ށ.އަތޮޅު ކައުންސިލް ގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރާ 2 ކެންޑިޑޭޓުންނާ އެމްޑީޕީގެ ޓިކެޓް ހަވާލުކޮށްފި

އިބްރާހީމް ރާމިޒް

picture-014

ށ.އަތޮޅު ކައުންސިލް ގެ ބައި އިލެކްޝަންގެ މިލަންދޫ ދާއިރާގެ ހުސްވެފައިވާ 2 ގޮނޑިއަށް އެމްޑީޕީން ވާދަކުރާ 2 ކެންޑިޑޭޓުންނާ އެމްޑީޕީގެ ޓިކެޓް ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑީޕީގެ ފަރާތުން މި ބައި އިލެކްޝަނުގައި ވާދަކުރައްވާ، ކުރީގެ ވެސް ކައުންސިލަރުން ކަމަށްވާ، ފިރާޤް އިބްރާހީމް އާއި ޢަބްދުﷲ އާތިފް އާ، އެމްޑީޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު (އެންސްޕާ) އެވެ.
ޑިސެމްބަރު މަހުގެ 31 ވާ ހޮނިހިރު ދުވަހު، ށ.އަތޮޅު ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެމްޑީޕީގެ 2 ކައުންސިލަރުން، ކައުންސިލްގެ 7 ޖަލްސާ އަށް ހާޒިރުނުވާ ކަމަށް ބުނެ، ޑިއާރުޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން އެ 2 ކައުންސިލަރުން ވަކިކުރުމާއި ގުޅިގެންނެވެ.
މި ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ފިރާޤް އިބްރާހީމް ވިދާޅުވީ އެމްޑީޕީގެ 2 ކައުންސިލަރުން ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެންނެވީ ށ.އަތޮޅު ކައުންސިލް އިދާރާ ހުންނަ ފުނަދޫގައި މަސައްކަތްކުރެވޭނޭ ފަދަ މާހައުލެއް އޭރު ގާއިމްވެފައިނުވާތީ ކަމަށާއި، ޑިއާރުޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލުން އެ 2 ބޭފުޅުން ކައުންސިލުން ވަކިކުރުމުގެ މަސައްކަތް ދުރާލާ ކުރިޔަށް ގެންދިޔަ ކަމަށާއި، އެ ގޮތުން މިލަންދޫ ގައި ދިރިއުޅުއްވާ އެ ދެ 2 ކައުންސިލަރުންނަށް ބައެއް ޖަލްސާތަކަށް ދަޢުވަތު ދެނީ ވެސް ޖަލްސާ ފެށެން ވަރަށް ކުޑަވަގުތުކޮޅަކަށް ވުމުން ކަމަށެވެ. އެ ގޮތުން މެންދުރުފަހު 3 ޖަހާއިރު އޮންނަ ޖަލްސާ އަކަށް މެންދުރު 12 ނުވަތަ 1 ޖަހާއިރު ވެސް ބައެއް ފަހަރު ދަޢުވަތުދޭ ކަމަށް ފިރާޤް ވިދާޅުވިއެވެ.
ފިރާޤް އިތުރަށް ވިދާޅުވީ 7 ޖަލްސާ އަށް އެ 2 ބޭފުޅުން ހާޒިރުނުވާ ކަމަށް ނިންމީ، އޮޅުވާލައިގެން ކުއްލި ޖަލްސާތަކެއްގެ ނަމުގައި ޖަލްސާތަކެއް ބާއްވައިގެން ކަމަށާއި، ދައުލަތުގެ މާލިއްޔަތު ހިތުހުރި ގޮތަކަށް ބޭނުންނުކުރެވިދާނެތީ އާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްވިޔަ ނުދިނުމަށް، އެ ދެ ކައުންސިލަރުން ގަސްދުގައި އަތޮޅު ކައުންސިލުން ބޭރުކޮށްލީ ކަމަށެވެ.
ފިރާޤް އާއި އާތިފް އަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ނިންމާފައި މިވަނީ، އެ ކަމަށް އިޢުލާންކުރުމުން ކުރިމަތިލެއްވީ އެ ދެ ފަރާތުން އެކަނި ކަމަށްވެފައި، އެ ދެ ބޭފުޅުންނަކީ މިލަންދޫ ދާއިރާގައި ހިމެނޭ މިލަންދޫ އާއި ފީވައް އަދި ނަރުދޫގެ ރައްޔިތުންގެ ފުރިހަމަ ތާޢީދު އޮތް ދެ ބޭފުޅުންނަށްވާތީ، އެ ދެ ބޭފުޅުން ދެ ވަނަ ފަހަރަށް ވެސް ހޮވޭނޭ ކަމުގެ ވަރަށް ބޮޑުޔަޤީންކަމެއް ލިބިފައިވާތީ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ ހާމަކޮށްފައެވެ. .