ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާމެދު ކުރައްވާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޙަޤީޤަތެއްވޭތޯ ބެއްލެވުމަށް ބޭނުންފުޅުވެއްޖެ

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާއާއި، އަދި ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ކުރައްވާ ތުހުމަތުތަކަކީ، ހަމައެކަނި ކުރެވޭ ތުހުމަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެއީ ސާބިތު ހިފިދާނެ ވާހަކައެއްތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާތީ، މިކަން ބަޔާންކުރައްވައި އެތިން ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމް ސިޓީ ފޮނުއްވައިފިއެވެ.

އެތިންބޭފުޅުން ސަރުކާރަށް ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭގޮތުން ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތުތަކާއި، ހެކިތަކާއި، ޤަރީނާތައް، ތަފްޞީލާއެކު ވެވަޑައިގެންނެވި އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ. އަދި މިކަމުގައި އެތިން ބޭފުޅުންގެވެސް ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ނިހާޔަތަށް ބޭނުންފުޅުވެއެވެ.