އަންހެނުން ގައިގައި ހައްދު ޖެހުމާ ދެކޮޅަށް ޕިއްލޭ ވާހަކަދެއްކެވީ ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ރާއްޖެ އިން ސޮއިކޮށްފައި އޮތް މުއާހަދާއަކާ ގުޅިގެން – އެމްޑީޕީގެ ނައިބު ރައީސް

އިބްރާހީމް ރާމިޒް

7moosa-alhaan-manchester-7

އަންހެނުންގެ ގައިގައި ހައްދު ޖެހުމާ ދެކޮޅަށް އދ.ގެ ހިއުމަންރައިޓްސް ހައިކޮމިޝަނަރު، ނަވަނެތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވީ ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ރާއްޖެ އިން ސޮއިކޮށްފައި އޮތް މުއާހަދާއަކާ ގުޅިގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާން ވިދާޅުވީ ދިވެހިރާއްޖެ އަކީ 1965 އިން ފެށިގެން އދ.ގެ މެމްބަރު ގައުމެއް ކަމަށާއި އޭގެ ފަހުން ރާއްޖެ އައީ އދ. ގެ އެކިއެކި މުއާހަދާތަކުގައި ރިޒަވޭޝަންތަކާ އެކީގަ އާއި ރިޒަވޭޝަނާ ނުލައި ވެސް ސޮއިކުރަމުން ކަމަށާއި، 2004 ވަނަ އަހަރު އޭޕްރިލް މަހު ދިވެހިރާއްޖެ އިން އޮތީ ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް ޕަނިޝްމަންޓް އޯ ޑީގްރެޑޭޝަން (އަނިޔާކުރުމާއި އަނިޔާކުރުން މަނާކުރުމާއި އިހާނެތި އަނިޔާކުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ) މުޢާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ރިޒަވޭޝަނާ ނުލައި ކަމަށް ވުމުން އެ މުޢާހަދާގެ ދަށުން ޕިއްލޭ އަށް ރާއްޖޭގައި އެފަދަ ވާހަކަ ދައްކަން ކެރުނީ ކަމަށް އަލްހާން މިއަދު ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެ މުއާހަދާގައި ސޮއިކޮށްފައި ވަނީ “ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ފަތުހުﷲ ޖަމީލުގެ ފޮރިން މިނިސްޓަރު ކަމުގައި އަދި ޑރ. ހަސަން ސައީދު އެޓާނީ ޖެނެރަލަކަށް ހުންނަވައިގެން” ކަމަށެވެ. އަދި މިފަދަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކުރުމަށް ފަހު ދިވެހި ދައުލަތަށް ލާޒިމްވާ ކަންތައްތަކެއް ހުންނަ ކަމަށާއި، އަދި އދ.ގެ ހައި ކޮމިޝަނަރަކު ރާއްޖެ ވަޑައިގެން އެކިއެކި މުއައްސަސާތަކާ ބައްދަލުކޮށް ވާހަކަދައްކަވަން އެދިވަޑައިގަތުމުން އެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ފަހުމީ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އދ.ގެ ހައި ކޮމިޝަނަރު އެ ވާހަކަދެއްކެވީ ވަރަށް އާއްމު ކޮންސެޕްޓެއްގައި އިންސާނުންނަށް އަނިޔާވެރި އަދަބު ދިނުމާއި އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް ދުނިޔޭގެ ފެންވަރުގައި އެއްބަސްވެފައި ހުރި އުސޫލްތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް އަދި އެ މަޖިލީހުގެ މެންބަރުންނަށް ވެސް ޕިއްލޭ ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށާއި، އަދި ސީދާ އިސްލާމްދީނަށް ނިސްބަތްކުރައްވައި އެކަމަނާ ވާހަކައެއް ދައްކާފައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އަލްހާން މިއަދު ވިދާޅުވިއެވެ.
އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވަނެތަމް ޕިއްލޭ، ހައްދުޖެހުމާއި ބެހޭ ގޮތުން އާއްމު ބަހުސކަށް ގޮވާލި ނަމަވެސް، ދިވެހި ސަރުކާރަކުން އެކަމަށް ޖާގަ ނުދޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނާ ތަޢާރަޒްވާ އެއްވެސް މުއާހަދާއެއްގައި، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ނަމަ އެކަމެއް ރިވައިސްކުރަން ޖެހޭނޭ ކަމަށާއި އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް ވެސް އަލްހާން ފަހުމީ މިއަދު ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި އަލްހާން ބޭއްވި މި ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ވަގުތީ ސްޕޯކްސްޕާސަން އަދި އެ ޕާޓީގެ މީޑިއާ ކޮމިޓީގެ މެންބަރު ފާތުމަތު ޝަހީދާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުއްލި ގޮތަކަށް ބޭއްވި މި ނޫސް ކޮންފަރެންސް އަކީ ޕިއްލޭ ދެއްކެވި ވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރަށް ވެސް އެނގި ތިބެ ގަސްދުގައި ކުރުވި ކަމެއް ކަމަށާއި، އަދި އޭނާ ދެއްކި ވާހަކަތައް އޮޅުން އަރާ ގޮތަށް އެކި ގޮތްގޮތަށް ސިޔާސީ ބޭފުޅުންނާއި، ބައެއް މީޑިއާތަކުން ފަތުރަމުންދާތީ ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމަށް ބޭއްވި ނޫސް ކޮންފަރެންސެއް ކަމަށް އަލްހާން ވިދާޅުވިއެވެ.