އަދާލަތުން އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ބާވައެވެ؟

ލިޔުނީ: އިބްރާހިމް ހުޒާމް، މައުނާ، ޏ. ފުވައްމުލައް.

2008 ވަނަ އަހަރު ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ނަޝީދާއި ވާދަވެރި ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔައީ، ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ މިސްކިތްތަކުގައި ބަންގި ނުގޮވާނެ ކަމަށާއި ރާއްޖޭގައި ފައްޅި އަޅާނެ ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމަށް 3 އަހަރު ފުރުނިއިރު، މިރާއްޖޭގެ ބަންގި ގޮވާ މިސްކިތްތައް ގިނަވެ، ދީނީ ދަރުސްތަކާއި ނަސާހަތް ދިނުން ގިނަވެ ދީނުގެ ހޭލުންތެރިކަން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ނަމަވެސް، މިއަދު ދީން ހިމާޔަތް ކުރުމުގެ ނަމުގައި މުޒާހިރާ ކުރުމަށް ނުކުންނަ ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން، އެތަކެއް އަހަރުތަކެއްގެ ފަހުން ލިބުނު މިނިވަންކަމުގެ ބޭނުން، އެ ކުރެވެނީ ހަމަ ހަގީގަތުގައިވެސް ޒިންމާދާރު ގޮތުގައިތޯ ސުވާލު އުފެދެއެވެ. މިނިވަންކަމާއެކު އެއްވެ ހިޔާލު ފާޅު ކުރުމަކީ އިންސާނީ ހައްޤެކެވެ. ނަމަވެސް، ޙައްޤުތަކުގެ ބޭނުން ހިފަންޖެހެނީ ޒިންމާދާރު ގޮތުގައެވެ. މުޅި މުޖުތަމަޢުގެ އާއްމު މަސްލަހަތަށްވުރެ އެންމެ މީހެއް ނުވަތަ ވަކި ގްރޫޕެއްގެ އެދުންތަކެއް މުހިއްމެއް ނުވާނެއެވެ. ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނުކުންނަ ފަރާތްތަކުން ނެރުނު ވެބްސައިޓްގައި މުސްލިމް އަޙްނާއި އުޙްތުން މެރުމަށް ހިތްވަރު ދީ ގޮވާލާފައިވެއެވެ. މި ފަދަ ފަރާތްތަކުގެ ފުށުން ފެންނަމުންދަނީ ޖާހިލުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ހަރުކަށި ކަމާއި ގޮތް ދޫ ނުކުރުމުގެ އުސޫލުތަކެވެ.

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެވޭނެ ކަމަށް، މިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނާއި ގަވާއިދުތަކުން އެނގެއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން ދަނީ މި ސަރުކާރުން އެފަދަ ކަމަކަށް ތަރުޙީބު ނުދެއްވާނެ ކަމަށް ކެނޑިނޭޅި ވިދާޅުވަމުންނެވެ. އޭގެ އިތުރަށް ދިވެހިންގެ ތެރޭގައި ދިވެއްސަކަށް ފާޅުގައި އެހެން ދީނަކަށް ނޫޅެވޭނެކަން، ޑރ. ނައިކު ދަރުސްގައި ހިނގައިދިޔަ ހާދީސާއަށް ހަމައެކަނި ވިސްނާލިޔަސް ސަލާމަތް ބުއްދިތަކަށް ވިސްނޭނެއެވެ.

ނަމަވެސް، އެއްބަޔަކު ހޭބޯ ނާރައި ދީނަށްޓަކައި ޤުރުބާން ވަނީއެވެ. ހުރިހާ ކަމެއްވެސް އެމީހުން ކުރަނީ ދީނަށްޓަކައެވެ. ދީން ކުރިއެރުވުމަށެވެ. ދީނުގެ ނަމުގައެވެ. ފަރުދާގެ ފުރަގަހުން ސިޔާސީ ބޮޑު މަންފާއެއް ހޯދުމުގެ ދަހިވެތިކަމުގައެވެ. މިގައުމުގައި އޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި، އިސްލާމް ދީން އެއީ ރައްޔިތުންގެ އިހްސާސްތަކާއި އެންމެ ފަސޭހައިން ކުޅެވޭނެ އަދި ސިޔާސީ ތާޢީދު އެންމެ ފަސޭހައިން ލިބޭނެ މަގު ކަމަށް ދެކި، ސަރުކާރަށް ސިޔާސީ ހަމަލަ ދޭނެ ހަތީޔާރަކަށް ދީން ހަދައި އަދި އެބައިމީހުން ކުރާ ނޭއްގާނީ އަމަލުތަކުން ރެކިގަންނާނެ އައްޑަނައަކަށްވެސް ދީން ބޭނުން ކުރަމުންދާއިރު، އިސްލާމްދީނާމެދު މިބައި މީހުންގެ ހިތުގައި އެއްވެސް ގަދަރެއް ލޯތްބެއް އޮތްތޯ ސުވާލު އުފެދެއެވެ. ސިޔާސީ ގޯލް ޖެއްސެވުމަށް މި ވެރިންނަށް، އޯގާތެރިކަމާއި، އެކުވެރިކަމާޢި، ބާއްޖެވެރިކަމަށް ބާރުއަޅައި މާތް ﷲ ބާވައިލެއްވި އެންމެ މާތް ދީން ކަމުގައިވާ އިސްލާމް ދީން ނޫން އެހެން އެއްޗެއް ހަމަ ނުފެނުނީތޯއެވެ! އެވެރިން ހިމާޔާތް އެކުރަނީ އިސްލާމް ދީނެވެ. ނޫނެކެވެ! އެވެރިންނަށް ކުޅަދާނަ ވެގެންވާނަމަ އެދީން ހަލާކުކޮށް ސުންނާފަތި ކޮށްލާކަށް ޖެހިލުމެއް ނުވާނެއެވެ. ވިސްނާ ފިކުރު ކޮށްބަލާށެވެ.

