އައްޑޫސިޓީގެ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދާއި ހަންކެޑެ ސަރަޙައްދަކީ މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

cabinet2

އައްޑޫސިޓީގެ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދާއި، ހަންކެޑެ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ތައްޔާރު ކުރި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރުމަށްފަހުގައެވެ. މި ކަރުދާސް، އެމިނިސްޓްރީން ހުށަހެޅީ، މި ދެސަރަޙައްދަކީ މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅުމަށް، އައްޑޫސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށް، އެ މިނިސްޓްރީއަށް ފޮނުވުމާ ގުޅިގެންނެވެ.
އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަޙައްދުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހަންކެޑެ، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކުރުމާއި ގުޅިގެން، ސިންގަޕޯރ ކްރެސެންޑަރސް ގްރޫޕްގެ ފަރާތުން އެމަސައްކަތް ގެންދަނީ ކުރަމުންނެވެ.