ފަޤީރުންނާއި މިސްކީނުންނާއި އަދި އިބްނު ސަބީލުންނަށް ޒަކާތު ފަންޑުން ފައިސާދޭނެ އުޞޫލު، ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފި

28341_63ccc10c-9_

ފަޤީރުންނާއި މިސްކީނުންނާއި އަދި އިބްނު ސަބީލުންނަށް ޒަކާތު ފަންޑުން ފައިސާދޭނެ އުޞޫލު، ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ. މި އުޞޫލު ކަނޑައެޅުއްވީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން، މި ނިންމެވި އުޞޫލުގެ ދަށުން ޒަކާތު ފަންޑުން ފައިސާ ދެއްވަން ނިންމެވި ކަންތައްތަކުގެ ތެރޭގައި، ފަޤީރުންގެ ބައިން ބޭސްފަރުވާ ކުރުމަށް އެހީ ދެއްވުމަށް ހަމަޖައްސަވާފައިވާ އެއްބަޔަކީ [މަދަނަ] ސްކީމުން ލިބޭ ބޭސްފަރުވާގެ އެހީގެ ޢަދަދު ފަހަނައަޅާފައިވާ ފަރާތްތަކާއި، އެކިއެކި ސަބަބުތަކާހުރެ މަދަނައިގެ އެހީ މެދުކެނޑިފައިވާ ފަރާތްތަކެވެ. އަނެއްބަޔަކީ ކުއްލި ޙާދިޘާތައް ދިމާވާ ފަރާތްތަކެވެ. ކުއްލި ޙާދިޘާތައް މެދުވެރިވެ ޙާލުގައިޖެހޭ މީހުންގެ ތެރޭގައި، ތަނެއް އަނދައިގެން ދިޔުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބެންނެތް ފަރާތްތައް ހިމެނެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ތެރެއިން، ޚާއްޞަ ޙާލަތްތައް މެދުވެރިވާ ފަރާތްތަކަށްވެސް ފަޤީރުންގެ ބައިން އެހީ ދެއްވުމަށް ހަމަޖައްސަވާފައިވެއެވެ.

ޒަކާތު ފަންޑުގެ އިބްނު ސަބީލުބައިން އެހީ ދެއްވުމަށް ނިންމަވާފައިވަނީ، ދަތުރުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށެވެ. މީގެތެރޭގައި، ރާއްޖެއިން ބޭރުގައި އުޅެނިކޮށް ކުއްލި ޙާދިޘާއެއް މެދުވެރިވެ ޙާލުގައިޖެހޭ ފަރާތްތަކާއި، ޓޫރިސްޓް ވީޒާގައި ރާއްޖެއަށް އަންނަ ބިދޭސީ މުސްލިމުންގެ ތެރެއިން ހާލުގައިޖެހޭ މީހުން ހިމެނެއެވެ.