ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ޝަރުޠުހަމަވާ އެންމެހައިފަރާތްތަކަށް 2016 ގެނިޔަލަށް ބޯހިޔާވަހިކަން ލިބި ބޯހިޔާވަހިކަމުގެ ދަތިކަން މިރާއްޖެއިން ޙައްލުވެގެންދާނެ

ފަހަލަ ސަޢީދު

ރާއްޖޭގެ އާބާދީގެ 3/1 ދިރިއުޅެމުން އަންނަ މާލޭ ސަރަޙައްދު ގައި ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައާ ބޯހިޔާވަހިކަމުގެ މައްސަލަ 2016ގެ ނިޔަލަށް ޙައްލުވެގެންދާނޭ ކަމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ
އެވަނީ ވިދާޅުވެފައެވެ. މިރާއްޖޭގެ ރައްޔިތުން އަޒުހަރުން ކިޔަވާވިދާޅުވެގެން ރާއްޖެވަޑައި ގެން ހުންނެވި ބޮޑުވެގެންވާ ދަންނަ ބޭކަލަކު ރައީސަކަށް ހަމަޖެއްސީ ކޮންކަމެއް ކޮށްދެއްވާނަމޭ ވިދާޅުވެގެން ތޯއެވެ؟

ބަނގުރަލާ އޫރުމަހުން މިގައުމުސަލާމަތް ކޮށްދޭނަމޭ އެ ދަންނަ ކަލޭފާނު ވިދާޅުނުވޭތޯއެވެ. މިގައުމުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް މިރާއްޖޭގައި ދީނީ ހައްދުތައް ގާއިމްކޮށް ދެއްވާނޭކަމަށް ވިދާޅު ނުވޭތޯއެވެ. ސުވާލަކީ އެއިން އެއްވެސް ކަމެއް ވެއްޖެތޯއެވެ. 30 އަހަރު ވީއިރު ގައުމުގެ ޙާލަތު އޮތީ އިހުނަށްވުރެ ނުބައިވެ އިސްލާމްދީން ބަލިކަށިވެ ޢަދުލު އިންޞާފް ގެއްލި އިންސާނުން ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައެވެ.

އަނެއް ސުވާލަކީ ޒިންމާ އުފުލާނީ ކާކު ތޯއެވެ. މިރާއްޖެ އެހެން ދީންތަކަށް ހުޅުވާލި އަނިޔާވެރި ކަލޭގެ ޝަރީޢަތުގެ ކުރިމަށްޗަށް ޙާޒިރުކުރުމަށްޓަކާ ރައްޔިތުން ކުރަންވީކަމަކީ ރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ތަޅުއަޅުވާ އެތަންތާގައި ތިބި މައުމޫނުގެ ވިސްނުމަށް ތަބަޢަވާ އެންމެން ބޭރުކޮށް ކިޔަވައިގެންތިބި ޒުވާނުންނަށް އެފުރުޞަތު ހޯދައި ދިނުމެވެ. މިރާއްޖޭގެ ހަމަޖެހުމާ އަމާންކަން ގާއިމްކުރެވޭނީ މިރާއްޖެ ފަނާކުރި މައުމޫނީން ޝަރީޢަތުގެ ކުރިމަށްޗަށް ޙާޒިރުކޮށް އެބައިމީހުން ހިންގާފައިވާ ޖަރީމާތަކުގެ ޙައްގު އަދަބު ދެވިގެންނެވެ.

ލޮބުވެތި ރައްޔިތުންނޭ! ހޭއަރާށެވެ.

މިސަރުކާރާ ބައިޢަތުހިފައިގެން ތިބި ޙައްދުފަހަނަ އަޅާފައިވާ ލާދީނީ ޖަމާޢަތް މިސަރުކާރުގެ ޚޯލިޝަނުން ވަކިވި ވަކިވުމަކީ ރައްޔިތުންގެ ނަޞީބެވެ. އިސްލާމްދީނަކީ ސުލްހައިގެ ދީނެވެ. އިސްލާމްދީނަކީ ކަނޑީގެ ދީނެއްނޫނެވެ. މަޝްވަރާގެ ރިވެތި އުޞޫލްތަށް ގާއިމްވެފައިވާ މަތިވެރި ދީނެވެ. މުސްލިމުންގެ މެދުގައި ފިތުނަފަސާދަ އުފައްދާ ދީނެއް ނޫނެވެ.

