ފަހަލަ ސަޢީދު
ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ރާއްޖޭގެ 7 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް 7 ފަނޑިޔާރުން ކަނޑަ އެޅުއްވި ހިނދު އެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅަކަށް ފަނޑިޔާރު ކަންދެއްވާފައި ވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ ހ.ގައި ކަނޑައެޅިފައިވާ އަޚުލާގީ މިންގަނޑާ ޚިލާފަށް ކަމުގާ ކުރީގެ ބަނަޑާރަ ނާއިބު އަލްއުސްތާޛު ހުސްނުއްސުޢޫދު ވިދާޅުވެއްޖެ އެވެ.
ސުޢޫދުގެ ލޯފާމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސުޢޫދު ވިދާޅުވީ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ކަނޑަ އެޅުއްވި އެރަށު ބިއްލޫރިވިލާ ޢަލީ ޝަފީގަކީ މީހެއްގެ އަންބަކާއި އެކު ބަދުއަޚުލާގީ ޢަމަލު ހިންގާފައިވާކަމުގެ ކުށްސާބިތުވެ 1989 ވަނައަހަރު ޖިނާއީ ކޯޓުން އޭނާ 7 އެތިފަހަރުން ތަޢުޒީރުކޮށް 4 މަސްދުވަހުގެ މުއްދަތަށް އަރުވާލައްވާފައިވާ މީހެއްކަމަށާ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖެއްސެވި އެރަށު މީރާގޭ އަޙުމަދު ޝަރީފަކީ ހިލޭ އަންހެނަކާއެކު ބަދު އަޚުލާގީ ޢަމަލު ހިންގާފައި ވާކަމުގެ ކުށް ސާބިތުވެގެން 2 މަސްދުވަހުގެ މުއްދަތަށް 2001 ވަނަ އަހަރު ޖިނާޢީ ކޯޓުން ގޭގައި ބަންދު ކުރެއްވުމަށް ޙުކުމް ކުރައްވާ އަބުރު ގެއްލިފައިވާ ދެބޭފުޅުން ކަމުގައެވެ.
މީގެ ކުރިންވެސް މިދެބޭފުޅުން ފަނަޑިޔާރުކަމަށް ކުރިމަތި ލައްވައިގެން އެދޭބޭފުޅުންގެ މިދެންނެވި އަޚުލާގީ މައްސަލަ އޮންނާތީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވަނީ އެދެބޭފުޅުން ފަނޑިޔާރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ބުނެ ވަޒީފާ ނުދީފައެވެ. ނަމަވެސް ކުއްލިއަކަށް ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ ހ.ގައި ބަޔާންވެގެންވާ އަޚުލާގީ މިންގަނޑަށް ބެއްލެވުމެއް ނެތި ޖުޑީޝަލް ސާވިސަސް ކޮމިޝަނުން އެ ދެ ބޭފުޅުންނަށް ފަނޑިޔާރުކަން ދެއްވި ދެއްވުމަކީ ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ އިޚުލާސްތެރިކަމާމެދު ކޮންމެރައްޔިތެއްގެ ހިތުގައިވެސް ސުވާލު އުފެދޭނެ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަބުރު ގެއްލިއްޖެ މީހެއްގެ އަބުރެއް ނޯންނާނޭކަމަށާ އަބުރު ގެއްލިފައިވާ މީހަކު އަދުލު އިންޞާފް ގާއިމްކުރަން އިނުމުގެ ސަބަބުން ޢަދުލު އިންޞާފްގެ ދާއިރާގެ މައްޗަށް ރައްޔިތުންގެ އިތުބާރެއް ނޮއޮންނާނޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މައްސަލަ އަލުން ބައްލަވާ އެދެބޭފުޅުން މަގާމުން ވަކި ނުކޮށްފިނަމަ އެދެބޭފުޅުން މަގާމުން ދުރު ކުރުމަށްޓަކާ ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާމަސައްކަތެއް ކުރައްވާނޭކަމުގައިވެސް ސުޢޫދު ވިދާޅުވިއެވެ.