މިއަހަރުގެ ގައުމީ އިނާމުދިނުމުގެ ޖަލްސާ މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު 2 ބޭފުޅަކަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި 1 ކުންފުންޏަށް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޤައުމީ އިނާމު ދިނުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ. މި ރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވާ މި ޖަލްސާގައި، މިއަހަރު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އިނާމު ދެއްވާނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 2 ބޭފުޅަކަށް ކަމަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި، 1 ކުންފުންޏަށް ދޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ދެ ބޭފުޅުންނަކީވެސް، މީގެކުރިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުމަށްފަހު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މިޖަލްސާގައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވާނީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއެވެ.