މެންބަރުންގެ ޚިޔާލު: އަހަރެމެން މުސްލިމުންގެ މެދުގައި އުފެދޭ ކޮންމެ މައްސަލައެއް ޣައިރު މުސްލިމުންގެ ބޮލުގައި އެޅުވުމަކުން ނުފުދޭނެ!

ފުނަމާ

މިއަދު އިސްލާމީ ދުނިޔޭގައި ނުވަތަ ، އިސްލާމީ ގައުމުތަކުގައި އުފެދޭ ކޮންމެ ހަމަނުޖެހުމެއްގެ އިލްޒާމް ޣައިރު މުސްލިމުންގެ ބޮލުގައި އަޅުވާލުމުން ފުދޭކަމުގައި ހީކޮށް އެކަން މިދަނީ ކުރެވެމުންނެވެ. އިސްލާމީ ގައުމުތަކުގެ ވެރީންގެ ގޮތުގައި މިތިބޭ ބަޔަކު އެމީހުންގެ އަމިއްލަ އެދުންތައް ކުރިއަށްނެރެ، ރައްޔިތުންގެ ހައްގުތައް ހަނދާން ނައްތާލައި ، އެވަރުންނުވެ އަނިޔާވެރިކަން އިސްކޮށް ، އިންސާފުން އެއްކިބާ ވުމުގެ ސަބަބުން ، ރައްޔިތުންގެ މެދުގައި އުފެދޭ އިހުސާސްތައް ކޮޅުންލައި އެންމެފަހުން ވެރީންނާއި އިދިކޮޅަށް ނުކުމެ އެތުރިލުމުން ދެންތިބެގެން މިގޮވައި ނަގަނީ އެމީހުންނަކީ ބޭރުގެ ކޮންމެވެސް ޣައިރު މުސްލިމު ގައުމެއްގެ އެހީތެރިކަން ހޯދައިގެން ނުވަތަ ، އެފަދަ ބައެއްގެ ނުފޫޒުގައި ޖެހިގެން ދައުލަތާ އިދިކޮޅަށް ނުކުންނަ ބައެކޭއެވެ.
އަފްޣާންއާއި ،އިރާގާއި ، ލީބިޔާފަދަ ގައުމުތަކުގައި، މިފެނިގެންދިޔަ ކަންކަމަކީ ކިހިނެއް ކޮންގޮތަކުން ހިނގައިދިޔަ ކަންތައްތައްކަން ބަލައި ހޯދާލުމުން އެނގެނީ މިއިން ކޮންމެ ގައުމެއްގައިވެސް ހަމަނުޖެހުން އުފެދި ބޮޑުވަމުންގޮސްފައި ވަނީ އެގައުމުގެ އަހުލުވެރީންގެ ތެރެއިން ފެށިގެން ކަމެވެ. ރައްޔިތުންގެ އަތުގައި އެއްވެސް ބާރެއް އަމުދުން ނޯންނަގޮތަށް ގާނޫނުތައް ފަރުމާކޮށް ، އެރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުކޮށްލުމުން ރައްޔިތުންނަށް ފާޅުގައި ބަސްބުނުމުގެ ހައްގުވެސް ނުދިނުމުން ދެން އެއުފެދޭ މައްސަލަތައް އެންމެފަހުން ބޮޑުވެ މުޅިގައުމަށް ފެތުރި ދާނެގޮތުގެ މިސާލު އެންމެ ރަނގަޅަށް ތަޖުރިބާކުޅަ އެއްބަޔަކީ އަހަރެމެން ދިވެހީންނެވެ.
އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަމުގައި ގަބޫލުކުރަނީ އަހަރެމެން މުސްލިމުން އެކަންޏެއް ނޫނެވެ. ހަމަ އެގޮތަށް އެހެންދީންތަކަކީވެސް އެންމެ ފުރިހަމަ ދީންކަމުގައި ބުނެފައި އެއަށް ތަބާވެގެން އެއުޅޭ މީހުންނަކީވެސް މަދުބައެއް ނޫނެވެ. އެބަޔަކު އެބައެއްގެ ގޮތް ކުރިއަރުވައި އެންމެ ރަނގަޅުގޮތް ކަމުގައި ހެދުމަށް މަސައްކަތް ކުރާނެކަން ދަންނާން ޖެހޭނެއެވެ. ސަރުކާރުތަކާއި އިދިކޮޅަށް ހަމައެކަނި ނުކުންނަނީކީ މުސްލިމު ގައުމުތަކުގައި އެކަންޏެއްނޫނެވެ. ހުރިހައި ދިމާލަކަށް ބަލާލިޔަސްް މިއަދު އެކަން އެފެންނަނީއެވެ. ” ދުނިޔެ ކުޑަވި ” ވަރަކަށް އެއްތަނުގައި ކަންހިނގާގޮތް އަނެއްތަނަކަށް މިއަދު އެނގޭކަށް ވަގުތުތަކެއް ބޭނުމެއް ނުވެއެވެ. މިލިޔަންއިން ކޮމްޕިއުޓަރގައި ހުރިހުރިހައި އެއްޗެއް މަދުސުކުންތު ކޮޅެއްގެ ތެރޭގައި ދުނިޔޭގެ ކޮންމެ ބައްރެއްގައި ހުރިމީހަކަށްވެސް ހޯދައި ގަނެވޭވަރަށް ދުނިޔެ މިވަނީ ކުޑަވެފައެވެ. އެހެންކަމުން ދުނިޔޭގައި މީހުން އުޅޭގޮތާއި ،ކުރާހާކަމެއް އެންމެންނަށްވެސް މިއަދު އެބައެނގެއެވެ.
