ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަކީ ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމަށް ނުކުންނަ ފަހުލަވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-gaumy-team

ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަކީ، ހަމައެކަނި ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދަންދާ ޓީމެއް ނޫންކަމަށާއި، އެއީ، މިރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމަށް ނުކުންނަ ފަހުލަވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި މިރޭ އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޤައުމިއްޔަތެއް ބިނާވެގެންދަނީ ޤައުމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ފަޚުރުވެރިވެވުނީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ކުޅިވަރަކީ، މިފަދަ ފަޚުރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ބޭނުންކުރެވެން އޮތް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، ޤައުމީ ފުޓްބޯޅަ ޓީމަކީ، ރައްޔިތުން ފަޚުރުވެރިވާނޭފަދަ ޤައުމެއް ބިނާކުރާކުރާ ޓީމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ކުޅޭ ކުޅިވަރުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަކީ، ސަރުކާރަށްވެސް އަދި އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.