ތަހުނިޔާ ދެންނެވުން: އެމްޑީޕީން ހިޖުރީ އާ އަހަރުގެ ތަހުނިޔާ ދެންނެވުން

mdp-logo

އުފާވެރި ހިޖުރީ އާ އަހަރުގެ ތަހުނިޔާ އާއި މުބާރިކް ބާދީ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، މިޕާޓީގެ ގޮފިތަކުގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި މި ޕާޓީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންނަށް އަރިސްކުރަމެވެ.

މި އަދު މިފެށުނު ހިޖުރީ އާއަހަރަކީ ވެސް މައްކާއިން މަދީނާ އަށް ކީރިތި ރަސޫލާ ކުރެއްވި ތާރީޚީ ހިޖުރަ އިން ޢިބުރަތް ލިބިގަނެ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބަދަހި ސަފުތަކަކުން އެންމެހާ މުސްލިމް އަޚުންނާއި އުޚުތުން، ޚާއްޞަކޮށް ދިވެހި ލޮބުވެތިރައްޔިތުން ގުޅާލެވޭ އަހަރަކަށް ވާނޭ ކަމަށް މި ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި، ޕާޓީގެ ރައީސް ޑރ.އިބުރާހީމް ދީދީ އުއްމީދުކުރައްވައެވެ.

މި ހިޖުރީ އާ އަހަރަކީ ވެސް ދިވެހިންނަށް އުފާފާގަތި ކަމާއި، ތަނަވަސްކަން ލިބިގެންދާނޭ އަހަރަކަށް ވާނޭ ކަމަށް އުއްމީދުކުރަމެވެ. އަދި ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްކައިރިކޮށް، ޤައުމީ މަޞްލަޙަތަށް އިސްކަން ދީގެން، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ފަދައިން، ޚުލްޤުހެޔޮ ކަމާއެކު، ގުޅިގެން މަސައްކަތްކުރާ އެއްބައެއް ވަންތަ ރައްޔިތަކު ދިރިއުޅޭ ގައުމެއް ކަމުގައި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ގައުމު ލެއްވުން އެދި މާތް ﷲ ގެ ދުޢާ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް