މެމްބަރުންގެ ޚިޔާލު: ކޮރަޕްޝަންއާއި އިދިކޮޅަށް މިވަނީ ހަނގުރާމައެއް ކުރާން ޖެހިފައެވެ.

ފުނަމާ

މުޅިދުނިޔޭގެ އެންމެހައި ގައުމުތަކުގައިވެސް މިއަދު މިވަނީ ކޮރަޕްޝަންގެ ވަބާ އިންތިހާއަށް ބޮޑުވެފައެވެ. އިންސާނީ ކޮންމެ މުޖުތަމައެއްގައި ، އަބަދުވެސް މިބަލިމަޑުކަން އައީ ފެތުރި ބޮޑުވަމުންނެވެ. މިއަދު ދުނިޔެ ތަހުޒީބުވެ ، ވަސީލަތްތައް ގިނަވެ ، އިންސާނުންގެ އެދުންތައް ފުނިފުންޏަށް އިތުރުވެ ދިއުމާ ގުޅިގެން ދުނިޔޭގެ ސަމާލުކަމަށް މިނުބައި ވަބާ ގެނެވިފައިވާ މިންވަރު ކިތަންމެހާ ބޮޑުކަމުގައި ވީނަމަވެސް ސައްތައިން ސައްތަ މިބަލިމަޑުކަން އެއްވެސް މުޖުތަމައަކުން ނައްތާނުލެވޭނެ ކަމީވެސް ހަގީގަތެކެވެ.
ރާއްޖޭގައިވެސް މާކުރީއްސުރެވެސް ކޮންމެވެސް މިންވަރަކަށް ކޮރަޕްޝަން އައީ ފެތުރެމުންނެވެ. ނަމަވެސް މިކަން އިންތިހާއަށް ބޮޑުވެ ފުޅާވެގެން މިދިޔައީ ވޭތުވެދިޔަ 30 އަހަރުގެ ވަހުޝީ ވެރިކަމުގެ ތެރޭގައެވެ. އެންމެ މަތީވެރިމީހާއިން ފެށިގެން ކޮރަޕްޝަންގެ ތެރޭގައި ފީނަމުން މިކަން އާންމުވެ އެކަމަކީ ނުބައި ކަމެއް ނޫންކަމުގައި ވިސްނޭ މިންވަރަށް މިކަން ވަނީ މުޅިރާއްޖެއަށް އާންމު ކޮށްފައެވެ. ފަސާދައަށް މަގުފަހި ނުވާނެ އެއްވެސް ކަމެއް މިގައުމުގައި ނުކުރެވޭ މިންވަރަށް ހުރިހައި ކަމެެއްވަނީ ބައްޓަން ކޮށްފައެވެ. ނަމަވެސް އެދުވަހު އެކަންއޮތީ އެއްވެސްމީހަކު ކަންބޮޑުނުވާ ކަމެއްގެ ގޮތުގައެވެ.

ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ލިބެނީ އިތުރު ޕުރޮމޯޝަން ތަކެވެ. އެމީހުންނަކީ މާބޮޑު އިއްޒަތަކާއި ގަދަރެއްގައި މިގައުމުގައި އުޅެމުން ގެންދާ ބައެކެވެ. އަދި މުއައްޒަފުން ތާޒާކުރުމުގެ ނަމުގައި މިކަންކަން ކިޔަވައިދީ ޚިޔާނާތްތެރި ވާނެ އަދި އެކަންކަމުން ރެކިގަންނާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. ރައްޔިތުންގެ ގިނައަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވާ ކޮންމެމީހެއްގެ މަގާމު މަތިކޮށް އެސާބިތުވި ޚިޔާނާތުގެ ފައިސާ ދިގުމުއްދަތުން ދައްކާންޖެހޭ އިންޓަރެސްޓް ފްރީ ލޯންއެއްގެ ގޮތުގައި މުސާރައިން ކެނޑޭނެ ގޮތް ހަދައި ވަޒީފާގެ ގެރެންޓީ އިތުރު ކޮށްދީފައިވަނީކީ މަދުބަޔަކަށް ނޫނެވެ. ހަމައެހެންމެ އެފަދަ ކަންކަމުގެ ވާހަކަ ދައްކާ މީހުންނަކީ ފިތުނަ އުފައްދާ ބައެއް ކަމުގައި ހަދައި ކުށެއްނެތް މީހުންނަށް އަދަބުދެވެމުން ދިޔައެވެ.

