ސިވިލް ސާވިސް ކޮމިޝަން އަކީ ސިޔާސީ ޕާޓީއެއްތަ؟

ފުނަމާ

ގާނޫނުއަސާސީގައި ހިމެނިފައިވާ މުސްތަގިއްލު މުއައްސަސާ ތަކުގެ ތެރޭގައި ހިމެނޭ އެއް މުއައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަންއެވެ. ސިވިލް ސާވިސް ކޮމިޝަން އުފެދި ހިނގައިގަތީ ކުރީގެ ސަރުކާރުގެ ފަހުދުވަސްވަރުގައި ކަމުގައިވީ ނަމަވެސް އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އެކުރު މުއްދަތުގައި އެއިރުގެ ސަރުކާރުން އެދުނުހާ ގޮތަކަށް ސިވިލްސާވިސްގެ ބައެއް މުއްޒަފުން ވަކިކޮށް ގެއަށް ފޮނުވާލިކަމެވެ. ސިވިލް ސާވިސްގެ ގާނޫނުގައި ބުނާ ބައެއް މާއްދާތަކަކީ ކުރީގައި ނުއުވި ، ބޭނުންމީހަކު ވަޒީފާއިން ވަކިކުރުމަށް ބޭނުން ކުރެވުނު އެހެނަސް ސަރުކާރު ބަދަލުވުމުން އުވާލެވި ، އަނެއްކާ މާދަމާ ބަޔަކު އުންމީދުކުރާހެން ސަރުކާރު ބަދަލު ކުރެވިއްޖެނަމަ ބޭނުންކުރާން އޮތް ހަތިޔާރެއްގެ ގޮތުގައި ހުރި މާއްދާތަކެކެވެ.

ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންނަކީ ، އަދި މުސްތަގިއްލު މުއައްސަސާ ތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީވެސް ދިވެހި ރައްޔިތުން ކަމުގައި ވީހިނދު އެފަރާތްތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ މިނިވަންކަން ނިގުޅައި ގަނެވިފައި ވާކަމުގައި ނުދެކި ހަމައެކަނި ސިވިލް ސާވިސްގެ ގާނޫނުގެ މާއްދާއެއްގައި ހިފައިގެން ދެމުމަކީ މިނިވަންކަން އެކަނި ކަމުގައި މިއޮތީ ދެކެވި ނިމިފައެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކުން ފަނޑިޔާރަކަސް އުނިކޮށްގެން ނުވާނެތާއެވެ. އެކަމަކު އިސްތިސްނާ އަކީ ކޮބައިކަންވެސް މިއޮތީ އޮޅިފައެވެ. މާދަމާ އުމުރަށް ހުކުމެއްކޮށް ޖަލުގައި މުއްދަތު ގުނަމުންދާ މީހަކު ގާނޫނުން ކޮންމެ ދިވެއްސަކަށް އެމީހަކު ބޭނުންތާކަށް ދަތުރު ކޮށް ހެދުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭތީއޭ ބުނެ އޭނާއަށްވެސް ބޭނުންއިރަކު ޖަލުންނުކުމެ ބޭނުން ތާކަށް ދެވެން ޖެހޭނެ ކަމުގައި ދައުވާ ކޮށްފާނެއެވެ. އަދި އެމީހަކީ ކުރީގެ ސަރުކާރުގެ ވެރިމީހާގެ އާއިލާގެ މީހެއް ، ނުވަތަ ގިނައަދަދަކަށް ފައިސާ ހުރި ނުފޫޒުގަދަ މީހެއް ކަމުގައި ވާނަމަ ކޯޓުން ނެރޭނެ ހުކުމެއްވާ ނުވެސް އެނގެއެވެ.

މީގެކުރީން ސިވިލް ސާވިސްގެ މަގާމުތައް ހަމަޖައްސަނީ މަގާމަށް ކުރިމަތިލާ މީހުންގެ ހުރިހައި މައުލޫމާތެއް ހާޑުކޮޕީގެ ގޮތުގައި މާލެގެނެސް އެކޮމިޝަނުންނެވެ. ސިޔާސީ މަގާމެއްގައި ހުންނަ އެއްވެސް މީހަކަށް އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ގާނޫނުއަސާސީގެ 182 ވަނަ މާއްދާގެ (ށ) ގެ 5 ގައި ސިވިލް ސާވިސްއަކީ ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި އާންމުންނަށް ޖަވާބުދާރީވާ ޚިދުމަތަކަށް ހެދުމަށް ލާޒިމް ކޮށްފައި ވީނަމަވެސް ، ސިޔާސީ މަގާމެއްގައި ހުންނަ މީހަކަށް ސިވިލްސާވިސް މުއައްޒަފުން ޖަވާބުދާރީވާން ނުޖެހޭނެ ކަމުގައި ވިސްނައިދީ އެމީހުންގެ ކަންކަމާ ، ނިންމުންތައް ނިންމުމަށް ޒިންމާދާރު ވެރީން ރަށްރަށުގެ އޮފީސްތަކަށް ލުމުގައިވެސް ސަރުކާރާ ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހިނގި ހަނގުރާމަ ތަކަކީ އެންމެން ދަންނަ އެއްޗެކެވެ. އަދި މީގެ ކުރީން ސަރުކާރުން ރަށްރަށާއި އަތޮޅުތައް ހިންގުމަށް ސިޔާސީ މީހުން އައްޔަން ކޮށްފައި ތިބިއިރު ރަށުއޮފީހުގެ މަސައްކަތު މީހާވެސް އެސިޔާސީ މީހާއާއި ދިމާލަށް “ކަލެއަކަށް ތިމަންނާ އަކަށް އަމުރެއް ނުުކުރެވޭނެޔޭ ، ބުނާގޮތެއް ނަހަދާނަމޭ ” ބުނާއަޑުތައް އިވުނީ މަދެއްކޮށް ނޫނެވެ. އެފަދަ މީހަކާ މެދުގައި ފިޔަވަޅެއް އަޅާން އުޅެފިނަމަ ސިވިލްސާވިސް ކޮމިޝަނުން މީޑިޔާއަށް އަރައި ސިވިލް ސާވިސްގެ މުއައްޒަފު ސިޔާސީ ބޮޑު ދައްޗެއް ގައި ލައިގެން ދިޔަފެލަން އުޅެނީ ކަމުގެ އިލްޒާމު އަޅުވައެވެ.