ކަން އޮތީ މިހެންކަމަށް ވީހިނދު މިރާއްޖޭގެ ހަމަޖެހުމާ އިސްތިގްލާލަށް ބަޔަކު އަރައިގަނެ މިރާއްޖޭގެ ދީނީ ވަޙުދަތު ނަގާލަން އުޅޭ އުޅުމަށް ތިޔަ ބޭފުޅުން މަރުޙަބާ ކިޔާނަނަތޯ ސުވާލުކުރަމެވެ. ތުނބުޅި ދިގުކޮށްފައި ހުއްޓަސް ދަންނަބޭކަލަކަށް ނުވާނެއެވެ. މިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ދިވެހި އަފްރާދުން ބިކަޙާލުގައި ޖައްސައިގެން މާލެ ހިމެނޭ ސަރަޙައްދަށް ޖަމާ ކުރުވި މައުމޫނުގެ އޯޑަރަށް އަނެއްކާވެސް މިގައުމު ސުންނާފަތި ކުރުމަށް ޙައްދުފަހަނަ އަޅާފައިވާ ލާދީނީ ބަޔަކާ ގުޅިގެން ބުރުމާ ގާސިމް އެދަނީ މަސައްކަތް ކުރަމުންނެވެ.

ލިބުވެތި ރައްޔިތުންނޭ! ހޭއަރާށެވެ.

މިސަރުކާރަކީ ކޮށްފައިވާ ހުވަޔާ ޚިލާފް ވާނޭ ސަރުކާރެއްނޫނެވެ. މިސަރުކާރުގެ މާޒީވެދިޔަ 3 އަހަރު ގެ ތެރޭގައި މުޅިރާއްޖެ އަށް ގެނެސްދީފައި ތަރައްގީ މީގެ 100 އަހަރާ ނުބައްދަލެވެ. ރައްޔިތުންނަށް ގެއްލިގެން ދިޔަ 30 އަހަރު އެންމެ ތިން އަހަރުން ހޯދައެއް ނުދެވޭނެއެވެ. ދުނިޔެ އެންމެ ކުރިއަރާދިޔަ ރަންޒަމާނުގެ ތެރޭގައި 30 އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު ބޭރުގައުމެއްގެ އެންމެ ސިޓީ އަކަށްވުރެ މީސްކޮޅު މަދު މިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްގުތަށް ފުރިހަމަކޮށް ނުދެވުނު ބަޔަކާ ގުޅިގެން މިރާއްޖެ އަނެއްކާވެސް ފަހަތަށް އެނބުރެން ތިޔަބޭފުޅުން ރުހޭނަންތޯއެވެ.

މިރާއްޖޭގައި ކުރާ ކުށްތަކަށް ބަލާއިރު ބޯހިޔާވަހިކަމާ ގުޅިފައި ނުވާ އެއްވެސް މައްސަލައެއް ނެތްކަމީ ގައުމު ނުހިންގި ކޮޅުން އަޅާފައިވާ ކަމުގެ ލާމަސީލު ހެއްކެކެވެ. އެހެންކަމާއެކު މިސަރުކާރު އައީ މިހުރިހާ ކަންކަން ރައްޔިތުންނާ ނުހަނު ގާތުން ބަލާ މިކަންކަން ޙައްލުކޮށް އުފާވެރި އަނެއް ދިވެހިރާއްޖެ އަކަށް ދިވެހިން ގޮވައިގެން ގޮސް މިނިވަން އުފާވެރި ފާގަތި މުސްތަގްބަލެއް ދިވެހީންނަށް ހޯދައި ދިނުމުގެ މަތިވެރި މަގްޞަދުގައެވެ. މިސަރުކާރު ރައްޔިތުންނަށް ގެއްލިއްޖެ ނަމަ ލޮލުން ކަރުނަ ހިކޭނެ ހަމައެކަނި ބަޔަކަށްވާނީ މައުމޫނުގެ ޢައުވާނުންނެވެ.

މަގުމައްޗަށް ނުކުމެގެން ވެރިކަން ވައްޓާލެވުނު ޒަމާން މާޒީވެ ހިގައްޖެއެވެ. އެއީ މާޒީވެ ގޮސްފައިވާ މުސްކުޅި ވިސްނުމެކެވެ. މިއަދަކީ އެއަށްވުރެ މާތަހުޒީބް އަދި ވެރިކަމުގެ ފަރާތުގައި ބާރުވެސް ހުރި ދުވަހެވެ. މަގުމަށްޗަށް ނުކުމެ ތަންތަނުގާ ހުޅު ޖަހާ ރައްޔިތުންގެ ބޮލަށް ގާއުކައިގެން ވެރިކަން ފުރޮޅާލެވުނު ޒަމާން މާޒީވެ ހިގައްޖެއެވެ. ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައި ދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވާޖިބެކެވެ. ކަން މިހެން ހުރުމާއެކު މިސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދާ ދިނުމެވެ، އަދި އަމާން ކަންމަތީގައި މިގައުމު ބޭއްވުމަކީވެސް މިސަރުކާރުގެ ވާޖިބެކެވެ.