މިއަދު މިނިވަން މުއައްސަސާތައް އުފެދި ، ދުލުގެ މިނިވަންކަން ލިބިގެން ދިއުމާއި ގުޅިގެން މިފަދަ ވާހަކަތައް ރާއްޖޭގައި އާންމުވެ ދުނިޔޭގެ ނިސްބަތުން ކޮރަޕްޝަން އެންމެ މަތީ ފަންތީގައި އޮތްކަމުގައި ބެލެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މިވަނީ ގުނިގެން ގޮސްފައެވެ. މިކަމާ ކިތަންމެ ލަދެއް ގަތަސް ، ފިކުރު ބޮޑުވިޔަސް މިކަމަކީ މިރާއްޖެއަށް ސަލާމަތް ނުވެވޭ މިންވަރަށް މޫލައި ފެތުރިފައިވާ ކަމެކެވެ. ލަދެއްނެތި ހިންގަމުން ގެންދާ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ސަފުން ބޭރުވެގެން ދަނީ ހަމައެކަނި އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ސޫރައެއް ބެހެއްޓުމުން ކަމުގައި މިދެކެމުންދާ ދިވެހީން އުޅޭ މިގައުމު ދުނިޔޭގެ ފެންވަރުގެ ފަސާދައާއި ޚިޔާނާތުގެ ތެރެއަށް ގެނބި އަރަގުވަމުން ދާދިއުމަކީ ކޮންމެހެންނަކުން މާބޮކަމަކަށް ނުވެއެވެ.

ކޮންމެ ނުބައި ކަމެއް ނައްތާލައި އިންސާފު ލިބިދިނުމުގެ އެންމެ ފަހު މަރުހަލާގައި މިއޮންނަނީ ޝަރީއަތެވެ. އަދުލު އިންސާފު ގާއިމު ކުރެވޭ މިންވަރެއްގެ މައްޗަށްކަމީ އޮޅޭނެ ކަމެއް ނޫނެވެ. އެކަމަކު މިރާއްޖޭގައި މިއޮތް އަޅުގަނޑުމެން ފަޚުރުވެރިވާ މަތިވެރި އިސްލާމީ ޝަރުއީ މަހުކަމާ ތަކުގައި ގޮނޑިއަޅައިގެން އެތިބަ ފަނޑިޔާރުންގެ ހާލުހުރިގޮތުގެ މައްޗަށް ބަލާލުމުން ރާއްޖޭގެ ކުރިމަގުގެ ހާލަތާމެދު ސަހަރޯވެރިވާން ޖެހެއެވެ. ބަދުއަޚުލާގީ މައްސަލަތަކާއި މިނޫންވެސް މުޖުތަމައު ގަބޫލުކޮށްގެން ނުވާނެ އަދި އެފަދަ ގޮނޑިއަކާ އެކަށީގެންވާ މިންވަރަށްވުރެ ސުލޫކީ ގޮތުން މާ ދަށުދަރަޖައިގެ މީހުން މެނުވީ އެގޮނޑިތަކަށް ކުފޫހަމަވާ ކަމުގައެއް ނުވެއެވެ. މިއީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ތިއްބެވި އިޚްލާސްތެރި ހާކިމުންގެ ނިތްކުރީގައި މިއަދު ޖެހިފައިވާ ނުވަތަ ، ޖައްސަމުން ގެންދާ ލައްގަނޑެކެވެ. އެކަމުން ރެކެވެންނެތް ކަމެކެވެ. ނަތީޖާވެސް މިދަނީ ފެނި އާންމުވަމުންނެވެ.

