ލޭންޑް ވެލުއޭޝަން ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އިންޖިނިއަރިންގގެ ދާއިރާއިން މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު އަލްފާޟިލް ޝިފާޒް ޢަލީއާއި، ޕަބްލިކް ފައިނޭންސް ދާއިރާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިސްމާޢީލް ޝަފީޤާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފައިނޭންޝަލް އެޑްވައިޒަރ އަލްފާޟިލާ އާސިއަތު ރިޟްވީނާއާއި، ލޯކަލް ގަވަރނަންސް ދާއިރާއިން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އާދަމް ޝަރީފު އަޙްމަދާއި، ޤާނޫނީ ދާއިރާއިން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ އުސާމާ މޫސާއެވެ. އަދި ޕްލޭނިންގ ދާއިރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ އަލްފާޟިލް ޒުހުރުﷲ ސިޔާދާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ދާއިރާއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރ އަލްފާޟިލް ފަޔާޟް މަންޞޫރާއި، ތިމާވެށީގެ ދާއިރާއިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު މުޞްޠަފާއާއި، ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ޗޭމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްގެ ނައިބު ރައީސް އަލްފާޟިލް އިސްމާޢީލް ޢާޞިފެވެ.
ލޭންޑް ވެލުއޭޝަން ކޮމިޓީން ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކާ އަގު ކަނޑައެޅުމާއި، މިއަގުތަކަށް އަހަރުން އަހަރަށް އަންނަ ބަދަލުތައް ގެނައުމާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވާ އެނޫން ބޭނުމަށް ދޫކުރެވިފައިވާ ބިމުގެ އަގު ކަނޑައެޅުމާއި، އެއަގަށް އަހަރުން އަހަރަށް އަންނަ ބަދަލުތައް ކަނޑައެޅުމާއި، ބިން ވިއްކުމުގެ މުޢާމަލާތްތަކުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ބިން ވިއްކާ އަގާމެދު ސުވާލު އުފެދިއްޖެނަމަ އެކަމުގައި ސަރުކާރަށް ލަފާއެރުވުމާއި، ރަހުނުކޮށްފައިވާ ގޯތި ވިއްކުމުގައި އާންމުކޮށް ހުޅުވާލާފައިވާ ބީލަމެއްގައި ހުށަހެޅޭ އަގާމެދު ސުވާލު އުފެދިއްޖެނަމަ އެކަމުގައި ސަރުކާރަށް ލަފާއެރުވުން ހިމެނެއެވެ.