އެމްޑީޕީ މެދުމިން ގޮފީގެ ނަމުގައި ގދ. ނަޑެއްލާގައި އެމްޑީޕީގެ ގޮތްޕެއް އުފައްދައިފި

އިބްރާހީމް ރާމިޒް

nadellaނަޑެއްލާގައި ބޭއްވި އެމްޑީޕީގެ ޖަލްސާ އެއްގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ

” ދިވެހިން މެދުމިނަށް ތާއީދު ” ކޮށް ޑިސެމްބަރ 23 ވަނަ ދުވަހު ބޭއްވި މުޒާހަރާޔާއި އެކު ރާޖޭގެ ދެކުނުގައި 1050 މީހުންގެ ކުޑަކުޑަ އާބާދީ އެއް އޮންނަ އަދި ޑީއާރުޕީ ގެ މެޖޯރެޓީ އެއް ކުރިން އޮތް އެހެން ނަމަވެސް ޕީޕީއެމް އުފެދުމާއި އެކު ޑީއާރުޕީ ފުނޑު ފުނޑުވެ ދިޔަ ދިޔަ ދިޔުމުގައި، ޑީއާރުޕީ ގެ ފިކުރުން ބައެއް ޒުވާނުން ނެއްޓި އެމްޑީޕީގެ ފިކުރާއި ގުޅެމުންދާ، ގދ. ނަޑެއްލާގައި ” ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީ ” ގެ ނަމުގައި އެމްޑީޕީގެ ގޮތްޕެއް އުފައްދައިފި އެވެ.

ޑީއާރުޕީގެ އަޤްލަބިއްޔަތު އޮންނަ ކައުންސިލެއް އޮތް ނަމަވެސް މިހާރަކަށް އައިސް އެމްޑީޕީގެ ރޫޙް ދިރެމުން، ވަރުގަދަވަމުން އަންނަ، ގދ. ނަޑެއްލާ އަކީ ކުރިން ކަތީބުންގެ ބިރުދެއްކުމުގެ ސަބަބުން އެމްޑީޕީ ގެ ބައެއް ކެމްޕެއިން ޓީމު ތަކަށް ހުރަސް ތަކަކާއި ދިމާވި ރަށެކެވެ. އެގޮތުން 11 ނޮވެމްބަރ 2006 ގައި އެމްޑީޕީ ގެ ގޮފިތަކެއް ނަޑެއްލާގައި އުފެއްދުމަށް އެމްޑީޕީ ގެ ވަފުދެއް ނަޑެއްލާ އަށް ޒިޔާރަތް ކުރުމުން ކަތީބުންގެ އުދަގުލާއި ބިރުދެއްކުން އެ ޓީމަށް ވަނީ ކުރިމަތި ވެފައެވެ.

“އެއްކަލަ ކަތީބު” ގެ ފިކުރުގައި ތިބެ ރައްޔިތުނަށް ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބުގައި ޅައެއްޗެއް ހަދާފައެވެ. އެ ކަތީބުގެ ބަހަށް ޑީއާރްޕީ ގެ ކައުންސިލެއް ނަޑެއްލާގައި 05 ފެބުރުއަރީ 2011 ގައި ވުޖޫދު ކުރެވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިއަދު މިވަނީ ގޮތްހުސްވެ މާޔޫސް ވެފައެވެ. ރަށުގެ ޕެސްޓް ކޮންޓްރޯލް ނުބެލެހެއްޓުމުގެ ސަބަބުން ރައްޔިތުން މިއަދު ވަނީ ބަލިމަޑުކަމުގެ ތެރޭގައެވެ. އަދި ރަށްވެހި ތަރައްޤީގެ ޕްލޭން އާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމުގައި ރަށު ކައުންސިލުން އަމަލު ކުރި ގޮތުން ރައްޔިތުން ވަނީ މާޔޫސް ވެ، އެއްކަލަ ކަތީބު” ގެ ވިސްނުމަށް މިއަދު އެޅުނު ޅައެއްޗާއި މެދު ފިކުރު ބޮޑުވެފައެވެ”.

ނަޑެއްލާގެ ޒުވާނުން “އެއްކަލަ ކަތީބު” ގެ ބިރުފަހަނަޅައި އައިސް މި އަދު ގެންދަނީ އެރަށުގައި އެމްޑީޕީ ވަރުގަދަ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 23 ނޮވެމްބަރ 2011 ގައި ނަޑެއްލާގައި އުފެދިގެން މިދިޔަ ގޮފި މިސާލަކަށް ފުދެއެވެ. އަދި 2013 ގެ ކުރިން އެމްޑީޕީ ގެ ޗޭނަށް އިތުރު ބޮޅުތަކެއް އެމުނިގެން ދާނޭ ކަމުގައި ނަޑެއްލާ އެމްޑީޕީ ފޯކަލް ޕޮއިންޓް އަލްފާޟިލް އިބްރާޙިމް ނިޔާޒް ވިދާޅު ވިއެވެ.

