އެމްޑީޕީގެ މެންބަރުންގެ ޢަދަދު 48000 އަށް އަރައިފި

އިބްރާހީމް ރާމިޒް

ޅ.ހިންނަވަރު ބަޔަކު އެމްޑީޕީއަށް ސޮއިކުރައްވާއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ބަލަހައްޓަވައިގެން .. އެމްޑީޕީ ފައިލް ފޮޓޯ
ޅ.ހިންނަވަރު ބަޔަކު އެމްޑީޕީއަށް ސޮއިކުރައްވާއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ބަލަހައްޓަވައިގެން .. އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ މެންބަރުންގެ ޢަދަދު 48000 އަށް އަރައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 23 ވަނަ ދުވަހު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން އަދިވެސް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ އެމްޑީޕީއެވެ. އެމްޑީޕީގެ މެންބަރުންގެ ޢަދަދު 48018 އަށް އަރާފައިވާ އިރު، އެ ޕާޓީ އާއި އެންމެ ކައިރިން ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑީއާރުޕީގައި ތިބީ ޖުމްލަ 35242 މެންބަރުންނެވެ. މިއީ އެމްޑީޕީއަށް ވުރެ 12776 މެންބަރުން މަދު ޢަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް ގައި އެންމެ ފަހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 3 ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ އަދާލަތު ޕާޓީއެވެ. އެ ޕާޓީގައި މިވަގުތު ތިބީ 6131 މެންބަރުންނެވެ. 4 ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ ގައި މިވަގުތު ތިބީ 5292 މެންބަރުންނެވެ.

އެމްޑީޕީގެ މެންބަރުންގެ ޢަދަދު 48،000 އަށް އަރާފައިވާ އިރު އެ ޕާޓީން ދަނީ ވަރަށް ބޮޑު މެންބަރޝިޕް ޑްރައިވް އަކަށް ތައްޔާރުވަމުންނެވެ. އަދި މެންބަރުން އިތުރުކުރުމާއި ޕާޓީ އިތުރަށް ވަރުގަދަކުރުމަށް އެމްޑީޕީން ފަށާ މި ކެމްޕެއިން ފެށުމުގެ ގޮތުން އެ ޕާޓީގެ ޚާއްސަ ޖަލްސާ އެއް މިއަންނަ ހަފްތާ ބަންދުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުރީގެ ރައީސް މައުމޫނު އަލުން ވެރިކަމަށް ވަޑައިގަންނަވަން އުފެއްދި ޕާޓީއެއް ކަމަށް ގިނަބަޔަކު ތުހުމަތުކުރާ ޕީޕީއެމްގެ މެންބަރުންގެ ޢަދަދު އަދިވެސް އުޅެނީ 3000 ގައެވެ.