އެސަރުކާރާއި ،މިސަރުކާރުގެ ތަފާތު. 1

ފުނަމާ

މިއަދު ރާއްޖޭގައި އެންމެ ބޮޑަށް އިވެމުންދާ އެއްއަޑަކީ ކުރީގެ 30 އަހަރުގެ ސަރުކާރުން މިގައުމަށް ކޮށްދީފައިވާ ކަންކަމާ ، މިއަދު އުފެދި ހިނގަމުންމިދާ ސަރުކާރުގެ ތިންއަހަރުގެ ތެރޭގައި ކުރެވެމުންދާ ކަންކަމާ އަޅުވައި ކިއުމުގެ އަޑުތަކެވެ. ފުރަތަމަވެސް ދަންނަވާލަން އޮތީ މިދައްކަން އުޅެނީ އަދަދުން 30 އަހަރަކާ ، 3 އަހަރުގެ ވާހަކަތަކެއް ކަމުން ދެއަދަދުގައި ހުންނާނެ ފަރަގު ވިސްނުމުގައި ބަހައްޓާންޖެހޭ ކަމެވެ.

30 އަހަރުގެ ވެރިކަމުގައިވެސް ދައުލަތް ހިންގުމުގައި އަސާސްއަކަށް ބަލާފައިވަނީ ބުނެވޭގޮތުގައި ، އިސްލާމީ ޝަރީއަތާއި ތައާރަޟް ނުވާނެ ގޮތަކަށް ހަދާފައިވާ ގާނޫނުއަސާސީއެކެވެ. ކުރީގެ ވެރިކަން ފަށައިގަނެވުމާއެކު ، އޭރު ބޭނުންކުރެވެމުންދިޔަ ގާނޫނުއަސާސީއަކީ އެއްގޮތަކަށް ވެސް ކަމުދާ އެއްޗަކަށް ނުވާތީވެ އަލުން ގާނޫނުއަސާސީއެއް އެކުލަވާލަން މަސައްކަތް ފެށުނެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ނަމުގައެވެ. 17 އަހަރު ދުވަހު އެގާނޫނުއަސާސީ އެކުލަވާލުމަށް ކުރެވުނު މަސައްކަތް ތަކަކީ ފަހަރެއްގައި ދުނިޔޭގެ ރެކޯޑުފޮތުން ޖާގަލިބޭ ވަރުގެ މުއްދަތެއް ކަމުގައި ވެދާނެއެވެ. ގާނޫނުއަސާސީ ލަސްވެގެން އިވުނު ބައެއް އަޑުތަކަށް އޭރުގެ ސަރުކާރުން ޖަވާބުދިނުމުގައި ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އާއި ކީރިތި ގުރުއާނާ އަޅާކިޔާފައިވެސް ވާކަމުގައި ދަންނަވަން ޖެހެއެވެ. ގުރުއާން ބާވައި ލެއްވުނީ 22 އަހަރަށްވުރެ ދިގު މުއްދަތަކުން ކަމުގައި ވާތީވެ ދިވެހީން ހަދާ ގާނޫނުއަސާސީއެއް ހެދުމަށް އެވަރުގެ މުއްދަތެއް ހޭދަވުމަކީ އައިބެއް ނޫންކަމުގައި އެއިރު އެންމެ ފުންނާބުއުސް ޝޭޚަކު ވިދާޅުވެ މިސާލު ޖައްސަވާފައި ވެއެވެ. އެހެނަސް އެހެދުނު ނުވަތަ އިސްލާހު ކުރެވުނު ގާނޫނުއަސާސީ ތާކުން ތާކުނުޖެހޭ ކަމުގައި ބުނެ ހައެއްކަ އަހަރުވެސް ގާނޫނުއަސާސީއަށް ނުފުރިގެން އުޅެނިކޮށް އަނެއްކާވެސް ގާނޫނުއަސާސީ އިސްލާހުކުރާން މަސައްކަތް ފެށުން އިއުލާނު ކުރެވުނެވެ. މިފަހަރު ކުރިޔާ ޚިލާފަށް ސަރުކާރުން ބުނިހައި އެއްޗެއްގައި ރަބަރު ސްޓޭމްޕު ޖެހުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ބަސްބުނެ އިއްވާނެ މަދު ބަޔަކު ނަމަވެސް ގާނޫނުހަދާ މަޖިލީހަށް ރައްޔިތުން ވެއްދިކަން ފާހަގަ ކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ކުރީން ލިބިފައިނުވާ އެތަކެއް ހައްގުތަކެއް ކަށަވަރުކޮށްދޭ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމަކަށް ދިވެހީންގެ އަނެއް 17 އަހަރު އިރާދަ ކުރެއްވީތީ ގެއްލުވާލާކަށް ނުޖެހުނެވެ. ނަމަވެސް މިދެގާނޫނުއަސާސީ ވެސް ވުޖޫދަށް ގެނެވުނީ ރައްޔިތުންގެ ޖީބުތަކުގައި ލޯވަޅުއެޅި ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކޮށްގެންނެވެ.

ކުރީގައި 17 އަހަރުން ހެދުނު ގާނޫނުއަސާސީގައި ދައުލަތުގެ ވެރިކަމުގައި ހުންނަ މީހަކަށް ހުރިހައި ބާރުތަކެއް ވަނީ ކަށަވަރު ކޮށް ލިބިދީފައެވެ. ވެރިމީހާގެ އަނގައިން ބުނެވޭ ބަހަކީވެސް ގާނޫނުއަސާސީގެ ބައެއް ކަމުގައި ބުނެވޭ މިންވަރަށެވެ. ގާނޫނުއަސާސީ ފަރުމާ ކުރީވެސް ބަސްކީވެސް ފާސްކުރީވެސް ސައްތައިން ސައްތަ ސަރުކާރުގެ ވެރިމީހާގެ ނުފޫޒުގެ ދަށުގައެވެ. ނޫންބަހެއް ބުނެލި ކޮންމެ މީހަކަށް ޖެހުނީ މަޖިލިސް ދޫކޮށް އަރުވާލެވޭށެވެ. ނޫނީ މުޖުތަމައުގައި އަގުވެއްޓި ހަނާވާށެވެ. އެކަމަކު ބުނަނީ އޭރުވެސް ސަރުކާރުގެ ނިޔަތަކީ ރައްޔިތުންނަށް އެންމެހައި ކަންކަން ފަހިކޮށް ދިނުން ކަމުގައެވެ. ގާނޫނަކުން ނިކަމެއްޗަކަށް ސުވަލެއްހާ މިންވަރުވެސް ދޭންޖެހެނީ ވެރިމީހާ ބޭނުމިއްޔާއެވެ. ޚާއްސައެހީއަށް ކަނޑައެޅޭ ބަޖެޓުގެ ބައި އޮންނަނީ ވެރިމީހާގެ ގޭގެ ކާމޭޒުމަތީގައެވެ. އެހީއެއް ލިބޭނަމަ ލިބެނީ އަރިހުގައި ގެންގުޅުއްވާ މުއްސަނދި ކުދީންނަށާއި ، ބޮޑުންނަށެވެ. ގައުމުގެ ހުރިހައި މުސްކުޅީން ތިބީ ގޮނޑުދޮށަށް ލައްގާ ފައިވާންކިބަ އަކަށްވެސް މުހުތާދުވެ ނުލިބިފައެވެ. އެކަމަކު މިއަދު ބުނާތީ އިވެނީ އޭރުގެ ސަރުކާރުގެ ދީލަތި ވެރިމީހާ ހުވަފެނުގައި މުސްކުޅީންނަށް އެހީވާން ނިންމި ވާހަކައެވެ. ހަގީގަތަކަށް ނުވިއެވެ. ވެރިކަން ނިމިދިޔައީ 30 އަހަރުގެ އާރާ ބާރާ އެކުގައެވެ.

މިއަދު މިފެންނަނީ އެހެން މަންޒަރެކެވެ. ގައުމުގެ ހުރިހައި މުސްކުޅީން މިއަދު އެތިބީ ކޮންމެ މަހަކު ޖީބަށް ދެހާސްރުފިޔާ ލައިގެން ހިލޭ ބޭސްފަރުވާ ކުރެވޭނެ ފުރުސަތު ލިބިދީފައެވެ. މިއަދު އެމީހުންނަކީ މިގައުމުގެ އެންމެ ގަދަރުވެރީންނެވެ. ވެރިކަމަށް މިވީ ތިންއަހަރެވެ. ކޮންމެހެނަކުން މިސަރުކާރުގެ ވެރިމީހާގެ ޚިޔާލީ ފޮލާގައި 30 އަހަރު އެކަން ނުކުރެވިގެން އުޅޭކަށް ބޭނުމެއް ނުވިއެވެ. ގާނޫނަކުން ހަމަޖެހެން ދެން ނުކޮށް ނުބާއްވައި ފުރަތަމަވެސް އެކަން ކޮށްލީއެވެ. ނިޔަތުގައި ހުރި ތަފާތު މިއަދު މިއޮތީ ފެނިފައެވެ. މިބަލާލީ ހަމައެކަނީ އުމުރުން 65 އަހަރުވެ ކުރީން އެހެންގޮތެއް ނެތިގެން ކޮންމެވެސް މަހުޖަނެއްގެ މުދާކޮޅު ބަލަހައްޓައިދޭން މުރަނަވެފައިހުރި ޕުލާސްޓިކު ގޮނޑިގަނޑެއްގައި ރޭގަނޑު ހަތަރުދަމު ހޭލާ އިންނާން މަޖުބޫރުވުމުން އެހެނަސް ހާލު ނިޔާކުރާގޮތުން ނިދިޖެހި އުނގުގައި އޮތް ޓޯޗު ބިމަށް ވެއްޓުނު ކިތަންމެ ބައެއްގެ ވާހަކައެވެ. އެސަރުކާރާއި މިސަރުކާރުގައި މިކަން އޮތްގޮތެވެ.