އެވެރިންގެ ނާތަހުޒީބީ ހަރުކަށި އަމަލުތަކަށް ހިތްވަރުދެނީ ކޮންދީނެއް ކަމެއް ނޭގެއެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ މެދު މިންވަރެއްގައި ހިފެހެއްޓުމަށާއި، އޮގާވެރިވެ އެކަކު އަނެކަކަށް އެހީތެރިވެ އިހްސާންތެރިވުމަށެވެ. އެވެރިން ގޮވާލަނީ ލޭ އޮހޮރުވުމަށާއި މުސްލިމުން މެރުމަށެވެ. އިސްލާމް ދީނުގައި ލޭއޮހޮރުވުމާއި، ތަޅާފޮޅުމާއި މީހުން މެރުމަކީ ނަހީ ކުރައްވާފައިވާ ބޮޑެތި ފާފަތަކެވެ. އެވެރިން ބުނަނީ އެވެރިން ނޫން މީހުނީ ކާފަރުން ކަމަށެވެ. އިސްލާމް ދީނުގައި އަނެއް މުސްލިމް އަޙާއަށް މުހާތަބުކޮށް ތިޔައީ ކާފިރެކޭ އެހާ ފަސޭހައިން ނުބުނެވޭނެއެވެ.

އަދާލާތެވެ! ތިޔަ ކުރަން އުޅޭ މުޒާހިރާއިން މިޤައުމުގައި އުފެދޭނީ އިތުރު ހަމަނުޖެހުމެވެ. އިތުރު ހަށިތަކަކުން ލޭ އޮހޮރޭނެއެވެ. އިތުރު ބައިބައިވުންތައް މި މުޖުތަމަޢުގައި އުފެދޭނެއެވެ. އިތުރު ފިތުނައާއި ނަފްރަތު އެކަކު އަނެއްކެއްގެ މައްޗަށް އުފެދޭނެއެވެ. ހައްތާވެސް ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ އެކަމަށް ނުރުއްސަވާނެ ކަންތައްތަކެވެ. އެދީނެއް ނަން ބޭނުން ކުރެވިގެން އެ ދީންތަކުގެ އުސޫލުތައް މުގުރާލަނީއެވެ. ދީނަކަށް މިއަށްވުރެ ބޮޑު ނިކަމެތި ކަމެއް ލިބޭނެ ބާވައޭ ހިތައް އަރައެވެ. ސިޔާސީ ދަހިވެތި ކަމުގެ ތެރޭގައި ދީން ފުޑުފުޑު ކޮށްލާނީ އެއް ނޫންތޯއެވެ! އަދާލަތު ޕާޓީއެވެ! ފަހެ ތިޔަ ޕާޓީގެ ޝެއިޚްން ދީނާމެދު ތިހާ އިހާނެތިކޮށް ކަންތައް ކުރަނީ، ދުނިޔޭގެ އެދުމާއި ވެރިކަމުގެ ލައްޒަތާއި އަރާމުގެ މަސްތުގައި ތިޔަ ޝައިޚްން ހަމަ ފިސާރި ގަދައަށް ޖެހުނީތޯއެވެ!

ދީނާއި ސިޔާސާތު ވަކިކުރަން އަހަރެމެން ވަކާލާތު ކުރަނީ ސިޔާސަތުގެ ގެ ތެރޭގައި ޝަރީއަތާއި އިސްލާމީ އުސޫލުތައް ނުހިމަނާކަށެއް ނޫނެވެ. ނަމަވެސް ތިޔަ ކަހަލަ ޝައިޙްން ސިޔާސީ ކޮންމެ ކަމެއްގެ ތެރެއަށް މާތް ދީން ވައްދައި، އެދީނަށް އިހާނެތި ކޮށް ހިތާނެތީއެވެ! އެ މާތް ދީނަށް މަލާމާތް ކުރާ ހާލުގައި އެ ދީނުގެ ބޭނުން ނާޖާއިޒު ގޮތުގައި ތިޔަ ފާރާތްތަކުން ހިފާނެތީއެވެ! ވީއިރު ދީނާމެދު އަޅާލާ، ދީނަށް އިހްތިރާމްކޮށް ގަދަރު ކުރަނީ ކޮންބައެއް ތޯއެވެ؟