އެމްޑީޕީގެ މެންބަރުން އިތުރުކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

އިބްރާހީމް ރާމިޒް

reeko

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ ޢަދަދު އިތުރުކުރުމަށް ތިން މަސް ދުވަހުގެ ބޮޑު ކެމްޕެއިނެއް ފަށާ ގޮތަށް އެ ޕާޓީން ނިންމައި އެކަން މިއަދު އިޢުލާންކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވީ މި ކެމްޕެއިން ފެށުމުގެ ގޮތުން “މެންބަރަކު މެންބަރެއް” މި ޝިޢާރުގެ ދަށުން މާދަމާރޭ ދަރުބާރުގޭގައި ޚާއްސަ ޖަލްސާ އެއް ބާއްވާނޭ ކަމަށެވެ.

” މާދަމާރޭ، މެންބަރަކު މެންބަރެއް” މި ޝިއާރުގެ ދަށުން 3 މަސްދުވަހުގެ ކެމްޕެއިނެއްގެ ފެށުން ފާހަގަކުރުމަށް އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާ އެއް އޮންނާނެ. އަޅުގަނޑުމެންނަށް 1 ޖެނުއަރީގެ ނިޔަލަށް 50،000 މެންބަރުން ހަމަކުރެވޭނެ.” މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން ފަށާ މި ކެމްޕެއިން ގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގެއެއްގެ ދޮރުން ދޮރަށް ހިނގައި، ދަތުރުތަކުގައި ރައްޔިތުންގެ ޙާލު ބަލައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ މަދަނަ އާއި އެހެނިހެން އިނާޔަތްތަކުގެ ތެރެއިން ރައްޔިތުންނަށް ނުލިބެނީ ކޮންޚިދުމަތެއްތޯ އާއި، އަދި ރަށްރަށަށާއި، އެރަށްރަށުގެ ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންވަނީ ކޮން ކޮން ޚިދުމަތްތަކެއްތޯ ބަލައި އެކަންކަމުގެ ތެރެއިން ވަގުތުން ރަނގަޅު ކުރެވެންހުރި ކަންކަން ރަގުޅުކުރުމަށް ޓީމުގެފަރާތުން މަސައްކަތް ކުރާގޮތަށް ވަނީހަމަޖެހިފައެވެ. އަދި އަތޮޅުތަކުގެ އެކި ދާއިރާތަކަށް އެމްޑީޕީން އިންތިޚާބުވެފައިވާ ފަރާތްތަކާއި، ސިޔާސީ ފަރާތްތަކާއި މެދު ރައްޔިތުންދެކޭ ގޮތް ބެލުމަކީ ވެސް މި ދަތުރުތަކުގެ އެއް ބޭނުން ކަމަށް އެމްޑީޕީން ބުނެއެވެ.

މޫސަ ވިދާޅުވީ އަތޮޅުތަކަށް އެމްޑީޕީން ފަށާ ދަތުރުތަކުގައި، އެމްޑީޕީގެ 5 ވައުދު ފުއްދުމުގައި ޕާޓީއަށް ހޯދިފައިވާ ކުރިއެރުންތައް ވެސް ދެނެގަންން ބޭނުންފުޅުވެލައްވާ ކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް އެމްޑީޕީންކުރާ މަސައްކަތާމ މެދު އާންމުން ހޭލުންތެރި ކުރުވައި، އެ ދާއިރާ ރަގަޅުވަމުން ނުދާނަމަ ރަށްރަށުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަން ގަސްދުކުރައްވާ ކަމުގައި ވެސް މޫސަ މިއަދު ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެވަޑައިގެން، ރައްޔިތުންގެ މަޖިލީހާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި މިހާރު ހިނގަމުންދާ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ.

އެމްޑީޕީން މެންބަރޝިޕް އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާއިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރުވެސް 48018 މެންބަރުން އެބަތިއްބެވެ. އަދި މިއީ އެ ޕާޓީ އާއި އެންމެ ކައިރިން ވާދަކުރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީއަށް ވުރެ 12776 މެންބަރުން ގިނަ އަދަދެކެވެ.