މިދީނުގެ އަދުއްވުންގެ ބޭނުމަކީ މިކައުނުން އިސްލާމްދީން ފޮހެލުމެވެ.

ފުނަމާ

ﷲ ތަޢާލާ މިކައުނު އުފައްދަވައި ، އިންސާނުންނާއި ޖިންނީން، އަދި އެންމެހައި މަޚުލޫގުން އުފެއްދެވުމަށްފަހު ، އެއިލާހުގެ ރަހުމަތްފުޅުން ދުނިޔޭގައި އިންސާނުން އެއިލާހަށް ކިޔަމަންވެ ތެދުމަގުގައި ދެމިތިބެ އާޚިރުގެ މަތިވެރި ނިއުމަތް ހޯދައިގަތުމުގެ މަގު ދެއްކެވުމުގެ ގޮތުން ނަބިއްޔުންނާއި ރަސޫލުން ފޮނުއްވިއެވެ. އާދަމް އަލައިހިއް ސަލާމް އިން ފެށިގެން އަޅުގަނޑުމެންގެ މިއުންމަތުގެ ނަބިއްޔާ މުޙަންމަދު ސ އ ވ. އާއި ހަމައަށްވެސް ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން އަޅުގަނޑުމެންނާއި ހަމަޔަށް އެއިލާހުގެ ހަޟްރަތުން ގެނެސް ދެއްވައި ދަސްކޮށް ދެއްވާފައިވަނީ މަތިވެރި އިލާހުގެ ދުސްތޫރެވެ.

މީސްތަކުން ﷲގެ މަގުން އެއްކިބާވެ އެއިލާހުގެ އެންގެވުންތައް އެއްފަރާތައް އެއްލާލައި އުރެދި ، މުޅިދުނިޔެ ފަސާދަވެގެންދާ ކޮންމެ ހިނދެއްގައި ނަބިއްޔެއް ނުވަތަ ރަސޫލަކު ފޮނުއްވައި އެތަކެއް މުޢުޖިޒާތާއި ކަރާމާތްތައް ދައްކަވައި އަލުން އަނބުރައި އިންސާނުންގެ ޖަމާއަތްތަށް އެއިލާހުގެ މަގަށް އެނބުރި އައުމަށް މަގުފަހި ކޮށްދެއްވިއެވެ. އެންމެ ފަހުގެ ނަބިއްޔާ އަށްފަހު ގިޔާމަތަށް ދާންދެން މިމަތިވެރި ދީން ހިމާޔަތް ކޮށްދެއްވައި ރަށްކާތެރި ކޮށްދެއްވާނެ ކަމުގައި މިވަނީ އަންގަވާފައެވެ.
ފެށުނީއްސުރެ މިއަދާ ހަމަޔަށްވެސް މަތިވެރި އިލާހުގެ ދީނުން މީސްތަކުން އެއްކިބާކޮށް ޝަހުވާނިއްޔަ އެދުމަށް އިންސާނުން ބޯލެންބުވުމަށް ހަމަ މިއިންސާނުންގެ ތެރެއިން މީސްތަކެއް ނުކުމެ ﷲގެ ދީން މުގުރައި އެދީނަށް މީހުން ނަފުރަތު ކުރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާކަމީ ހަގީގަތެކެވެ. މިއަދުގެ ދުނިޔޭގައި މެދުނުކެނޑި އިސްލާމް ދީނާއި އިދިކޮޅަށް ޣައިރު މުސްލިމުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ދުނިޔޭގައި އިސްލާމުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް މިދަނީ އިތުރުވަމުން ދީން ކުރިއަރަމުންނެވެ. ދިވެހި ރާއްޖެއަކީ މުޅިދުނިޔޭގެ ގިނަގުނަ އެހެން ގައުމުތަކާއި ޚިލާފަށް ހަމައެކަނި ސައްތައިން ސައްތަ މުސްލިމު ގައުމެކޭ ބުނެވޭނެ މަދުދެތިން ގައުމެއްގެ ތެރެއިން އެއްގައުމެވެ.

ދިވެހި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމަކީ ޣައިރު މުސްލިމުންގެ އަމާޒު އަބަދުވެސް ހުއްޓިފައި އޮންނާނެ ގައުމެއްކަން އަޅުގަނޑުމެންނަށް އެގެއެވެ. ނަމަވެސް ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމަކަށް މެނުވީ ވަޒަންވެރި ނުވެވޭނެ ގާނޫނީ ހުކޫމަތެއް އޮތް ގައުމެއް ކަމުން މިގައުމުގެ ތެރޭގައި މިދީން ހަލާކުކޮށްލުމަށް ބޭރުބަޔަކު އައިސް ކަންކުރުމަށްވުރެ މިގައުމުގެ ތެރެއިން ބަޔަކު އެކަމަށް ގަނެ ތައްޔާރުކޮށްގެން ނަމަވެސް އެކަންކުރުމަކީ އަޅުގަނޑުމެންގެ އަދުއްވުންގެ އަމާޒެއް ކަމުގައި ވާނެކަމީ ޝައްކެއްވެސްނެތް ކަމެކެވެ.

