ސިއްޙީ ދާއިރާ ޕެރަލައިޒްކުރަނީ އިދިކޮޅު ފަރާތްތަކުގެ ސިއްރު ރޭވުންތަކުން !

ފުނަމާ

igmh

ކޮންމެ އިންސާނަކަށްވެސް ސަލާމަތް ސިއްހަތެއް ބޭނުންވާއިރު ، ސިއްހީ ޚިދުމަތަކީ އެއާނުލައި އިންސާނުންނަށް އުޅެވެންނެތް ޚިދުމަތެކެވެ. އެގޮތުން ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމުގައި އެއިރެއްގެ ހާލަތާ އެކަށީގެންވާ ގޮތަކަށް މިހާތަނަށްވެސް ވަނީ މަސައްކަތް ކުރެވިފައެވެ. އެހެންނަމަވެސް ރައްޔިތުން އެންމެ ބޮޑަށް ޝަކުވާކުރާ ދާއިރާއަކީ ސިއްހީ ދާއިރާއެވެ.
ވޭތުވެދިޔަ ތަނަށް ބަލާލާއިރު ރާއްޖޭގައި އެކިއިރު މިޚިދުމަތް ދެމުން ގެންގޮސްފައިވަނީ އެކިފެންވަރުގައި އެކިހިސާބުގައި އެކިގޮތަށެވެ. އެތާރީޚަށް ދިއުމަކީ މިފަދަ ލިޔުމެއްގައި އެކަށީގެންވާ ކަމެއް ނޫންކަމުން ކުރުކޮށްލަމެވެ. ނަމަވެސް ކުރީން ރާއްޖޭގެ މަދު ސަރަހައްދު ތަކެއްގައި ހޮސްޕިޓަލް ގާއިމްކޮށް މަދު ޑޮކްޓަރުންކޮޅެއް ބޭނުންކޮށްގެން ދެވެމުންދިޔަ ސިއްހީ ފަރުވާ ކުއްލިއަކަށް ފުޅާވެ ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އަޅައިގެން ދޭންފެށުމާ އަދި، ހަމައެހެންމެ ހުރިހައި ރަށެއްގައި ހުރި ހެލްތުޕޯސްޓުތައް ސިއްހީ މަރުކަޒުތަކަށް ބަދަލުވެ ދިއުމާއެކު ރައްޔިތުންނަށް އެކަމުން ލިބިގެންދިޔަ ހިންހަމަޖެހުމާ ނުބައްދަލު ޝަކުވާތަކެއް އުފުލަންފެށީ ، ގެނެވޭ ޑޮކްޓަރުންގެ ފެންވަރާ ގުޅިގެންނެވެ. ގިނައަދަދެއްގެ ޑޮކްޓަރުން ގެންނާން ޖެހުމުގެ އިތުރުން ޚާއްސަކޮށް ރާއްޖެތެރޭގައި މީސްކޮޅުމަދު ރަށްރަށުގައި މާގިނަ ވަސީލަތްތައް ނެތުމާއެކު ގިނަޑޮކްޓަރުން މަސައްކަތް ކުރުމަށް އިންކާރު ކުރުމާ އަދި ، މިގޮތަށް މަސައްކަތް ކުރާން ބޭނުންވެގެން އަންނަ ފެންވަރުހުރި ޑޮކްޓަރުން އެއްދުވަހުން އަނެއްދުވަހަށް ދިޔައީ މަދުވަމުންނެވެ. ރާއްޖެ އަންނަގިނަ ޑޮކްޓަރުން މަދުދުވަސްކޮޅެއްގެ ތަޖުރިބާއަށްފަހު ރާއްޖެދޫކޮށް ދިއުމަށްފަހު ދެންދަނީ ކޮންމެވެސް ބޭރުގެ އެހެން ގައުމަކަށެވެ. ނޫނީ ލިބުނު ލާރިން އޭނާގެ ގައުމުގައި ކްލިނިކެއް ހިންގުންފަދަ ކަމެއް ކުރަނީއެވެ. ރާއްޖެއަށް އެނބުރި ބުނަނީ ސަލާމެވެ.
