ރާއްޖޭގެ ޒުވާނުން ވަޒީފާ ނެތިފައި ތިބެނީ، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރު އެޒުވާނުންގެ ކިބައިގައި ނެތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

28833_a44c86d5-d_

ރާއްޖޭގައި ޒުވާނުން ވަޒީފާ ނެތިފައި ތިބެނީ އަދާކުރާނެ ވަޒީފާއެއް ނެތިގެން ނޫންކަމާށާއި، އެހެން ދިމާވަނީ އެފަދަ ޒުވާނުންގެ ކިބައިގައި މަސައްކަތުގެ ދާއިރާއަށް ބޭނުންވާ ހުނަރު ނެތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓިވެޓް އޮތޯރިޓީއާއި އޮސްއެއިޑްގެ އެހީގެ ދަށުން ކްއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއާ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އޮނިގަނޑު އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ޓްރޭޑަރސް ހޮޓެލްގައި އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންގެ %27 އަކީ ސްކޫލް ނިންމާފައި ތިބި ކުދިންނަށްވީއިރު، ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން 73000 އަށްވުރެ ގިނަ ބޭރު މީހުން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން 28000 ވަޒީފާއަކީ ކޮންމެވެސް ހުނަރެއް ލިބިގެން އަދާކުރެވޭނެ ވަޒީފާތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ވަޒީފާ ނެތިފައި ތިބޭ ޒުވާނުންގެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން މިއަހަރުގެ މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި “ހުނަރު” ޕްރޮގްރާމްގެ ތެރެއިން، ޚާއްޞަ ހުނަރެއް ބޭނުންވާ ވަޒީފާތަކަށް ޒުވާނުން ތައްޔާރުކޮށް ނެރުއްވުމަށްޓަކައި، ސަރުކާރުން ހިންގަވަމުން ގެންދަވަނީ ވަރަށް ބޮޑު ޚަރަދެއް ކުރައްވައިގެން ހިންގަވާ ވަރަށް ބޮޑު މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު މިފެށޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، “ހުނަރު” ޕްރޮގްރާމް ހިންގާ ފަރާތްތަކަށް ބޭނުންވާނެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން، މިޕްރޮގްރާމްގެ ސަބަބުން “ހުނަރު” ޕްރޮގްރާމަށް އިތުރު ހަރުދަނާކަމެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.