މެންބަރުންގެ ޚިޔާލު: ޕިއްލޭގެ ގޮވާލުން މާނަކުރެވޭނީ ކިހިނެއް؟

ފުނަމާ

އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނަރ، މެޑަމް ޕިއްލައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި މުޚާތަބު ކުރުމުގެ ތެރޭގައި ” ޒިނޭކުރާ އަންހެނާގެ ގައިގައި ހައްދުޖެހުމާ ގުޅޭގޮތުން ” އެދެއްކެވި ވާހަކަތަކަކީ ޑިމޮކްރަސީގެ ވެއްޓެއްގައި ދެއްކުމުން މައްސަލައެއް ނެތް ވާހަކައެއް ކަމުގައި ބަޔަކު ބުނެފާނެއެވެ. ނަމަވެސް މިރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެއަޑު އަހާކަށް ފަސޭހައެއް ނުވާނެއެވެ. ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގަރާރުތަކަށް ބަލާލާއިރު އަޅުގަނޑުމެން ގަބޫލުނުކުރާ ކިތަންމެ ކަމެއް އޭގައި ހިމެނިގެން ވާކަމީ ހަގީގަތެކެވެ. އަދި މިފަދަ ގަރާރުތައް އެގައުމަކަށް އެޕްލައި ކުރުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ގަބޫލުކުރުންތަކަށް ރިއާޔަތްކޮށް ހިންގުމާއި ނުހިންގުމުގެ ހައްގު ލިބިދީފައި އޮންނަކަންވެސް ގަބޫލުކުރާން ޖެހެއެވެ. އެހެންކަމުން ޕިއްލައި އެދެއްކެވި ވާހަކައާއި މެދު އަޖާބުވެ އަންތަރީސްވާކަށް ނުޖެހެއެވެ.
އިސްލާމްދީނާއި ޚިލާފު އެއްވެސް ވާހަކައެއް ދެއްކުމަކީ މިގައުމުގެ ގާނޫނުއަސާސީއިން ލިބިދޭ ހައްގެއް ނޫންކަމުން އެދެއްކެވި ވާހަކައަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. ދީނުގައި ކަނޑައަޅުއްވައި އަންގަވާފައިވާ އެއްވެސް ހައްދަކާމެދު އިންކާރުކުރެވިގެން ނުވާނެއެވެ. ތެދެކެވެ. ރާއްޖޭގައި ދީނުގެ ހައްދުތައް ގާއިމު ކުރެވެނީ އެންމެ ފުރިހަމަ ގޮތުގައި ނޫންކަމުގައި ބުނެވިދާނެއެވެ. ވަށްކަންކުރާ މީހުންގެ އަތްކެނޑުމަކީ މިގައުމުގައި ނުކުރެވޭ ކަމެކެވެ. މިދެންނެވީ ޒަމާނެއްގައި މިކަން ނުކުރާ ވާހަކައެއް ނޫނެވެ. ދީން އޮތްނަމަވެސް ދީނުގެ ހައްދުތައް ގާއިމު ކުރުމުގައި ކޮންމެވެސް ސަބަބުތަކަކާއި ހުރެ އުޒުރުވެރިވެ ދިވެހީން މިދަނީ އެކަންކަން ނުކުރަމުންނެވެ. ދަންނަ ބޭކަލުންގެ މެދުގައި މިކަމުގައި ރާއްޖޭގައި ޚިލާފުތަކެއް އެބަހުރިވެސް މެއެވެ.
ވަށްކަން ކުރާ މީހާގެ އަތްނުކަނޑާއިރު ޒިނޭކުރާ މީހުންގެ ގައިގައި ހައްދުޖަހައެވެ. އަންހެނެއް ފިރިހެނެއް ތަފާތުކުރުމެއް ނެތެވެ. އެކަމަކު ރަޖަމެއް ނުކުރެއެވެ. ރާބޯމީހާގެ ހައްދަކީ ތައުޒީރުކުރުން ކަމުގައި އޮތްއިރު އެކަމުގައި ތައުޒީރުކޮށް އަރުވާލައި ނުވަތަ ޖަލުގައި ބަންދުކޮށް ހަދައެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުގެ އިތުރުން ، ނުވަތަ ދޭންއޮންނަ އަދަބެއްގެ އިތުރުން އެހެން އަދަބުތަކެއް ދިނުމަކީ ހައްގު ކަމެއް ނޫންކަމުގައި ބައެއްމީހުން ބުނެވެސް އުޅެއެވެ. އެހެންކަމުން އޮޅުންބޮޅުންއަރާ ކިތަންމެ މައްސަލައެއް މިގައުމުގެ ތެރޭގައި އެބަވެއެވެ.