މުސްލިމުންގެ ނިޔަނެތިކަމާ ޚުޟޫއަތް ތެރިކަމުގެ ރީތި އަޚުލާގީ މިންގަނޑުން ބޭރުކޮށް އަނިޔާވެރި ހަރުކަށި ބައެއް ކަމުގައި ދެއްކިއްޖެ ނަމަ އެކަމަކީ މިދީނުގެ އަހުލުވެރީންގެ ހިތްތައްވެސް ފަސާދަކޮށް ދީނާދުރުކުރެވޭނެ ކަމެއްކަން އެމީހުން ދަނެތިބެގެން މިއަދު އެކުރަމުން ގެންދާ ފިކުރީ ހަނގުރާމައިގައި މިއަދު އަޅުގަނޑުމެން ޖެއްސުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ހޯދަމުން ގެންދާ ކަމުގައި މިއަދު ފެންނަމުންދާ ހަގީގަތް ތަކުގެ މައްޗަށް ބިނާކޮށް ދަންނަވާން އެބަޖެހެއެވެ.
ބައެއް މުސްލިމުން މިދީން ތިމާމެންގެ ކިބައިން މިދީން ހިމާޔަތް ކުރުމަށް އެދޭކަމުގައި ބުނަމުން ، އޭގެ މާނައަކީ ދުނިޔޭގައި މުސްލިމުން ފިޔަވައި ދެންތިބިހައި ބަޔަކު ނައްތާލުމަށް ޖިހާދުކުރާން ތެދުވުމަށް ގޮވާލަމުން ގެންދާ އަޑަކީ މިއަދު އެކަނި އަޅުގަނޑުމެން އަހާ އަޑެއް ނޫނެވެ. އަދި އެބުނާ ޖިހާދަކީ އެމެރިކާއަށް ދެވުނު ނައިން އިލަވަން ފަދަ ކަންކަން ކަމުގައި ބުނެ އެމަގުން ކަންކަން ކުރުމަށް ގޮވާލައި މިފަދަ ހަރުކަށި އަމަލުތައް ހިންގުމަށް ވާގިވެރިވަމުން ޚަރަދުކޮށްދެމުން ގެންދެއެވެ. ގަދަކަމުން މީހުން ރަހީނުކޮށް ބިރުދައްކައިގެންނާއި ، ވިސްނުން ބަދަލުކުރުވައިގެން ޖާނުން ފިދާވުމުގެ ހަމަލާތައް ގެންދަނީ ރާވަމުންނެވެ. މިއިން ކޮންމެ ކަމެއްގެ ސަބަބުން އިސްލާމުންގެ އަގު ވެއްޓި މުސްލިމުންނަކީ ހަރުކަށި ، އެހާމެ ބިރުވެރި ބައެއް ކަމުގައި ދައްކައިގެން އަދުއްވުން އެގެންދަނީ އެމީހުންގެ މަގުސަދު ހާސިލް ކުރެވޭތޯ ބަލަމުންނެވެ. މިލިޔަނުން ބިލިޔަނުން ޚަރަދު ކުރަމުންނެވެ. ޖިހާދުގެ މާނައޮޅުވާލައި ޒުވާނުންގެ ސިކުނޑި މޮޔަކޮށް ، މަސްތުވާ ތަކެތިވެސް ދީގެން މިފަދަ އަނިޔާވެރި އަމަލުތައް ހިންގުވަމުން ގެންދަނީ މިދީނުގެ އަދާވާތްތެރީން އަޑީގައި ތިބެގެން އަޅުގަނޑުމެން އެބަޔަކީ މުސްލިމުން ކަމުގައި ހީކުރާބައެއް ލައްވައެވެ.

މިފަދަ ނެޓުވޯކުތަކާއި ގުޅިގެން މުސްލިމުންނޭބުނެ ނުކުމެ އެތިބޭ މީހުން އަބަދުވެސް މުސްލިމު ގައުމުތަކުގެ ސަރުކާރު ތަކުގެ މައްޗަށް ނުފޫޒު ހިންގުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނަމަ އެސަރުކާރެއް ވަށްޓާލުމަށް ކިތަންމެ ރޭވުންތަކެއް ރާވައެވެ. އެގޮތުން އެގައުމަކާއި އެންމެ ގާތް އެކުވެރި ގައުމުތަކާއި މޫނުކެނޑޭނެ ގޮތްތައް ހޯދައި އެފަދަ ފަތުވާތައް ދީނުގެ ދަރުސްތަކުގެ ނަމުގައި ދެމުން ގެންދެއެވެ. ގުރުއާނާއި ސުންނަތުން ދަލީލު ދައްކާލައި އަސްލު މަފްހޫމްތައް އޮޅުވާލައި މުސްލިމުންގެ ހިތްތައް އެމީހުންގެ އަމިއްލަ ގައުމާމެދުވެސް ނަފުރަތު ކުރުވައެވެ. މިކަމުގެ ފައިދާ ނަގައިގެން މަދު ފައިސާ ކޮޅަކަށް ޒުވާނުން ގަނެގެން އެމީހުން މޫނުމަތީގައި ބައި ތިއްބައިގެން މިމީހުންގެ އަސްލު އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރެއެވެ.

