ނޫސް ބަޔާން: ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނޫސްބަޔާން

mdp-logo

23 ޑިސެމްބަރ 2011ވީ ހުކުރުދުވަހުގެ ހަވީރު “އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން” މި ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާއަކީ އިސްލާމްދީން ހިމާޔާތްކުރުމަށް ގޮވާލުމަށް ބޭއްވި ސުލްހަވެރި މުޒާހަރާއެއް ކަމަށް އެމުޒާހަރާ އިންތިޒާމްކުރި ފަރާތުން ބުނެފައިވާއިރު، އެމުޒާހަރާގައި އިދިކޮޅު އެންމެހާ ސިޔާސީ ލީޑަރުންނަށް ފުރުސަތުދީ، ދައްކަމުންގެންދިޔަ ވާހަކައިގެ ރާގު ބަދަލުކޮށް، ރައީސުލް ޖުމްހޫރިއްޔާއަށް އަމާޒުކޮށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދައްކާ ، ދައުލަތުގެ ޤާނޫނީ ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާ އަށް ތަފާތު އެކި އިންޒާރުދީ، ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުން ކުރާ ބާވަތުގެ ޑިމާންޑްތައްކޮށް، ސަރުކާރު ވައްޓާލުމަށް ހިތްވަރުދީ، އެކިއެކި މުހުލަތުތަށް ދީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ބިރުދައްކާފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ.
އިސްލާމްދީނަކީ ފިތުނަފަސާދައާއި މަދަނީ ހަމަނުޖެހުމަށް ހިތްވަރުދޭ ދީނަކަށް ނުވާއިރު، ދީނުގެ ނަމުގައި ދަންނަބޭކަލުންގެ ތާޖު އަޅައިގެން ތިބި ބަޔަކު ސިޔާސީ މަޤުސަދުތަކެއް ހާސިލްކުރުމަށް ހިންގާފައިވާ މިއަމަލުތައް، ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އަދި އެއްވެސް ފަރާތަކަށް ދައުލަތުގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށާއި، ރައްޔިތުންގެ ހިތްތަކުގައި ނާމާންކަމާއި ބިރުވެރިކަން އުފެއްދުމުގެ މަގުސަދުގައި ހިންގާ އެއްވެސް ހަރަކާތަކަށް ޖާގަދީގެން މިޕާޓީ ނޯންނާނެކަން މިފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ.
އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި ޙިޔާލުފާލުކުރުމުގެ މިނިވަންކަމަށް ބޭނޫންކުރުމުގައި އެއްވެސް ފަރާތަކުން ހައްދުފަހަނަޅާފައިވާ އުސޫލުތަކާއި އަމުލުތައް ކުރިއަށްނެރެ، ޤައުމުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއެޓް