ދައުލަތުގެ ވަސީލަތްތައް އެއީ ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޭނުންތެރި ގޮތެއްގައި ހިފެންޖެހޭނެ އެއްޗެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހުޅުއްވައިދެއްވައިފި.

ދައުލަތުގެ ވަސީލަތްތަކަކީ، ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޭނުންތެރި ގޮތެއްގައި ހިފެންޖެހޭނެ އެއްޗެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަލަށް ހިންގެވުމަށް ހަމަޖެއްސެވި، ހދ. ކުޅުދުއްފުށީގައި ހުންނަ ކުރީގެ އަތޮޅުގޭގައި މިއެކަޑަމީ ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި، ސަރުކާރުގެ ޢިއްޒަތްތެރިންނަށްޓަކައި ޚާއްޞަކޮށްފައިވާ ޢިމާރާތްތައް، ރައްޔިތުންނަށް ފައިދާވާނެ ގޮތެއްގައި ބޭނުން ހިފުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ޤައުމިއްޔަތެއް ބިނާކޮށް، ޤައުމީ ތަރައްޤީ ހޯދުމަށްޓަކައި، ހުނަރުވެރި، ތަޢުލީމީ ފެންވަރު ރަނގަޅު ކުދިންތަކެއް ބިނާކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ ސިޓީ ތަރައްޤީކޮށް، މުޅި ރާއްޖެއަށް އެ ތަރައްޤީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ދެވޭނީ، އިތުރު ހުނަރުތަކަކާއި، މަތީ ތަޢުލީމުގެ ފުރުޞަތު ލިބިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެރިޓައިމް އެކަޑަމީން އުނގަންނައިދޭ ހުނަރު އުނގެނި، ގަދައަޅާ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށާއި، ރަށާއި ރާއްޖެ ތަރައްޤީ ކުރުމަށް މަސަކަތް ކުރުމަށް އެސެންޓަރުގެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.