ޒިނޭކުރާ އަންހެނެއް ނުވަތަ ފިރިހެނެއްގެ ގައިގައިވެސް ހައްދު ޖަހާންފެނޭތޯ ބަހުސްކުރުމަކީ ދިވެހީންނަށް ޖާއިޒު ކަމަކަށް ނެހެދޭނެއެވެ. އެހެނީ އެއީ ސާބިތުވެ ގުރުއާނުން އެނގޭންއޮތް މައްސަލައެކެވެ. ނަމަވެސް މިގައުމުގައި ބައެއް ހައްދު ގާއިމުކޮށް އަނެއްބައި ހައްދުތައް ގާއިމު ނުކުރާ މައްސަލާގައި ބަހުސްކުރެވިދާެނެއެވެ. މީގެ ކުރީންވެސް އެހައްދުތައް ގާއިމު ނުކުރެވިއޮތީކީ ޑިމޮކްރަސީ މިރާއްޖޭގައި އޮތީތީއެއް ނޫނެވެ. އަދި އެހައްދުތައް ގާއިމު ނުކުރަނީ މިސަރުކާރު އައި ފަހުންނެއްވެސް ނޫނެވެ. އެހެންކަމުން މިކަމުގައި ސަރުކާރަށް އިނގިލި ދިއްކުރުމުގެ ބޭނުމެއް ނެތެވެ.
މިއަދު މިގައުމުގައި ކޮންމެ ލާދީނީ ކަމަކާ ގުޅުވައިގެން ސަރުކާރަށް އެތިވަރު ގޮވައި ހެދުމަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން އެއްވެސް ހުއްޖަތެއް ނެތި ކުރަމުން ގެންދާ ކަމެކެވެ. ބުދެއް ފެނިއްޖެނަމަ ސަރުކާރުން ބުދުދީން ފަތުރާން އުޅެނީކަމުގައާއި ސޮލީބެއް ފެނިއްޖެނަމަ ސަރުކާރުން ނަސާރާ ދީން ފަތުރަން އުޅެނީކަމުގައި، އަދި ޔަހޫދީއަކު މިގައުމަށް އަތުވެއްޖެނަމަ އެދީންފަތުރަން އުޅެނީ ކަމުގައި މިތިބަ ގޮވައި ނަގަނީއެވެ. އެކަމަކު މިކަންކަމަކީ ކުރީންވެސް ހިނގަމުން އަންނަ ކަންކަމެވެ. ވަކިއާކަމެއް ނުހިނގައެވެ. މީގެކުރީންވެސް ، ފިރިހެނުން ފަހަތުލައިގެން އިމާމުވެ ހުކުރުކުރި އަންހެނަކު ރާއްޖެއައިސް ދިވެހީންގެދީނަށް ފުރައްސާރަކޮށްފައި ވާކަމީ ހަގީގަތެކެވެ. އަދި އެމީހަކީ މުސްލިމެއް ކަމުގައި ދައުވާކުރާ އަންހެނެކެވެ. އަދި އެއަންހެނާ ރާއްޖެއައިސް އެތެޅި އަނގައެއް އެތެޅީ ހަމައެކަނި އޭރުގެ ވެރިމީހާގެ ދައުވަތެއްގައި މިގައުމަށް އައިސް އެހެން އެއްވެސް ހައިސިއްޔަތެއް ނެތިއެވެ. ނަމަވެސް ޕިއްލައި ރާއްޖެ ވަޑައިގަތީ އދގެ މުހިންމު މަގާމެއްގައި ހުންނަވައިގެންނެވެ. އަދި އޭނާއަކީ މުސްލިމެއް ކަމުގައި ދައުވާ ކުރާ މީހެއްވެސް ނޫނެވެ. އަދި އޭނާ އެދެއްކި ވާހަކައަކީ އދގެ ތެރޭގައި މާހަރުކޮށް ދެއްކޭ ލިޔެވި ފެންނާންއޮތް ވާހަކަ ތަކެކެވެ. ވީއިރު އެވާހަކަ ތަކަކުން ދިވެހީންނަކަށް އަސަރެއް ނުކުރާނެއެވެ. އެހެނީ އެވާހަކަތަކުގައި އެހިމެނޭ ހައްދުޖެހުމުގެ ވާހަކައަކީ އަހަރެމެން ދިވެހީން ގަބޫލުކުރާނެ ވާހަކައަކަށް ނުވާތީއެވެ. އަހަރެމެން ދެކެނީ އެވާހަކަ ތަކަކީ ހުސްއަނގައެއް ކަމުގައެވެ. ތާކުންތާކު ނުޖެހޭ ގޮވާލުމެއް ކަމުގައެވެ. ކުށްވެރި ކުރުމާ ނުކުރުމަކީ އަދި އެހެން ކަމެކެވެ. އދގެ ގަރާރެއް އަހަރެމެންނަށް ކަމުދިޔަޔަސް ނުދިޔަޔަސް އެކަމެއް އޮތްތާކު އޮވެދާނެތާއެވެ. މިއީ އަހުރެން ދެކޭގޮތެވެ. އެފަދަ އަޑުތައް ކޮންމެ ދުވަހަކު މިދަނީ އިވެމުންނެވެ. ލިޔެވި ފެންނަމުންނެވެ. އަހަރެމެންގެ އަގީދާ ބަލިކަށިވެ ދީނުން ބޭރުވާކަށް ނުޖެހެއެވެ. އަދި ގަބޫލުކުރާން ނުޖެހޭ ކަމެއް ގަބޫލު ކުރުވޭނެ ގޮތެއްވެސް ނޯންނާނެއެވެ.
