ރާއްޖޭގެ ރަށްރަށުގެ ޙާލަތު ދެނަގަތުމުގެ ޚާއްޞަ ޕްރޮގްރާމެއްހިންގުމަށް އެމްޑީޕީން ނިންމައިފި

ފަހަލަ ސަޢީދު

aathoddoo-450-x-338އއ.ތޮއްޑޫ: އެމްޑީޕީގެ ވަފްދަކަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައި .. ފޮޓޯ:އަނދާ

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުން އަންނަ މިންވަރާ އަދި ނުލިބޭނަމަ ނުލިބުނު ސަބަބުތަކާ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ވެރިކަން ފުރޮޅިފައިވާއިރު ބޭނުންވާ އެންމެހައި އަސާސީ ހައްގުތަށް ލިބުގައި ކުރިމަތިވެފައިވާ ހުރަސްތަކަކީ ކޮބައިތޯ އާއި ރައްޔިތުން ބޭނުންވާ ގޮތަށް އެޚިދުމަތްތަށް ފޯރުކޮށް ދެވޭނީ ކިހިނެއްތޯބަލާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތަކެއް ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ހިންގުމަށް އެމްޑީޕީ އިން ނިންމަވައިފިއެވެ.

މިޕްރޮގްރާމުގެ ދަށުން ކުރާ ދަތުރުތަކުގައި ރައްޔިތުންގެ ޙާލު ބަލާ ގޭގެއަށް ޒިޔާރަތްކޮށް ނުލިބެނީ ކޮންޚިދުމަތެއްތޯ އާއި، އަދި އެންމެ ބޭނުންވަނީ ކޮން ކޮން ޚިދުމަތްތަކެއްތޯ ބަލައި އެކަންކަމުގެ ތެރެއިން ވަގުތުން ރަނގަޅު ކުރެވެންހުރި ކަންކަން ރަގުޅުކުރުމަށް ޓީމުގެފަރާތުން މަސައްކަތް ކުރާގޮތަށް ވަނީހަމަޖެހިފައެވެ.

އަދި މިދަތުރު ތަކުގައި ބަލަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެކިދާއިރާތަކަށް ދައުލަތުން ކަނޑައަޅާފައިވާ ފަރާތްތަކާމެދު ރައްޔިތުން ދެކޭގޮތާ އެބޭފުޅަކު ހިމެނޭ ދާއިރާއަކުން އެބޭފުޅަކު ބަލައިގެންފައިވާ މިންވަރު ބެލުންވެސް ހިމެނިފައިވެއެވެ.

ލާމަރުކަޒީއުޞޫލުން ރާއްޖެ ހިންގަމުންދާ އިރު ކުރިމަތިވެދާނޭ ކަންތައްތަކާ އެކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި، ރައްޔިތުންނަކީ މިގައުމުގެ ވެރިންކަމަށް ވުމާއެކު ރައްޔިތުން ވެރިކަން ޙަވާލު ކުރި ފަރާތުން ރައްޔިތުންގެ އިޙުސާސްތައް ދެނެގަތުމަށް ކުރާ މިދަތުރު ތަކުގައި ރައްޔިތުން އެކަށައަޅައި ކަންކަން ފުރިހަމަ ކުރުމަށް ޕާޓީގެފަރާތުން މަސައްކަތް ކުރާނެއެވެ.

އަދި ހަމަ އެހެންމެ ރަށްރަށުގެ ތަޢުލީމީ ޙާލަތާއި، ޞިއްޙީ ޙާލަތާ އިގްތިޞާދީ ޙާލަތު ބަލައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު މިޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒަކަށް ވީހިނދު ރަށްރަށުގެ އެމްޑީޕީގެ ގޮފިތަކުގެ އިސްފަރާތްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ އެންމެހައި ރައްޔިތުން ގޮވައިގެން އަނެއްދިވެހި ރާއްޖެއަށް ދަރުކުރުމަކީވެސް އެމްޑީޕީގެ ތަޞައްވުރެކެވެ.

އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި، އުޚުއްވަތްތެރިކަން ގާއިމްކުރުމުގެ ގޮތުން ހިންގޭ މިޕްރޮގޮރާމުގެ ދަށުން ރަށްރަށުގައި ޚާއްޞަ ޖަލްސާތަކެއް ބޭއްވުމަށްވެސް ރޭވިފައިވެއެވެ.

އެމްޑީޕީގެ ދަތުރުފަތުރު ކޮމެޓީއާއި، މީޑިޔާ ކޮމެޓީއާއި، ފަންޑްރައިޒިންގ ކޮމެޓީއާއި، ކެމްޕޭން ކޮމެޓީއާއި، އިންތިޒާމް ކޮމެޓީ އެކުވެގެން މުޅިރާއްޖޭގައި ހިންގުމަށް ގަސްދުކުރެވިފައިވާ މިދެންނެވި ޕްރޮގްރާމް ޑިސެންބަރު މަހު ފެށިގެން ކުރިއަށްދާނެއެވެ.

މިދަތުރުގައި ބައިވެރިވާނީ މިދެންނެވި ކޮމެޓީތަކުން އެކުލަވާލާފައިވާ ކުޑަކޮމެޓީ ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.