މިރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅުހެދުމަށް އެމް.ޑީ.ޕީގެ ގައުމީ މަޖިލީހުން ގަރާރެއްފާސްކޮށްފި

ފަހަލަ ސަޢީދު

gm-98-26

މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅަށް ދީނުގެ ނަމުގައި ބަޔަކު ހިންގަންއުޅޭ ޖަރީމާއާ ދެކޮޅުހެދުމުގެ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 28 ވަނަ ބައްދަލުވުމުގައި ގަރާރެއް ފާސްކޮށްފިއެވެ. މިގަރާރަކީ ރައްޖޭގެ ދީނާ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް މިރާއްޖޭގެ މަގުތަކަށް ނުކުމެ މީހުން މެރުމަށް ބަޔަކު ރާވަމުންދާ ރޭވުންތަކާ ދޮކޮޅަށް ޝުޢޫރު ފާޅުކޮށް ރާއްޖޭގެ ސަލާމަތީ ބާރުތައް ގާނޫނުތަކަށް އަހުލުވެރިކޮށް ގައުމުގެ އަމާން ކަމާ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރުމަށް ސަލާމަތީ ބާރުތަކާ ރައްޔިތުން ޙަވާލުކޮށްފައިވާ މައްސޫލިއްޔަތު އަމާނާތް ތެރިކަމާއެކު އަދާކުރުމަށާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަޔަކުފަތުރަމުންދާ ވާކަތަކާގުޅިގެން ރައްޔިތުން ދިފާޢުކުރުމަށްޓަކާ ފާސްކޮށްފައިވާ ގަރާރެކެވެ.

މިގަރާރަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ދާއިމީ ކޮމެޓީތަކުން ނިންމާ ނިންމުތަކަށްފަހުގައި ކަމަށް ޗެއަރޕާސަން ވަނީ ވިދާޅުވެފައެވެ. ޣިޔާސުއްދީން ސުކޫލުގައި އިއްޔެހަވީރު ބޭއްވި ގައުމީ މަޖިލީހުގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ބޭންކް އެކައުންޓް ހުޅުވުމާ ބެހޭގޮތުންވެސް ވަނީ ގަރާރެއް ފާސްކުރައްވާފައެވެ. މިއީ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ޙަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުން ހިންގަވާ އެމްޑީޕީގެ އޮފީސްތަކަށް ބަޖެޓު ދީ އެދާއިރާތަކުން ހިންގާ ޙަރަކާތްތަކަށް ބޭނުންވާ ފައިސާ ޖަމަޢަ ކުރުމަށްޓަކާ ޙުޅުވާ އެކައުންޓްތަކެއް ކަމަށްވެސް އެނގިފައިވެއެވެ.