މިއަދު މިގައުމުގައި ބޮޑެތި ވަށްކަމާއި ، މަސްތުވާ ތަކެތީގެ ބޮޑެތި ވިޔަފާރި ވެރީންނާއި ، މީސްމީހުންގެ އަމިއްލަ އެކައުންޓުތަކުން ބޮޑެތި ޚިޔާނާތްތައް ވަމުން ގެންދާ ކޮންމެ މީހަކަށް މިގައުމުގެ ޝަރުއީދާއިރާގެ ހިމާޔަތް ލިބިގެންވެޔޭ ބުނުމަކީ ދޮގަކަށް ނުވާމިންވަރަށް އެމަންޒަރު މިދަނީ ފެނި ތަކުރާރުވަމުންނެވެ. ފާޅުގައި މީހުންމަރާ ، އެފަދަ އަނިޔާދޭ ވަކިބަޔަކީ ގާނޫނީ އަދި ، ޝަރުއީ ހަމަތަކެއް އެމީހުން ހިފައި ހައްޔަރު ކުރުމަށް ނޯންނަ ކަމަކަށް ވާއިރު ލިބުނުގޮތެއް ސާބިތު ކޮށްނުދެވޭ އެތައްގިނަ މިލިޔަން ރުފިޔާ ގޮދަޑީގެ ދަށުގައި ލައިގެން އުނގުފުރާ މަސްތުވާތަކެތި އަޅައިގެން ވިއްކާން ހިނގާ މީހުންނާއި މީސްމީހުންގެ އެކައުންޓު ތަކުން މިލިޔަން މިލިޔަނުން ފައިސާ ދަވާލާ ކަމުގެ ތުހުމަތުގައި ފުލުހުން ހިފައި ހައްޔަރުކުރާ ކަޮންމެ މީހަކީ އިއްޒަތާ ގަދަރާއެކު ޝަރުއީ ދާއިރާއިން މިނިވަންކޮށް ދޫކޮށްލާނެ ބައެއް ކަމުގެ ޔަގީންކަން މިއޮތީ އެއްފަހަރަށްވުރެ ގިނަފަހަރަށް ލިބިދީފައެވެ. މިހަގީގަތް ފޮރުވޭކަށް ނެތެވެ. ދެކޮޅު ހެދޭކަށް ނެތެވެ. ކޯޓުން ދޫކޮށްލުމުން ނުކުމެ މީހުންމެރުމުގެ ހާދިސާ އެވަނީ ހިނގާފައެވެ. ކޯޓަށް ހާޒިރު ކުރެވޭ މީހާއީ ވަކި އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމުގައި ވާނަމަ އެމީހަކީ ފާޅުގައި ލަކުޑި ބެރިއަކުން ޖަހައި މީހަކު މަރާލަން އުޅުނު މީހަކަސް ކޯޓުގެ ރަށްކާތެރިކަން ޔަގީންވާ މީހެކެވެ. މިލިޔަން މިލިޔަނުން ރުފިޔާހުރިނަމަ އެފަދަ މީހަކަށް ބަންދެއްގައި ހުރެވޭނެ ގޮތެއް ނޯންނާނެއެވެ. މިއީ މިއަދު މިގައުމުގައި ފަސާދައިގެ އެންމެހައި ކަންކަން ކުރިލައި ހެދި އިތުރަށް ފުޅާވެދިއުމަށް މަގުފަހިކޮށްދޭ އެންމެފާޅުކަންބޮޑު ހަގީގަތެވެ. ޝަރުއީ ދާއިރާއާއި އިދިކޮޅަށް އަޑުއުފުލައި ނުކުމެ ކޮރަޕްޝަނާ އިދިކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުން މެނުވީ މިކަމުން ދިވެހީން ސަލާމަތް ވާކަށް އަމުދުން ނެތެވެ. ރާއްޖެއިން ކޮރަޕްޝަންގެެ އަމަލުތައް މަދުކުރާން ބޭނުންނަމަ ރައްޔިތުންނަށް ޖެހޭނީ ޝަރުއީ ދާއިރާ ހަމަމަގަށް އަޅުވާންކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.