ސަރުކާރަށް އެހީތެރިވެ ދިނުމުގައި އިޚުލާސްތެރި ކަމާއެކު ދެމިއޮންނާންޖެހޭ ކަމުގައި ބެލެވޭ ސިވިލްސާވިސް ކޮމިޝަނަކީ ސަރުކާރުގެ މައްޗަށް އަބަދުވެސް ހުކުމްކުރާ ސާހިބަކަށް ވުމަށް މަސައްކަތް ކުރަމުން ގެންދާތަން ގިނަގިނައިން ފެންނަމުން ގޮސްފައި ވެއެވެ. ސަރުކާރު ގޮވައިގެން ޝަރީއަތަށް ދިއުމާއި ސަރުކާރާ އިދިކޮޅަށް ބަޔާންތައް ނެރުމަކީ ސިވިލް ސާވިސްގެ ނިޔަތާމެދު ޝައްކު އުފެދުމަށް ދީފައިވާ ފުރުސަތު ތަކެވެ. ސަރުކާރާ ސިވިލް ސާވިސް ކޮމިޝަންއާއި ދެމެދު ކުރެވޭ ހަރުކަށި ޒުވާބުތައް އިވޭއިރު ސިވިލްސާވިސް ކޮމުޝަނުގެ ކުރިމަތީގައި މިއަދުގެ ސަރުކާރުގެ އެއްވެސް ހައިސިއްޔަތެއް އަމުދުން ނެތޭ ބުނެވޭ މިންވަރަށް އަޑުތައް އިވިފައި ވެއެވެ.

މިއަދު މިއިވެނީ ރާއްޖެތެރޭގެ ރަށްރަށުގައި ސިވިލް ސާވިސްގެ ވަޒީފާތައް ހަމަޖެއްސުމުގައި އެމުއައްސަސާއަށް ކުރީން ޚާއްސަވެފައިވާ ބާރުތައް ދޫކޮށްލާން އުޅޭ ވާހަކައެވެ. މިދެންނެވީ ވަޒީފާ ދިނުމުގައި ބަލާންޖެހޭ ބެލުންތައް ސައްތައިން ސައްތަ ކައުންސިލްތަކާ އެނޫންވެސް އިދާރާ ތަކުން ކުރުމަށް މަގުފަހި ކޮށްދޭ ވާހަކައެވެ. މީގެ ކުރީން ފެކްސްއިން ފޮނުވައިގެން ގަބޫލުނުކުރި ލިޔުންތައް ބަލާވެސް ނުލައި ނިންމާލެވޭނެ ގޮތަށް ހަމަޖައްސަމުން ގެންދާ ވާހަކައެވެ. ރަނގަޅެވެ. ކޮންމެ ކަމެއްވެސް ފަސޭހަ ވުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. ވާންވާނެވެސް ގޮތެވެ. އެކަމަކު މިއަދު މިކުރަން އުޅޭ ކަންކަމުގެ އަސްލު ނިޔަތާމެދު އެބަ ސުވާލު އުފެދެއެވެ. މިއަދު ގިނަ ކައުންސިލްތަކުގައި އެތިބަ ކައުންސިލަރުންނާއި ، އެބުނާ ޒިންމާދާރު ވެރީންނަކީ ސަރުކާރާ ޗެނަލު ދިމާނުވިޔަސް ސިވިލް ސާވިސް ކޮމިޝަންގެ ރުހުން އޮތް މީހުންނަށް ވާތީވެ ބޭނުން ގޮތަކަށް ވަޒީފާތައް ހަމަޖެއްސުމަށް ފުރުސަތު ދެނީ ނޫންބާވައޭވެސް ހިތައް އަރައެވެ. މިދެއަހަރެއްހާ ދުވަހުގެ ތެރޭގައި އަނެއްކާ ޕީޕީއާރު އަށް އެސްއެމްއެސް ކޮށްގެން ކައުންސިލްތަކުގެ މަސްލަހަތު އޮންނަ ސިޔާސީ ފިކުރުގެ މީހުންނަށް ވަޒީފާތައް ހަމަޖައްސައި އެހެން ކަމަކަށް ތައްޔާރު ވުމަށް ކުރާ މަސައްކަތެއް ނޫންބާވައޭ ހިތައް އަރައެވެ.

ބުނެވިދިޔަ ކަންކަން ޝައްކުގެ ނަޒަރުން ބަލާނަމަ ސިވިލް ސާވިސް ކޮމިޝަނަކީ އަނެއްކާ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ކޯލިޝަނެއް ނޫންނަމަ ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކިތެއްވަނަ ސިޔާސީ ޕާޓީތޯ ސުވާލުކޮށްފާނެ ބަޔަކުވެސް ތިބުމަކީ ދުރުކަމެއް ނޫންތާއެވެ.