ތާރީޚް: 27 ނޮވެމްބަރ 2011 (އާދީއްތަ)
އިސްލާމް ދީނާއި ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ގޮވާލުން
މި މަހުގެ 22 އިން 24 އަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް، ހަރ އެކްސެލެންސީ ނަވެނަތަމް ޕިއްލޭ، ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވަމުން މާތްވެގެންވާ އިސްލާމް ދީނާއި ޚިލާފްވާގޮތަށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ދަންނަވަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ޤަވަޢިދުގެ ތިންވަނަ ބާބުގެ 10 ވަނަ މާއްދާ (މަޤްޞަދު) ގެ (ހ) ގައި ބަޔާންކުރަނީ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށެވެ. އަދި އެމްޑީޕީން އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުޞަތެއް ނުދޭނެއެވެ. އަދި މި މާއްދާގެ (ނ) ގައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާން ކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށެވެ. އަދި ހަމަ މި މާއްދާގެ (ވ) ގައި ވަނީ ހުރިހާ ބާވަތެއްގެ ފިތުނަ ފަސާދަ ނައްތާލުމަށެވެ. މިއީ މި ޕާޓީގެ ސިޔާސަތެވެ. އަދި މި ޕާޓީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާ ގޮތެވެ.
ދިވެހިރާޢްޖޭގެ ޤާނުނު ހަދާ މަޖިލީހުގައާއި، މީޑިއާގެ ކުރިމަތީގައި ނަވަނެތަމް ޕިއްލޭ މި މަހުގެ 24 ވަނަ ދުވަހު، ދެއްކެވި ވާހަކައިގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް އިޙްތިރާމްކުރުމެއް ނެތި އިސްލާމްދީނާއި ދެކޮޅަށް އަދި ދީނަށް ފުރައްސާރަކޮށް ވާހަކަދެއްކުމަކީ އެމްޑީޕީގެ އަސާސީ ގަވައިދާއި، ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާއި މުޅިން ޚިލާފް ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި ނަވަނެތަމް ޕިއްލޭގެ ވާހަކަތަކުގައި ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ޒިނޭގެ ހައްދަށް އިންކާރުކުރައްވައި، އިސްލާމީ ޝަރީޢަތާއި ޚިލާފަށް ރާއްޖޭގައި ޒިނޭގެ ހައްދު ޖެހުން ހުއްޓުވުމަށްޓަކައި، އާންމު ބަހުސަކަށް ގޮވާލައި، މީގެ އިތުރުން ދިވެހިރައްޔިތަކަށް ވުމަށްޓަކައި އިސްލާމަކު ކަމުގައި ވުމަށް، ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައި އޮންނަ އޮތުން ޤަބޫލުނުކުރައްވާ ކަމަށް އިޢުލާންކުރައްވާފައި ވެއެވެ.
ނަމަވެސް މިކަންތައްތަކާއި ބެހޭ ގޮތުން ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. “ޒިނޭކުރާ އަންހެނާ އާއި، ޒިނޭ ކުރާ ފިރިހެނާ އާއި، 2 މީހުން ކުރެ ކޮންމެ މީހަކު ގައިގައި، 100 އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ﷲ އަށާއި، އާޚިރަތް ދުވަހަށް ތިޔަބައި މީހުން އީމާންވާ ކަމުގައި ވަނީ ނަމަ، ﷲ ގެ ދީނުގައި އެ 2 މީހުންނާއި މެދު، އޯގާވެރިކަމެއް ނުބަހައްޓާ ހުށިކަމެވެ! އަދި އެ 2 މީހުންނަށް ދެވޭ އުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށި ކަމެވެ.”
އަދި އާލުޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. “ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. އަދި ފޮތް ލިބުނު މީހުން އެއުރެންނަށް (ޙައްޤު ގޮތް) އެނގުމަށްފަހުގައި މެނުވީ އެއުރެން ޚިލާފްވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ޙަސަދަވެރިކަމުގެ ގޮތުންނެވެ. ﷲ ގެ ޢާޔަތްތަކަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ ހަމަ ކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ..”
އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނުގެ ބޭފުޅަކު އެފަރާތުން ދެކޭ ގޮތް ހާމަކުރި ނަމަވެސް، އެކަމަކީ އަޅުގަނޑުމެން މުސްލިމުން އެކަމަށް ތަބާވެ، އެވާހަކަ ގަބޫލުކުރަންޖެހޭ ކަމެއް ނޫނެވެ. އަދި، ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް، ނަވަނެތަމް ޕިއްލޭ ކަމުގައި ވިޔަސް އަދި އެހެން ބޭފުޅެއް ކަމުގައި ވިޔަސް ރާއްޖެ ވަޑައިގެން ދައްކަވާ ވާހަކައިގައި އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފްނުވާ ގޮތަށް ވާހަކަދެއްކެވުމަށް އިލްތިމާސްކުރަމެވެ.
އަދި ދަންނަވަމެވެ. މިކަމާއި ގުޅުންހުރި އެމްޑީޕީ ސަރުކާރުގެ މިނިސްޓްރީ ކަމަށްވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން އެކަމާމެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ފުރިހަމައަށް ހާމަކޮށްދީފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ.
އަދި، ދިވެހި ދައުލަތުގެ 3 ބާރާއި، މިނިވަން މުޥައްސަޞާތަކުގެ ކިބައިން އަޅުގަނޑުމެން އެދި ގޮވާލަނީ މި ފަދަ ފުރުޞަތުތައް އެއްވެސް ފަރާތަކަށް ނުދިނުމަށެވެ.
ބަޔާން ނެރުނީ: އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް