ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރްކަޒު އުފައްދަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު ހިނގަމުންދާނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ދަށުންނެވެ.

މި އިދާރާ މި އުފެއްދެވީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީވެ ފުޅާވަމުން ދިޔުމާއެކު، ކުޅިވަރުގެ ޤައުމީ މަރުކަޒެއް ރާއްޖޭގައި ޤާއިމްކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރްކަޒުގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1. ކުޅިވަރާ ގުޅުންހުރި ތަފާތު ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްގެން، ކުޅިވަރުގައި ހަރުދަނާ ވާދަވެރިކަން އުފައްދައި ކުރިއެރުވުން.
2. ކުޅުންތެރިން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމެހެއްޓުމަށްޓަކައި ރަނގަޅަށް ފަރުމާ ކުރެވިފައިވާ ހަށިގަނޑުގެ ތަރުބިއްޔަތުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޖިސްމާނީ ދުޅަހެޔޮކަން ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
3. ތަފާތު ކުޅިވަރު ކުޅޭ މީހުންގެ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި، އެ ކުޅިވަރަކާ ގުޅޭ ފެންވަރު ރަނގަޅު ތަމްރީނުތައް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
4. “ކުޅިވަރު އެންމެންނަން” މި ޝިޢާރުގެ ދަށުން ކުޅިވަރާބެހޭ ތަޢްލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން.
5. ކުޅުންތެރިންގެ “ޕަރފޯމަންސް ޕްރޮފައިލް” އެކުލަވާލައި، އިތުބާރުކުރެވޭ ގޮތެއްގެ މަތިން، އެމަޢްލޫމާތު ބެލެހެއްޓުން.
6. ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭސް ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމާއި، އެފަދަ ބޭސްތަކާބެހޭ މަޢްލޫމާތު އެއްކޮށް، އެ މަޢްލޫމާތު އާންމުކުރުން.
7. ކުޅިވަރު ކުޅުންތެރިންނަށް ދިމާވާ ނަފްސާނީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ކުޅުންތެރިންނަށް އެހީތެރިވެދިނުން.
8. ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ ހާނީއްކަތައް ދެނެގަތުމާއި، އެ ހާނީއްކަތަކަށް ފަރުވާދިނުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި، އެފަދަ ހާނިއްކަތައް ދިމާނުވާނެ ގޮތްތަކާބެހޭ ދިރާސާތައްކޮށް، އެދިރާސާތަކުން ހޯދޭ މަޢްލޫމާތު، ކުޅުންތެރިންނާ ހިއްސާކުރުން.
9. ކުޅިވަރު ކުޅުމުގެ ތެރޭގައި، ހާނީއްކަވާ ކުޅުންތެރިން ރައްކާތެރިކަމާއެކު، އަލުން ކުޅިވަރުގެ މައިދާނަށް ރުޖޫޢަކުރުން.
10. “ސްޕޯރޓްސް ނިއުޓްރިޝަން”އާ މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
11. ކުޅިވަރުގެ ދާއިރާގެ ޕްރޮފެޝަނަލް ކެރިއަރއެއް ބިނާކުރުމަށްޓަކައި ކުޅުންތެރިންނަށް ބޭނުންވާނެ މަޢްލޫމާތާއި ތަމްރީނު ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
12. ކުޅިވަރު ކުޅުން ހުއްޓާލާ ޕްރޮފެޝަނަލް ކުޅުންތެރިން މުޖުތަމަޢަށް ނެރެވޭނެ ކެރިއަރ ޕްލޭން ރާވައި، އެ ޕްލޭނަށް ހޭލުންތެރިކުރުވައި، އެ ޕްލޭނަށް ޢަމަލުކުރުމަށް މަގުފަހިކޮށްދިނުން.
13. ސްޕޯރޓްސް ނިއުޓްރިޝަންއާއި، ކުޅިވަރު ކުޅުމުގައި ލިބޭ އަނިޔާއާއި، އަދި މިނޫންވެސް މިފަދަ ކުޅިވަރުގެ ދާއިރާގެ މަޢްލޫމާތުދޭ ފަރާތްތައް އުފައްދައި، މި ފަރާތްތައް މެދުވެރިކޮށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ބުނެވިދިޔަ ކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމާއި، މިކަންކަމާ ގުޅުންހުރި “ސައެންޓިފިކް ޑޭޓާ” އެކުލެވޭ ވެބްސައިޓްތަކާއި، ރިޕޯޓްތަކުގެ ލިންކްތައް، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމި މަރުކަޒާ ގުޅުން އުފައްދާ ޤައުމީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ހިއްސާކުރުން. އަދި، ކުޅިވަރާބެހޭ މަޢްލޫމާތު އެއްކޮށް، ކުޅިވަރާބެހޭ ރެކޯޑުތައް ބަލަހައްޓައި، ޢާންމުކޮށް ލިބޭނެ ގޮތް ހެދުން.