ނޫސް ބަޔާން: ދައުލަތުގެ ބަންޑާރަ ނައިބާ ގުޅޭގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފަތުރާފައިވާ ޙަޤިޤަތާއި ޚިލާފު ވާހަކަތައް ކުށްވެރިކުރުން

ނަންބަރު: MDP-2011-PR-0016
ތާރީޚް: 05 ޑިސެމްބަރު 2011 (އަންގާރަ)

ދައުލަތުގެ ބަންޑާރަ ނައިބާ ގުޅޭގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފަތުރާފައިވާ ޙަޤިޤަތާއި ޚިލާފު ވާހަކަތައް ކުށްވެރިކުރުން

ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބުދުﷲ މުޢިއްޒު ކޯޓުގެ ހުރުމަތް ކަޑާލައްވާފައިވާ ކަމަށް ބުނެ، ގދ. ގައްދޫ ކޯޓާއި ހަވާލާދީ 5 ޑިސެމްބަރ 2011ގައި މީޑިއާގައި ޚަބަރު ފަތުރާފައިވަނީ ދައުލަތަށް ގާނޫނީ ގޮތުން ދައުވާ ލިބެން ނުޖެހޭ ބާވަތުގެ މައްސަލައެއް ދައުލަތަށް ދައުވާ ލިބޭ ކަމަށް ބަލާ މައްސަލަ ބަލައިގަނެ އަދި ބަންޑާރަ ނައިބުގެ އޮފީހަށް ކޯޓަށް ހާޒިރުވުމަށް ރައްދުކުރަންޖެހޭ އަމުރު ރައްދު ނުކޮށް، ޒާތީ ތައައްސަބުން ފުރިފައިވާ އަމަލެއްކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން މިކަމާއި ގުޅޭ ގޮތުން ނެރުއްވި ނޫސްބަޔާނުން ސާބިތުކަމާއި އެކު އެނގެއެވެ.

މިޕާޓީގެ ބުރަ މަސައްކަތުން، ބާރުތައް ވަކިވެފައިވާ، އަދި އެއްބާރު އަނެއްބާރަށް ފާރަވެރިވާ އިސްލާހުތަކެއް މިރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނައީ ފޮނި އުއްމީދު ތަކަކާއިއެކުގައެވެ. އަދި ރާއްޖެ، ޒަމާނީ ޑިމޮކުރަސީ އަށް ދަތުރުކުރަމުން ދާ މި ނާޒުކު ދަނޑިވަޅުގައި، ދައުލަތުގެ ބަންޑާރަ ނައިބު އޭނާގެ ޤާނޫނީ ވާޖިބު އަދާ ނުކުރެވޭ ކަމަށްވާނަމަ އެކަމާއި މެދު ފިޔަވަޅު އެޅުން އެއީ ދިވެހިރާއްޖެގެ ޤާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލީހާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކަށް ވީހިނދު، ދައުލަތަށް ދައުވާ ލިބޭގޮތަށް ނޫންގޮތަށް އޮތް މައްސަލައެއް ދައުލަތަށް ދައުވާ ލިބޭ ގޮތަށް އޮތް މައްސަލައެއް ކަމަށް ބަލައިގަނެ، އަދި ކޯޓުގެ އިޖްރާތާއި އެއްގޮތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހަށް ރައްދުނުކޮށް، ކޯޓުތަކުގެ އިޚްތިސާސްއިން ބޭރުވެ، ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުހައްމަދު ރާޣިބު، ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އަބުދުﷲ މުޢިއްޒު އާއިގުޅޭގޮތުން މީޑިއާގައި އެދެއްކެވި ވާހަކަތަކީ އޭނާގެ ސުލޫކުއާއިމެދު ސުވާލު އުފެދޭ އަދި އޭނާގެ ޤާނޫނީ ވާޖިބު އޭނާއަށް އުފުލޭނެ ފަދަ ލަޔާގަތާއި ޤާބިލިއްޔަތު ނެތްކަން ސާބިތުކޮށްދޭ ނޭއްގާނީ އަމަލެކެވެ.

އަދުލު އިންސާފުގެ ދާއިރާ އާއި މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރުގެއްލިފައި އޮއްވާ ޤާނޫނު އަސާސީ އިސްލާހުކޮށް ބާރުތައް ވަކިވެފައި އޮތް ނިޒާމެއް ރައްޔިތުން އެކަށައެޅީ އަދުލު އިންސާފު މިނިވަންކަމާއެކު ދެމިއޮވެ ރައްޔިތުންގެ މެދުގާ ހަމަ ހަމަ ކަމާއެކު ޢަދުލު އިންޞާފް ޤާއިމްކުރެވޭނެކަމަށް ދެކިގެންނެވެ.
ގދ.ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބުގެ މި ނާތަހުޒީބު، ނޭއްގާނީ އަމަލު މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ކޯޓުތަކުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައި ނުގަތުމަށް ވެސް މިޕާޓީން އިލްތިމާސްކުރަމެވެ. މީގެ އިތުރުން، ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުހައްމަދު ރާއިބު ހިންގަވާފައިވާ މިޖަރީމާއާއިމެދު ޖުޑީޝަލް ސާރވިސް ކޮމިޝަން އިން ގޮތެއް ނިންމަވާ ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވާ ދެއްވުމަށް މިޕާޓީން ހަރުކަށި ޢިބާރާތުން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް