ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފި

hep-gaumy-inaam

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރޭ ދެއްވައިފިއެވެ. މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. އެއީ، ތަޢްލީމީ ދާއިރާއިން، ތަޢްލީމު އުނގަންނައިދިނުމުގެ ރޮނގުން މާފަންނު މާޔާ އަލްފާޟިލް މުޙަންމަދު ޔޫސުފަށާއި، ޞިއްޙީ ދާއިރާއިން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން މައްޗަންގޮޅީ މާފުނަ އަލްފާޟިލް މުޙަންމަދު އިސްމާޢީލްފުޅަށެވެ.
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 13 ބޭފުޅަކަށް ލިބިވަޑައިގަތެވެ. އެއީ، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހ. ފޮއްދޫގެ،
މުޙަންމަދު ނަޝީދު އަށާއި، ތަޢުލީމީ ދާއިރާއިން ތަޢްލީމު އުނގަންނައިދިނުމާއި، ތަރައްޤީކުރުމުގެ ރޮނގުން ސ. މީދޫ ހަސަންކާރިގެ، ޑޮކްޓަރ އަޙްމަދު އަންވަރު އަށާއި، ޞިއްޙީ ދާއިރާއިން، ދިވެހި ބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން ނ. ހެނބަދޫ ތުނޑި
ޢަލީ ރަޝީދު އަށާއި، ޤާނޫނީ ދާއިރާއިން، ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ޤާނޫނީ ލަފާ ދިނުމުގެ ރޮނގުން، ސ. މީދޫ ހަސަންކާރިގެ އަލްއުސްތާޛު ޙުސްނުއްސުޢޫދު އަށާއި، އާ އުފެއްދުންތަކުގެ (އިނޮވޭޝަން) ދާއިރާއިން ސ. ހިތަދޫ ވެސްޓް ބްރީޒް، ޕްރޮފެސަރ ޙަސަން ޢުޤައިލް އަށާއި، ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން ރ. އިނގުރައިދޫ އުންމީދު ޢަބްދުލްޙާރިޘް ހާރޫން އަށާއި، ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން ރ. އިންނަމާދޫ ނާރެސް، މުޙަންމަދު ޢަލިފުޅު އަށާއި، މަސައްކަތްތެރި ކަމުގެ ދާއިރާއިން ލިޔެލާޖެހުމުގެ ރޮނގުން ބ. ތުޅާދޫ ސޯސަންވިލާ، ޢަބްދުއްރަޙްމާން މޫސާ އަށާއި، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން ހ.ޝޭޑީކޯނަރ، ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން މ. ރުބިކަން، ޢަބްދުﷲ ޢާމިރު އަށާއި، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމުގެ ރޮނގުން މ. ވައްތިޔަރަގެ، ރާފިޢަތު ރަމީޒާ އަށާއި، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ގދ. ވާދޫ އަލަމާގެ، ނިޢުމާ މުޙަންމަދު އަށާއި، އެޕްލައިޑް އާޓްސްގެ ދާއިރާއިން ފެޝަން ޑިޒައިންގެ ރޮނގުން ގދ. ތިނަދޫ ހިންދޫސް، ޖާދުﷲ އިސްމާޢީލް އަށެވެ.
މީގެ އިތުރުން، ޢިމާރާތް ކުރުމާއި، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، ޢިމާރާތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޕްރޮޕް ޕްރައިވެޓް ލިމިޓެޑަށްވަނީ ލިބިފައެވެ.
ރޭގެ ޖަލްސާގައި ޤައުމީ އިނާމު ކޮމިޓީގެ ރިޕޯޓު ހުށަހެޅުއްވީ ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މަޙްމޫދު ރާޒީއެވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރެއްވި ރާފިޢަތު ރަމީޒާވަނީ ޝުކުރުގެ ލަވައެއް ހުށަހަޅުއްވައި ދެއްވާފައެވެ.