ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ އަލްވަދާޢު ވިދާޅުވެއްޖެ

hep-national-team

އަންނަ ޑިސެމްބަރުމަހުގެ 2 އިން 11 އަށް އިންޑިޔާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަލްވަދާޢު ވިދާޅުވެއްޖެއެވެ. އިއްޔެ މެންދުރެއްހާއިރު ޓީމް ފުރުމުގެ ކުރިން، ރަސްމީ ފާލަމުން ޤައުމީ ޓީމާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ޓީމަށް ހިތްވަރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޓީމުގެ އެންމެ މުހިންމު މަސައްކަތެއްކަމަށް ދެކެންވާނީ، ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ އަޚްލާޤަކާއި، ކުޅުމެއް ދައްކައިދިނުން ކަމަށާއި، ދިވެހިންނަކީ ނުގުޑާ ފަދަ ޢަޒުމެއްގައި ތިބި، އަޤީދާ ވަރުގަދަ، ދެގޮތެއްނުވާ، އަމިއްލަ ނަފްސަށް އިތުބާރު އޮތް، އަދި އެހާމެ ހުނަރުވެރި ބައެއްކަން މުޅި ދެކުނު އޭޝިޔާގެ ސަރަޙައްދަށް ދައްކާލުން ކަމުގައި ވިދާޅުވިއެވެ.

މިމުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްގެ ޓީމާއެވެ.