މިހިސާބުން ސިޔާސީގޮތުން ވިސްނާނަމަ ޖަވާބުނުލިބޭ ސުވާލުތަކެއްވެސް އެބަހުއްޓެވެ. މިކަމާ ގުޅުވައިގެންވެސް ސަރުކާރަށް އިނގިލި ދިއްކުރާން އިދިކޮޅު ފަރާތްތަކުން އަރުވާ ޖަހާލާފައި ވާތީވެ މިސުވާލުތައްވެސް އެބައުފެދެއެވެ. މީގެކުރީގެ ވެރިކަމުގައި މުސްލިމެއް ކަމުގައި ބުނާ އަންހެނަކު މާބޮޑު ހައިސިއްޔަތެއްނެތި ރާއްޖެ ގެނެސް އޭރުގެ ވެރިމީހާގެ އެދުމާއި އެކުގައި ދީނާޚިލާފު ވާހަކަތަކެއްދެއްކުވިކަން ނޭނގެނީ ހެއްޔެވެ؟ އެވެރިކަމާ ގުޅިފައިވާ މީހަކު ހުށައަޅާފައިވާ “ގެވެހި އަނިޔާގެ ބިލެއްގެ ވާހަކަ” ޕިއްލައިގެ ވާހަކައިގެ ތެރޭގައި އެއައީ ކިހިނެއް ވެގެން ބާވައެވެ؟ އަދި ދިވެހީން އިންކާރުކުރާ މައްސަލައަކާއި ގުޅޭ ވާހަކައެއް ދެއްކި މީހަކާ އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީން ބައްދަލުވުމެއް ބާއްވައި އެދެއްކީ ރާއްޖޭގައި މިއަދު މިއޮތް ސަރުކާރުން އިންސާނީ ކޮންހައްގެއް ގާއިމު ނުކުރާ ވާހަކަބާވައެވެ؟ އަނެއްކާ އޭނާ އެދެއްކި ވާާހަކައިގައި ހިމެނޭ ކަންތައްތައް މިސަރުކާރުން ނުހުއްޓުވާތީވެ އެވާހަކަ ބާވައެވެ؟
ސިޔާސީގޮތުން އެތަކެއް ފިއްތުންތައް ކުރިމަތި ކުރުމުގައި އިދިކޮޅު ފަރާތްތަކުން ދެމިތިބޭއިރު އަދި، ދީނީގޮތުން މައްސަލަތައް އުފެއްދުމުގައި އެވެރިން ފޫގަޅައިގެން ތިބި މިފަދަ ވަގުތެއްގައި ، މިފަދަ ކަމެއް ހިނގުމުން ، ޕިއްލައިގެ އެގޮވާލުމުގެ ސަބަބުން އުފެދޭ އެހެން ސުވާލުތަކެއްވެސް އެބަހުރި ކަމުގައި ހަމަ ދަންނަވާން އެބަޖެހެއެވެ. މިއަދު ގުޅިފައިވާ މިދުނިޔޭގެ އެކި ތަންތަނުން އެކިމީހުން އައިސް މިރާއްޖޭގައިވެސް އެމީހުން ދައްކާނެ ވާހަކައެއް ދައްކާނެއެވެ. ދުލަކު ނުހިފެހެއްޓޭނެއެވެ. ވަރުގަދަ ކުރާންވީ އަހަރެމެންގެ އަގީދާއެވެ. ދަސްކުރާންވީ ދީނީ އަގީދާ ހިފަހައްޓާނެ ގޮތެވެ. ސިޔާސީ އަރާރުންތަކަކުން ގައުމު ކުރިއަރައި ދާކަށް ނެތެވެ.