ކުދި އަދި މީސްކޮޅު މަދު ރަށްރަށަށް ވެސް އިޤްތިސާދީ ތަރައްޤީ ގެނެސްދެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ހުއްޓަވާނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-dharanboodhoo

ކުދި އަދި މީސްކޮޅު މަދު ރަށްރަށަށް ވާގޮތް ބައްލަވައި، ރައްޔިތުންނަށް ސަރުކާރުން ގެނެސްދެއްވަންޖެހޭ އިޤްތިސާދީ ތަރައްޤީ ގެނެސްދެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ހުއްޓަވާނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރަނބޫދުއަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، އިރާދަކުރެއްވިއްޔާ ދަރަނބޫދޫގެ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ބިން ސާފުކޮށްގެން ޔަތީމު ކުދިންނަށް ޔަތީމުޚާނާއެއް ޢިމާރާތްކޮށްދެއްވައި، ޕްރީ-ސްކޫލެއް ހައްދަވައި ދެއްވާނެ ކަމަށާއި، ރަށުގައި ސިޓީ ހޮޓަލެއް އަޅުއްވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ރަށުގެ ޢާންމު ޞިއްޙީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 5 އަހަރުން ދަށުގެ ކުދިންނަށް ރަނގަޅު ކާނާ ލިބި، އެކުދިންގެ ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި ނިއުޓްރިޝަން ޗާޓުގައި ހުރިހާ ކުދީން ހިމެނުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ އުފެއްދުންތެރިކަމާއި، ރަށުގެ އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ދެތިންކަމެއް ރައްޔިތުން ފާހަގަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިކަންތައްތައް ކޮށްދެއްވޭތޯ ސަރުކާރުން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ދަރަނބޫދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ރަށުގެ އެކިދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެރަށުގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.