ދިވެހި ރާއްޖެއަކީ މިގައުމުގެ އިގްތިސާދު އެހެނިހެން ގައުމުތަކުގެ އެހީގެ މައްޗަށް ބަރޯސާވާންޖެހޭ ގައުމަކަށް ވާއިރު އެފަދަ އެހީތެރިކަން ދެމުންދާ ގައުމުތަކަށް ނިސްބަތްކޮށް ބޮޑެތި އިލްޒާމްތައް އަޅުވައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑުވާލުމަކީ ސަރުކާރުގެ ލަނބުރާން ކަނޑާލުން ކަން އެމީހުން ދަނެތިބެގެން އެކަން ކުރާން މިއަދު އެވަނީ ފަށާފައެވެ. އެންމެފަހުން ދިވެހީން ކުރިމަތިލީ އުދުވާނީ ހަމަލާގައިވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އުތުރު ކަރައިން ކަމުގައި ވާތީވެ މިއަދުވެސް އެގައުމުގެ އެހީތެރިކަން މިފަދަ ކަންކަމުގައި ލިބިދާނެ ކަމުގެ ބިރުގައި އުތުރުކަރައިގެ ބޮލުގައި މިރާއްޖެއިން އިސްލާމްދީން ފޮހެލަން އުޅޭކަމުގެ އިލްޒާމް އެތައް ބައެއްގެ މެދުގައި އެވަނީ ގޮވާލާފައެވެ. ތިމާއަކީ މާމޮޅު މީހެއް ކަމުގައި ދެކިގެން ، ރާއްޖޭގެ ވެރިކަމަށް ހަސްގަނެފައިވާ މަހުޖަނެއްގެ ޖީބަށް ވެއްޓިގަނެގެންހުރެ މިސަރުކާރު މަދުލާރި ކޮޅަކަށް ވިކިފައިވާކަމުގައި ކަރުން އަޑުނެރެ ގޮވަމުން ގެންދިޔައިރު އޭނާގެ މޫނުމަތީގެ ބޮޑާކަމާ ކިބުރުވެރިކަން އެހެކިދެނީ ކޮންކޮން ކަންކަމަކަށްކަން ބަލާމީހަކަށް އެނގޭނެއެވެ. ރާއްޖޭގައި ތިބި އެންމެ ބޮޑު ޝޭޚުންގެ ޕާޓީއަކީ ތިމަންނާމެންގެ ޕާޓީކަމުގައި ދައުވާކުރަމުން މިގައުމުން އިސްލާމްދީން ފޮހެލުމަށް ނަސޯރާއިންނާއި ޔަހޫދީންނާއި އެކުވެ މިލިގެން އެހައްދުވަހު އެމީހުންގެ ބާޯތައް ކަނޑާލަން ނުކުތް މީހުންގެ ޖީބުންދިން ފައިސާ ގަނޑަކަށް އެތިބީ މިހާރު ފިސާރި ރަނގަޅަށް ވިކި ހަފުސްވެފައެވެ. ކިޔަމަންތެރިކަމަށް އިސްލާމްދީން ގޮވާލާ ކަމުގައި ބުނަމުން ގޮވައި ނަގަނީ ރައްޔިތުން ނުކުމެ ޖިހާދުގެ ނަމުގައި މިގައުމުގެ ސަރުކާރު ވަށްޓާލައި ވެރީން މެރުމަށެވެ. އެދޫތަކުން އިއްޔެގޮވީ ކުރީގައި ތިބިމީހުން މެރުމަށެވެ. މިއަދު އެއްކަލަ މީހުންގެ ޖީބަށް ވެއްޓިތިބެގެން އެގޮވަނީ މިއަދުތިބި މީހުން މެރުމަށެވެ. މުނާފިގުންނަކީ ކޮބައިކަންވެސް މި އަނދޮޅުންނަށް ނޭނގޭކަމީ ހިތާމަކުރާ ވަރުގެ ކަމެކެވެ. މިމީހުންންކީ މަތިވެރިވެގެންވާ އިސްލާމްދީނުގެ އަދުއްވުން ކަމުގައި ބުނެވެންއޮތީ މިހެންވެއެވެ. މިމީހުންގެ ބޭނުމަކީ މިގައުމުން މިމަތިވެރިދީން ފޮހެލުމެވެ. ބޭރުގެ ބާރުގަދަ ގައުމުތަކަށް އާޑަފުރައްސާރަކޮށް މިގައުމުގެ މައްޗަށް އެމީހުން ވެރިކުރުވުމެވެ. ދާޚިލީ ހަނގުރާމައަކަށް މިގައުމު ގެންދިއުމެވެ. މިކަމާމެދު ދިވެހި އެންމެހައި ރައްޔިތުން ވިސްނާން ޖެހޭނެއެވެ.