އަޅުގަނޑުމެންނަކީ، މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް އަދި ބަޔަކު ދައްކާ ވާހަކައަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ – ރައީސުލްޖުމްހޫރިއްޔާ

hep-gaumy-inaaam-dhinun

އަޅުގަނޑުމެންނަކީ، މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް އަދި ބަޔަކު ދައްކާ ވާހަކައަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޤައުމީ އިނާމު ދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް އިވޭ ވާހަކަތައް، އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތައް އެއީ، އަޅުގަނޑުމެންނަށް ބަލައިގެނެވޭ ނުވަތަ ހަޖަމު ކުރެވޭ، އަޑު އެހުމުގެ ހިތްވަރު ހުރި ވާހަކަތަކަކަށް ވާންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޭ ޤައުމީ އިނާމު ޙާޞިލު ކުރެއްވި ބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވަމުން، ޤައުމުގެ ދަރިން ކުރާ ޚިދްމަތްތައް ކުލަގަދަ ގޮތެއްގައި ފާހަގަވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ، ބައެއްގެ ޤައުމިއްޔަތު ބިނާކުރުމުގައި ކޮންމެހެން ހިމަނަންޖެހޭ ރުކުނެއް ކަމަށާއި، ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި ބައިވެރިވުން، މިދަރަޖައަށް ލިބެމުންދާކަމީ، ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ ބޭފުޅުންނަކީ، އެބޭފުޅުންގެ ޢަޤީދާ ވަރުގަދަ ކަމުގެ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް ސަރުކާރުން ހިންގަވަމުން ގެންދަވަނީ، ޚާއްޞަ ސަބަބުތަކެއް ހުރެގެން ކަމުގައި ވިދާޅުވިއެވެ. އަދި ވަކި ޚާއްޞަ ކަމެއް ވަކިގޮތަކަށް ކުރެވުނީމާ ނޫނީ ތަރައްޤީއެއް ނުލިބޭނެކަން ހާމަކުރައްވަމުން، ޤައުމެއް ތަރައްޤީވެގެން، ޤައުމުގެ ދަރިން ޤައުމާހުރެ ފަޚްރުވެރިވާ ކަންތައްތައް ފާހަގަވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. [އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ ޤައުމުގެ ތަރައްޤީ. މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބުން] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.