ނަޑެއްލާގައި މި އުފެއްދި ގޮފީގެ އަމާޒަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހި ކަމުގައި ތާއަބަދަށް ނަޑެއްލާ، އަދި މި ރާއްޖެ ދެމި އޮތަދިނުން ކަމަށާއި ރައްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް މާތްވެގެންވާ އިސްލާމް ދީނުގައި އުޅެވޭނެ ފަދަ މެދުމިނުގެ ސިޔާސަތެއް އެމްޑީޕީ ގެ ސަރުކަރުން ގެންގުޅެމުންދާތީ އެކަމާއި، ހިންހަމަ ޖެހި އުފާ ވާކަމަށާއި ނަޑެއްލާ އިން 2013 ގައި އެމްޑީޕީ އާއި މި ސަރުކާރަށް ނަތީޖާ ނެރުމަށް ޓަކައި މި ގޮފީގެ ކޮންމެ މެމްބަރެއްމެ ކަށިން ހިތްވަރުލާ ނިކުމެ ހުރިކަމަށާއި ސަރުކާރުގެ ސިޔާސަތު ތައް ރައްޔިތުނަށް އޮޅުންފިލުވައި ދިނުމުގައި މި ގޮފީގެ 50 އެތައް މެމްބަރުންނަކާއި މުޅި ނަޑެއްލާ ތެދުވެ ކަށިން ހިތްވަރުލާ އާ އަޒުމަކާއި އެކު 2013 ކާމިޔާބު ކުރުމަށް އަތުކުރި އޮޅާ ލާފައި ވާ ކަމުގައި ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ފައުންޑަރ އަލްފާޟިލް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ.

ނަޑެއްލާގައި އަދި މި ރާއްޖޭގައިވެސް އިސްލާމް ދީން ކުރިއެރުމުގައި އެމްޑީޕީ ގެ ސަރުކާރަށް ވުރެ ވަކިން ޤާބިލް ހިތްވަރުގަދަ ކެރޭ، ޗިލީ ސޯސް އާއި އުންޑަ އަދި ވަޔަށް ޖައްވަށް ފަޒާއަށް ޖެހި ބަޑިތަކުގެ އަޑާއި އެކު މުގުރުބުރީގެ ބިރާއި ހިއްދަތި ކަމުގައި އެމްޑީޕީ ގެ ސަރުކާރެއްގައި ދީނީ އިލްމުވެރިން ނޫޅޭނޭ ކަމަށާއި އެހެން ކަމުން މި ކަމަކީ މި ޕާޓީ އާއި މި ގޮފިތަކުން ފަޙުރުވެރިވާ ކަމެއްކަމުގައި އެމްޑީޕީ ނަޑެއްލާ ޒުވާނުންގެ ގޮފީގެ ރަޢީސް އަލްފާޟިލް މުޙައްމަދު އަބްދުﷲ ވިދާޅުވިއެވެ.

ނަޑެއްލާ އެމްޑީޕީ ފިޔަލަ ގޮފީގެ ރަޢީސް އަލްފާޟިލް އަބްދުﷲ ރަޝީދު ވިދާޅުވީ މިޔަށް ވުރެ ވަކިން މިނިވަން ކަމާއި އެކު ހިޔާލް ފާޅުކޮށް ދީނީ ވައުޟު ވިދާޅުވުމުގެ ފުރުސަތު މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ދިވެހިން ދެކެފައި ނުވާ ކަމަށާއި ޤާނުން އަސާސީސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލް ފާޅުކުރުމުގެ ހައްޤަކީ މި ސަރުކާރާއި މި ޕާޓި އިން ހޯދައި ދެއްވި މިނިވަން ކަމެއް ކަމުގައި ވީހިދު މި ސަރުކާރާއި ދެކޮޅަށް ނިކުމެ ހުސް ބަހަނާ ތަކަކާއި އެކު އިންދިކޮޅު ފަރާތް ތަކުން މި ކުރާ ކަންކަމަކީ ފަހަރެއްގައި އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ހެޔޮނުވިސްނޭތީ ކުރާކަމެއް ކަމުގައި ވިދާޅުވިއެވެ.

ނަޑެއްލާގެ ޑި.އާރް.ޕީ ގެ ކައުންސިލް އިން އިސްނަގައިގެން ހުކުރު ދުވަހު ނަޑެއްލާގައި ކުރަން އުޅުނު މުޒާހަރާއަށް ނަޑެއްލާގެ ރައްޔިތުން ދީފައިވަނީ ބީރު ކަންފަތެކެވެ. އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި ދީން ފުނޑު ފުނޑު ކޮށްލަން ކައުންސިލްރުން ނިކުތީ ކަމުގައި ނަޑެއްލާގެ ގިނަރައްޔިތުން ބުނެއެވެ. އަދި މި ހަރަކާތުގައި ކައުންސިލަރުންނަށް ލިބުނީ ހިތްދަތި ނަތީޖާއެކެވެ. ރައްޔިތުންގެ ކުރިމަތީގައި ލަދުބޭޒާރު ވީއެވެ. މި ހަރަކާތަށް ނަޑެއްލާއިން ނިކުމެފައި ވަނީ ޖުމްލަ 10 މީހުންނާއި، 18 އަހަރުންދަށުގެ 5 ވަރަކަށް ކުދިން ކަމަށް ނަޑެއްލާއިން ޚަބަރުދެއެވެ. އަދި މިއީ ކައުންސިލްގެ ނާގާބިލް ކަމުގެ ސަބަބުން ޑީ.އާރް.ޕީ ގެ ކައުންސިލް ރައްޔިތުންގެ މެދުގައި ފެއިލް ވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އެރަށުން ބުނެއެވެ.