އަސްޢަދުގެޚިދްމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި

ފައިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމުގައި ހުންނެވި އަލްފާޟިލް އަޙްމަދު އަސްޢަދު، އެމަގާމުން ވަކިވެޑައިގަތުމަށް އެދިވަޑައިގެން، ހުށަހަޅުއްވާފައިވާ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގަބޫލުފުޅު ކުރައްވައި، އެ މަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ވަފާތެރި އަދި ތެދުވެރި ޚިދްމަތްތަކަށްޓަކައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އަލްފާޟިލް އަޙްމަދު އަސްޢަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުގައާއި އަދި ފަހުން ފިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު، އިޚްލާޞްތެރިކަމާއެކު ވަޒަން ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ދާއިރާތަކުގައި އެ މަނިކުފާނު ޚިދްމަތް ކޮށްދެއްވާފައިވަނީ، ވަރަށް ހީވާގިކަމާއި މުރާލިކަމާއި އިޚްލާޞްތެރިކަމާއެކުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިގޮތުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް.) އާއި ބައިނަލްއަޤްވާމީ މާލީ އެހެން އިދާރާތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރައްވައި، ރާއްޖެއަށް އެ ޖަމްޢިއްޔާތަކުން ފަންނީ ރޮނގުންނާއި މާލީ ރޮނގުން އެހީތައް ހޯއްދަވައިދެއްވުމަށާއި، އެ ޖަމާޢަތްތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމަށް އަސްޢަދު ކުރެއްވި މިންނެތް މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ރާއްޖެއާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ދެމެދު އެއްބާރުލުން އިތުރުކުރެއްވުމަށާއި، އިތުބާރު ދެމެހެއްޓެވުމަށް މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައްވެސް ރައިސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު، ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި ސަރުކާރުގެ ބަޖެޓު ހިންގާން ފެށުމުގައިވެސް އަޙްމަދު އަސްޢަދު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބައްލަވާލައްވާފައިވެއެވެ. ހަރުދަނާ ގޮތެއްގައި ބަޖެޓު އެކުލަވާލުމާއި، ވަކިވަކި ޕްރޮގްރާމްތަކެއްގެ ތެރެއިން ބަޖެޓުގެ ޚަރަދުތައް ރޭވި ހިންގާން ފެށުމަކީ، ސަރުކާރުގެ މާލީ ހިންގުން އިތުރަށް ހަރުދަނާވެ، ސަރުކާރަށް އިތުރު ފަސޭހަތަކެއް ލިބުނު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލެއްވުމުގައި ކުރެއްވި ބުރަ މަސައްކަތްޕުޅާއި ވެދެއްވި ހިއްސާވެސް ފާހަގަކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެކިއެކި މަސައްކަތްތައް ހިންގެވުމުގައި އަޙްމަދު އަސްޢަދު ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމާއި، އެ މިނިސްޓްރީގެ މަސައްކަތްތައް ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.