ޚާއްސަ ގޮތެއްގައި ރާއްޖޭގައި އިސްލާހީ ބަދަލުތައް ގެންއުމުގެ މަސައްކަތް ފެށުމާ ސިޔާސީ ވާދަވެރިކަން ފެށުމާއެކު ރަށްރަށަށް ޑޮކްޓަރުން ލުމާއި އެހެނިހެން ޚިދުމަތްތައް އިތުރުކުރުމުގެ އޮއިވަރެއް އެއިރުގެ ސަރުކާރުން ފަށައިގަތެވެ. އެންމެ ބޮޑަށް ރައްޔިތުންގެ ބޭނުންތަކާއި ގުޅިފައިވާ މިޚިދުމަތް ފުޅާކޮށްލައިގެން ރައްޔިތުންގެ ތާއީދު އެސަރުކާރަށް ހޯދައި ގަތުމަށް ކުރެވުނު މަސައްކަތެއް ކަމުގައި ބުނާމިންވަރަށް މިމަސައްކަތް ކުއްލިއަކަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އެހެންބަޔަކު ވެރިކަމާ ހަވާލުވީއެވެ.
ސަރުކާރު ބަދަލުވުމާއެކު ފާހަގަ ކުރެވުނު އެއްކަމަކީ ހަމަކުއްލިއަކަށް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ދެމުންދާ ޚިދުމަތްތައް ކަމުނުދާ ކަމަށް ބަޔަކު ބުނަން ފެށީއެވެ. ކޮންމެ ބައްޔެއް ޖެހިގެން ދެއްކިޔަސް މާލެދާން ޖެހެން ފެށީއެވެ. މަސައްކަތުގައި ތިބި ބިދޭސީ ގިނަ ޑޮކްޓަރުން އަންނަ ބަލިމީހުންނަށް ” މިތަނުން އެކަށީގެންވާ ޚިދުމަތެއް ނުލިބޭނެ ” ކަމުގައި ބުނަމުން ގެންދާން ފެށީއެވެ. މިކަމާ ގުޅިފައިވާ ސިއްރެއް އަދިވެސް މިއޮތީ ސިއްރު ވެފައެވެ. ބައެއްމީހުން ދައްކާ އެހެންނަމަވެސް ހަގީގަތެއް ކަމުގައި މުޅީން ނުނިންމުނަސް ، މިކަމަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ތިބި ކުރީގެ ސަރުކާރުގެ ސަޕޯޓަރުންގެ ރޭވުމެއް ކަމުގައި ބަޔަކު ބުނަމަުން ގެންދާންފެށިއެވެ. ބަލިމީހުން ގޮވައިގެން ދުއްވަންޖެހޭ ލޯންޗުތައް ކުއްލިއަކަށް ހަލާކުވުމާ މިނޫންވެސް ސިއްހީ ޚިދުމަތްދިނުމަށް ބޭނުންކުރާ މުހިންމު ތަކެތި ހަމަކުއްލިއަކަށް ހަލާކުވާންފެށި ގޮތަށް ބަލާލާއިރު ކޮންމެވެސް ވަރެއްގެ ހަގީގަތެއް މިވާހަކަތަކުގައި ނެތެކޭ ދެންނެވޭކަށް ނެތެވެ. ކޮންމެއަކަސް އެގޭކަމަކީ ހަމަކުއްލިއަކަށް މިޚިދުމަތް ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައިވެސް ދަށަށް ހިނގައްޖެޔޭ ގޮވައި ނަގަންފެށި ކަމެވެ. މިހެން ގޮވަނީ ކޮންބައެއްކަން އެންމެންނަށްވެސް އެބަ އެނގެއެވެ.
