ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ކޯޓުން އަމިއްލައަށް ބަލަމުންދާތީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި

އިބްރާހީމް ރާމިޒް

majlis-inthi-3

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ކޯޓުން އަމިއްލައަށް ބަލަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އިންތި މިއަދު ހުށަހެޅުއްވިޤަރާރަކީ ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެކޮމިޝަނުން އަދާކުރުމަށް ވަކިފަރާތަކުން ހުރަސްއަޅަމުންގެންދާކަމަށް ޤަބޫލުކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 142 ވަނަ މާއްދާގެދަށުން ހުށަހަޅާ ޤަރާރެއް ކަމަށާއި، ޤާނޫނު އަސާސީ ބިނާވެފައި އޮންނަނީ ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮންނަ އުސޫލެއްގެ މައްޗަށްކަމަށްވެފައި، ދައުލަތް ހިންގުމުގެ ނިޒާމުގެތެރޭގައި މިނިވަން މުއައްސަސާތައް އުފައްދައި ޤާއިމުކުރެވިފައިވާއިރު، މިގޮތުން ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޖޫޑިޝަލް ސަރވިސް ކޮމިޝަނެއް ޤާނޫނު އަސާސީގެ ދަށުން އުފައްދައި ޤާއިމުކޮށް، އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ވަކި ޚާއްޞަ ކަންތައްތަކެއް ޤާނޫނު އަސާސީންނާއި ޤާނޫނުން ކަނޑައަޅައި ހަވާލުކޮށްފައިވާ ކަމަށާއި، އެގޮތުން އަދުލު އިންސާފުޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞް ހިނގާނޭކަމަށް ޤާނޫނު އަސާސީގައި ކަނޑއެޅިގެން ބަޔާންކޮށްފައިވާ ކަމަށް މި ޤަރާރުގައިވެއެވެ.

އަދި އެ އިޚްތިޞާޞްގެ ތެރެއިން އެ ކޮމިޝަނަށް ލިބިގެންވާ އެއް ބާރެއްގެ ގޮތުގައި ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމުގެ ޤާނޫނީ ބާރު ޤާނޫނު އަސާސީގެ 159 (ށ) އިން އެ ކޮމިޝަނަށް ލިބިދީފައިވީ ނަމަވެސް، ފަނޑިޔާރުން އަމިއްލައަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކޯޓުގައި ނުބެލޭނެގޮތަށް އޮންނަ ޤާނޫނީ އުސޫލާ ޚިލާފަށް، އަދި ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ހަމަ އެލެވެލްގެ ކޯޓެއްގައި ބެލުމަކީވެސް ޤާނޫނީ އުސޫލާ ޚިލާފުކަމެއްކަން އެހާމެ ސާފުކޮށް އެނގެންއޮންނައިރު އެ އުސޫލާވެސް ޚިލާފަށް، އަދި ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތައް ނިގުޅައިގަނެ، ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ ބާރުވެރިކަން ގެއްލޭގޮތަށް، އަދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާފަދައިން ޖޫޑިޝަލް ސަރވިސް ކޮމިޝަނެއް އުފެއްދުމުގެ ބޭނުމާއި މަގުސަދު ވެސް ގެއްލޭގޮތަށް، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ކޯޓުން އަމިއްލައަށް ބަލައި ގޮތްތައް ނިންމަމުންގެންދާތީ، މިކަމަކީ ދައުލަތުގެ އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ އުސޫލު ނެގެހެއްޓުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި، ދައުލަތުގެ އަނެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށްވާތީ، އެގޮތުން ކަންބޮޑުވުން ފާޅުކޮށް މިޤަރާރު ހުށަހަޅަމެވެ.

އިންތިގެ މި ޤަރާރަށް ތާޢީދުކުރެއްވީ އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އޭނާއާމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި އޮތް ނަމަވެސް އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް އަންގައި ސިވިލް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ވަގުތީ އަމުރެއް ނެރިފައެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކެއް އަބްދުﷲ ގާޒީ ދިޓީވީގައި ދެއްކެވިކަމަށް ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށާއި އެ މައްސަލައިގެ ރިޕޯޓު އަބްދުﷲ ގާޒީ އަށް މިހާރު ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އަބްދުﷲ ގާޒީ ސުލޫކީ މިންގަނޑާ ހިލާފުވާ ކަމަށް ޖޭއެސްސީން ނިންމީ މި ނޮވެމްބަރު މަހުގެ 16 ވީ ބުދަދުވަހުއެވެ. އޭނާ އާ ދެކޮޅަށް ދަޢުވާކޮށްފައިވަނީ ޖޭއެސްސީ ގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި، އެ ކޮމިޝަނުގެ ކުރީގެ މެންބަރު ޢައިޝަތު ވެލެޒިނީ އެވެ.