މައްސަލަ އުފެދޭގޮތަށް ކަންކަން ކޮށްފައި ، މާދުރުގައި ތިބޭ ބަޔެއްގެ ބޮލުގައި އެކަންކަން އެޅުވުމަކީ ތިމާމެން އެކުރި ކަމެއް ފޮރުވުމަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ. އިސްލާމީ ގައުމުތަކުގައި ދިރިއުޅޭ އިންސާނުންވެސް އެމީހުންގެ ކުރިއެރުމާއި ކެއުންބުއިމަށް އެދޭފަދައިން އަދުލު އިންސާފުވެސް ބޭނުންވާނެއެވެ. ދިވެހި ރާއްޖެއަށްވުރެ ފަހުން މިނިވަންވި ، އަދި ވަސީލަތެއްވެސްނެތް ގައުމެއް ރާއްޖެއަށްވުރެ ކުރިއަރައި މުއްސަނދިވެ ދިއުމުން ދިވެހީންވެސް އެކަން އެގޮތަށް ވުމަށް ބޭނުންވާނެއެވެ. އަދި ކުރިއެރުން ލިބެންއޮތީ ކިހިނެއްކަން ހޯދައިބަލައި އެރޮގުން ކުރިއަށްދިއުމަށް ބޭނުންވާނެއެވެ. ނުވާނެޔޭ ބުންޏަކަސް މިއަދަކު ގަބޫލެއް ނުކުރެވޭނެއެވެ.
އަހަރެމެން މުސްލިމުނޫން ގައުމުތަކާއި ގުޅުންތައް ބަހައްޓަނީވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. ތެދެކެވެ. މުސްލިމުނޫން ހުރިހައި ގައުމަކާއި ވަގުތުން ގުޅުން ކަނޑާލައި ޣައިރުމުސްލިމަކު މިގައުމަށް އެރިޔަނުދީ ހިފެހެއްޓުމަށް ގާނޫނުވެސް ހެދިދާނެއެވެ. އދ އާއި ގުޅުންވެސް ކަނޑާލެވިދާނެއެވެ. މިއީ ހަމަ ދެތިން ގަޑިއިރުގެ ތެރޭގައި ދިވެހީންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އެކަން ކުރެވި ދާނެ ހެއްޔެވެ؟ ސުނާމީ އެރުމުން ސޮލީބުޖެހި އޮފީސްތައް މިގައުމުގައި ހުޅުވައިގެން ރައްޔިތުންގެ ކަންކަން ހިންގީ ކީއްވެތޯ ސުވާލުނުކުރަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގައި ތައުލީމުދޭން ޣައިރު މުސްލިމުން އެތިބެނީ ކީއްވެތޯ ސުވާލު ނުކުރަނީ ކީއްވެ ހެއްޔެވެ؟ މިގައުމުގައި އެބުނާ ކާފަރުން މަސައްކަތް ކުރަން އެތިބެނީ ކީއްވެތޯ ސުވާލުނުކުރަނީ ކީއްވެ ހެއްޔެވެ؟ ރައްޔިތުން އެދޭއެދުންތަކަށް ސަރުކާރުތަކުން އިޖާބަދީ ރައްޔިތުންގެ ހައްގުތަކަކީ ތިމާމެންގެ ވެރިކަމަށްވުރެ މުހިންމު އެއްޗެއް ކަމުގައި ނެހެދީ ކީއްވެ ހެއްޔެވެ؟
މިއަދު މިގައުމުގެ ވެރީން ރެޔާދުވާލު އެ މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދެވޭތޯއެވެ. ކޮންމެ ބަޔަކުވެސް އެބުނަނީ ގެދޮރާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަ ކޮށްދޭށެވެ. ރަށުގައި ވަޒީފާއަދާކުރެވޭނެ ގޮތާއި އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހަދައިދިނުމަށެވެ. އަތްފޯރާ ފަށުގައި ކަންކަން ބަހައްޓައި ދިނުމަށެވެ. މިއަދަކު މިއަޑުތައް ނާހައި ހަމައެކަނި ދީނޭ ދީނޭ ކިޔާލަ ކިޔާލާ ސުވިމިންގ ޕޫލުގައި ފަސްޓުލޭޑީ ގޮވައިގެން އެރިއޮވެގެން ވެރިކަމެއް ނުކުރެވޭނެއެވެ. މީގެކުރީން އެގޮތަށް އެކަން ކުރެވުނީތީއޭ ބުނެ އެކަން ކުރާކަށް ބަޔަކު ނުވެސް އުޅެއެވެ.