ހަމަމިޔާއެކު އެކުހެން ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ޑޮކްޓަރުންނަށް އެކިއެކި ކަންކަމާ ގުޅިގެން ހަމަލާދިނުމާ ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ އަންހެނުންނަށް ޖިންސީ ގޯނާތައްވެސް ދިނުން މިވަނީ ފެށިފައެވެ. ޑޮލަރަށް މިއައި ބަދަލާ ގުޅިގެން ބިދޭސީ ޑޮކްޓަރުންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކާ އެކުވެސް ބުނެވޭ ގޮތުގައި އެމީހުން ގެންނަ އެޖެންޓުން މިއަދު މާގިނަ އަދަދެއްގެ ފައިސާ އެމީހުންގެ އަތުން އަތުލައެވެ. އާދައިގެ ނަރުހެއްގެ އަތުން 3500 ޑޮލަރު ނަގަމުން ގެންދާއިރު ޑރ ންގެ އަތުން ނަގާނީ ކިހާވަރެއްކަމެއް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ ބިދޭސީން ރާއްޖެ ގެނައުމުގައި ގެންނަ ފަރާތްތަކާ އެޖެންޓުންނާ އަދި މިކަމުގައި ހަރަކާތްތެރިވާ ދައުލަތުގެ މުއައްސަސާ ތަކުގެ ތެރޭގައިވެސް ބޮޑެތި މައްސަލަތަކެއް ފެންމަތި ވެފައިވާކަމެވެ.
މިއަދު ރާއްޖޭގައި ހެލްތު ކޯޕަރޭޝަންތައް ހެދިގެން މަސައްކަތް ފަށައިގެންފައި ވާއިރު މިކޯޕަރޭޝަންތައް ހިންގިޔަ ނުދޭން އެކިއެކި ބަހަނާތައް ދައްކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާއިރު ، ލޯކަލް ކައުންސިލް ގާނޫނާއެކު ސިއްހީ ދާއިރާގެ ބައެއް ކައުންސިލުތަކުގެ ދަށަށް ދިއުމުންވެސް ރައްޔިތުންނަށް މިވަނީ އޮޅުންބޮޅުން އަރާފައެވެ. މިގަޑުބަޑުގަނޑުގެ އަސަރު ނުސީދާކޮށް ކުރަމުން ދަނީ ހެލްތު ކޯޕަރޭޝަން ތަކަށް ކަމަށް ވިޔަސް މިކަމުގެ އެންމެ ނޭދެވޭ އަސަރު މިކުރަނީ ދިވެހި ރައްޔިތުންނަށެވެ. ސިއްޚީ ޚިދުމަތުގެ ފެންވަރު ދަށްކުރުމަށް އެކިއެކި ރޭވުންތައް ހިންގައި އަޑުތަކެއް އަރުވަމުން ގެންދާ ބަޔަކު އެމީހުންގެ އަމާޒަކީ ރައްޔިތުން ރުޅިއަރުވައިގެން ވެރިކަން ބަދަލުކުރުވުން ކަމުގައި ދެކިގެން މިކުރަމުންގެންދާ މަސައްކަތް ބިދޭސީ ޑޮކްޓަރުން މިއަދު ރާއްޖެއަށް އައުމަށް ހުރަހެއް ކަމުގައި ހަދައިގެން އެގެންދަނީ ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ގައިނީންފަދަ ސްޕެޝަލިސްޓުން މިއަދު ރާއްޖެއަށް އައުމަށް ދެކޮޅު ހަދަމުން ގެންދާ ގެންދިއުމުގައި ފާހަގަކުރެވޭ އެތަކެއް މައްސަލަ ތަކެއް އަބަހުރިމެއެވެ. އަދި ، މިއަދުވެސް ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ފަރާތްތަކުން އުފެދިފައިމިވާ ހެލްތު ކޯޕަރޭޝަން ތަކުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްވެސް ހުރަސްތަކެއް އަޅަމުން ގެންދާ ކަމުގައި ދަންނަވާން ޖެހެއެވެ. މީގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ރޭވުންތެރިކަމާއިއެކު އެކުރާ މަސައްކަތްތައް ކާމިޔާބު ވުމަށް ފުރުސަތު އިތުރުވާއިރު ސިއްހީ ދާއިރާ މިދަނީ ޕެރަލައިޒް ވަމުންނެވެ.