ކޮންމެ ޤައުމެއްގެ ތަރައްޤީގައިވެސް އަންހެނުންގެ ބައިވެރިވުމާއި އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ހުރި އެކިއެކި ފަރަޤުތަކާއި ތަފާތުތައް ނައްތާލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައްޔިތުންނަށް ޞައްޙަ މަޢްލޫމާތު ހެޔޮގޮތުގައި ފޯރުކޮށްދެއްވުމަށް ހުރިހާ ސިޔާސީ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި.

ކޮންމެ ޤައުމެއްގެ ތަރައްޤީގައިވެސް އަންހެނުންގެ ބައިވެރިވުމާއި، އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ، ހުރި އެކިއެކި ފަރަޤުތަކާއި ތަފާތުތައް ނައްތާލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އިއްޔެއަކީ އަންހެނުންނާ ދެކޮޅަށްކުރާ އަނިޔާ ނައްތާލުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސް ކަމަށްވުމާއެކު، މިކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ޤާނޫނުއަސާސީން ލިބިދޭ ހަމަހަމަކަން، އަންހެނުންނާއި އަދި ފިރިހެނުންގެ ތެރޭގައިވެސް ޤާއިމް ކުރެވޭނީ، މިފަދަ ފަރަޤުތައް ނައްތާލެވިގެންނެވެ.

އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަންހެނުންގެ ދަރަޖަ، ސާކްގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، މަތިކަމަށް ދެކެވޭނަމަވެސް، ރާއްޖޭގެ މުހިންމު ދާއިރާތަކުގައި، އަންހެނުން އިސްވެ ޙަރަކާތްތެރިވާ މިންވަރު، ސާކްގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ވަރަށް ދަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިންމު ވަސީލަތަކީ، އެޤައުމެއްގެ މީހުން ކަމަށްވާއިރު، ކޮންމެ ޤައުމެއްގައިވެސް ދެބައިކުޅަ އެއްބައި މީހުންނަކީ، އަންހެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ޤައުމުގެ ކުރިއެރުމުގައި، އެކަނބަލުން ފުރިހަމައަށް ބައިވެރިވެލެއްވުމަކީ، އެޤައުމެއްގެ ކުރިއެރުން ހަލުވިވެ، ފާގަތިވެގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެމަޖިލީހުން ބިލް ބަލައިގަނެފައިވުމާއެކު، ވެވަޑައިގެންނެވި އެންމެ އަވަހަކަށް އެ ބިލް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ވޭތުވެދިޔަ ދެތިން އަހަރު ދުވަހު، ޚާއްޞަކޮށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށްފައިވާކަން ފާހަގަކުރައްވައި، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށްފައިވަނީ، މީގެކުރީގައި ޢާންމު ގޮތެއްގައި ވާރޭވެހިފައިވާ މިންވަރަށްވުރެ މާބޮޑު ދަރަޖައަކަށް ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް އަންނަ ކަމަށް ރާއްޖެއިންނާއި ދުނިޔޭގެ އެހެން ޤައުމުތަކުން ފާހަގަކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، މި މަސައްކަތުގައި ރާއްޖޭގެ އެންމެހާ ފަރާތްތައް އެއްބާރުލައި، އެކައްޗެއް ބުނެ، މިކަމުގައި ބައިވެރިވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިޔާސީ ފުރްޞަތުތައް ހޯދައި، އެކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުންއަރާ ބާވަތުގެ މަޢްލޫމާތު ފެތުރުމަކީ، މި ރާއްޖޭގެ ތަރައްޤީއަށްވެސް އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ މުހިންމު މައްސަލައާ ގުޅޭގޮތުންވެސް އަޅުގަނޑުމެންނަށް އެޅޭ ރަނގަޅު ފިޔަވަޅެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންނަށް މަޢްލޫމާތު ފޯރުކޮށްދެއްވާއިރު، ޞައްޙަ މަޢްލޫމާތު ހެޔޮގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ރަނގަޅު މަޢްލޫމާތު ފޯރުކޮށްދެއްވުމަށް ހުރިހާ ސިޔާސީ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.