ދީނީ ކަންކަމާ ބެހޭގޮތުން ބަސްބުނެ ކަންކުރުމަށް މިސަރުކާރުގެ ތެރޭގައި އެއޮތީ އިސްލާމިކް މިނިސްޓްރީއެއް ހަދައި މެންޑޭޓު ދީފައެވެ. އިސްލާމީ ބެންކެއްވެސް އެވަނީ ގާއިމު ކޮށްދީފައެވެ. ރިބާނުކައި އުޅެންވީއެވެ. ދީނީގޮތުން ކަންކަން އޮޅުންފިލުވަން ވީއެވެ. ދީނާގުޅޭ ކަންކަމުގައި އިސްލާމިކް މިނިސްޓްރީއިން އެބުނަނީ ސަރުކާރުގެ ބަހެވެ. އެމިނިސްޓްރީއަކީ ސިޔާސީ ޕާޓީއެއްގެ އޮފީހެއް ނޫނެވެ. އެއީ ސަރުކާރުގެ ވުޒާރާއެކެވެ. މީހުން ކުފުރުވުމާ، ބުދު ބެހެއްޓުމާ ގުޅިގެންވެސް އެމިނިސްޓްރީ މެދުވެރިކޮށް ސަރުކާރުގެ ބަސް ބުނެއިއްވައެވެ. ބައިނަލް އަގްވާމީ ގުޅުންތަކާއި ގުޅިގެން ހުރަސްވާ ކަންކަމުގައިވެސް އެދަނީ ބަސްބުނެ އިއްވަމުންނެވެ. އެކަމަކު މިއަދުގެ ސިޔާސީ ވެށީގައި މިނޫން މާނަތައް ނެރެގެން ރައްޔިތުން ފަސާދަކުރާން އެކުރާ މަސައްކަތްތައް އެދަނީ ކުރަމުންނެވެ. މިގައުމުގައި ހިނގާ ކޮންމެ ރަނގަޅު ކަމަކީ ކުރީގެ ވެރިކަމުގައި ހުރިމީހާ ދުނިޔޭގައި ހުރީތީވެ ހިނގާ ކަންކަމެވެ. ކޮންމެ ގޯސްކަމަކީ މިސަރުކާރުގެ ލާދީނީ ކަމުން ހިނގާ ކަމެކެވެ. އަޖާއިބުވާވަރުގެ ވާހަކައެކެވެ. 30 އަހަރު ވެރިކަން ކުރިއިރު އިސްލާމީ ބެންކެއް ، މިނިސްޓްރީއެއް ނެތީ ކީއްވެ ހެއްޔެވެ؟ 65 ވީމީހުންނަށް ލޯލާރިއެއްވެސް ނުދެވުނީ ކީއްވެ ހެއްޔެވެ؟ ދަރިފަސްކޮޅު ނައްތާލައި އާބާދީ ހަނާކުރުވީ ކޮންއަސާސެއްގެ މަތީގައި ހެއްޔެވެ؟ އަތްނުކަނޑައި ރަޖަމުނުކޮށް ތިބީ ކީއްވެ ހެއްޔެވެ؟ ގާނޫނު ހުރަސް އެޅީހެއްޔެވެ؟
މިއީ މިގައުމުގެ ހާލަތެވެ. އަނެއްކޮޅުން މިއަށްވުރެ ބޮޑެތި މުސްލިމު ގައުމުތަކުގައި މިއަދު އެފެންނަނީ ހަމަ މުސްލިމު ރައްޔިތުން ނުކުމެ މަގުތަކުގެ މަތީގައި އެތުރި އެމީހުންގެ ހައްގުތަކަށް އެދި ގޮވާތަނެވެ. މިފަދަ ކޮންމެ ވަގުތެއްގައި މިއިވޭ އަޑަކީ އެކަންކަމަކީ ބޭރުގެ ކޮންމެވެސް ޣައިރު މުސްލިމު ގައުމެއްގެ ނުފޫޒުގައި ކުރާކެމެކޭ ބުނާއަޑެވެ. އަހަރެމެން މުސްލިމުންގެ ، މެދުގައި އުފެދޭ ކޮންމެ މައްސަލައެއް ޣައިރު މުސްލިމުންގެ ބޮލުގައި އެޅުވުމަކުން ނުފުދޭނެއެވެ. ރައްޔިތުންގެ އަޑުއަހައި ކަންކަން ފަހިކޮށް އަހަރެމެންގެ އަޑުއެމީހުން އަހާނެ ގޮތަށް ކަންކުރާން ވެއްޖެއެވެ. އެހެންނޫނީ އެބުނާހެން އެހެންމީހުންގެ ބަސްއެހުމަށް ޖާގަވެސް އޮންނާނެއެވެ.