވެ. އެކަމަކު މިވީ ދިގު ތާރީޚުގައި ދިވެހި ރާއްޖޭގެ ރައްޔިތުންނާއި ދީނަށް އެންމެ ބޮޑަށް ފުރައްސާރަކޮށް މަލާމާތް ކުރީ ކޮންވެރިއެއް ހެއްޔެވެ؟
އަސްމާ ޖަހާންގީރަކާއި ، އައިމިނާ ވަދޫދެއް މިގައުމަށް ދައުވަތު ދީގެން ގެނެސް ދިވެހީންގެ ދީނަށް ފުރައްސާރަ ކުރުވީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ދެފާދިރީންގެ ވެރި ސޮލީބު ކަރުގައި އެލުވައިގެން މުޅިރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ތިއްތި ދެއްކީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ މިގައުމަށް އުފަންވާންތިބިހާ ދަރީން އާބާދީ ތައުލީމޭ ކިޔައިގެން ދުނިޔެއަށް އަޔަނުދީ މަރާ ހުސްކުރީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ދިވެހި ރައްޔިތުންގެ ބަޔަކު ރަމަޟާންމަހު އިއުތިކާފަށް ތިބޭނެ ތަންކޮޅެއް ނުލިބިގެން މީހެއްގެ އަމިއްލަ ގެއެއްގައި މިސްކިތް ހަދައި ނަމާދުކުރާން ތިއްބައި ދުވެގޮސް ހިފައި ހައްޔަރުކޮށް ، އޮރިޔާންކުރީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ލަނޑާ ގިރާވަރުގައި ބޮޑުބުދުކޯލެއް އަޅައި ބުދަށް އަޅުކަންކުރާ މީހުންގެ އަތުން ލާރިގަނޑު ކާލީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ގަނޑުވަރުގެ ތެރޭގައި ރާވައިގެން ރާއްޖޭގެ އެތަކެއް ރައްޔިތުން ނަސާރާ ދީނަށް ވަނުމަށް މަގުފަހި ކޮށްދިނީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ މަދަރުސާ ތަކުގައި އުޅޭ ތުއްތު ކުދީންނެރެ ވެރިމީހާއަށް ސަޖިދަ ކުރުވީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟
މީހެއްގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ބަނގުރާ އެތެރެ ކުރާތީވެ ބުއިމީހެކޭ ވިއްކި މީހެކޭ އުފުލި މީހެކޭ ހުއްދަދިން މީހެކޭ ނުބައި ނުލަފާކަމުގައި އެއްވަރޭ ގޮވަގޮވާފައި ތިމާއަށް ވެރިކަން ލިބުނީމައި މިގައުމުގެ ރަށްތަކުގައި ދިޔަބޮޑުވާވަރަށް ބަނގުރާ އެތެރެކުރުވައި އޫރުމަސް ވިއްކުވީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ފުރިގެން ތިރީސްއަަހަރު ވެރިކަން ކުރިއިރު އިސްލާމްދީނުގެ ހައްދުތައް ގާއިމު ނުކުރިތާ ހަމަ ފާޅުގައި އެކަމާ އިންކާރުކޮށް ހެދީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ދީނީ އިލްމުވެރިޔެކޭ ބުނާ ކޮންމެ މީހެއް އޮރިޔާންކޮށް އައިބު ގުނަވަންތަކުގައި ތަޅާ ދެފިރިހެނުން ހުރަހަކާނުލައި ދެކުރިމަތިފަރާތް ޖެހޭގޮތަށް ބަނދެ ނަމާދުކުރިޔަނުދީ އަނިޔާކުރީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ފިރިހެނުން ތުނބުޅި ބެހެއްޓުމަކީ މިދީން ލާޒިމްކުރާ ކަމެއް ނޫންކަމުގައި ބުނެ މީހުން ހިފައި ހައްޔަރުކޮށް ޗިލީސޯސް ޖަހައިގެން ތުނބުޅި ބޭލުވީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ އެވަރުން ނުވެގެން ދިވެހި ރައްޔިތުންގެ ގަޔަށް ފާޅުގައި ބަޑިޖަހައި މެރީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ މިމާލޭގައި ހުރި މިސްކިތް ތަކަށްވުރެ ތެޔޮދަމާތަންތަން ގިނަކުރުވައި ފާޙިޝް އަމަލުތަކަށް މަގުފަހިކުރުވީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟
ހަމައެހެންމެ ބުނެބަލާށެވެ. މިދިގު ތާރީޚުގައި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް ގާއިމުކުރީ ކިތައް އަހަރުން ކާކުހެއްޔެވެ؟ ދިވެހީން ރިބާގެ ވަބާއިން ސަލާމަތް ކުރުވުމުގެ ނިޔަތުގައި އިސްލާމީ ބެންކެއް ގާއިމު ކޮށްދިނީ ކިތައް އަހަރުން ކާކުހެއްޔެވެ؟ މިގައުމުގައި ހިތުހުރި މިންވަރަކަށް ހިތުހުރި ވާހަކައެއް ދެއްކުމަށް ދުލުގެ މިނިވަންކަން ހޯދައިދިނީ ކޮންއިރަކު ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