މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި 1 ކުންފުންޏަކަށް ދެއްވުމަށް ޤައުމީ އިނާމު ކޮމިޓީން ކަނޑައަޅުއްވައިފި

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، 2 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި، 1 ކުންފުންނަށް ދެއްވާނެކަން ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ، މިއަހަރު ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ ކަންތައްތައް ގެންދެވިގޮތާބެހޭ މަޢްލޫމާތު ދެއްވުމަށްޓަކައި އެކޮމިޓީގެ ފަރާތުން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު މެންދުރުފަހު ބައްދަލުކުރައްވަމުން، އެކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއެވެ.

ބޭފުޅުން ހޮއްވެވުމުގައި، މިއަހަރުވެސް ވަރަށްގިނަ ގޮތްގޮތުން ބައްލަވާފައިވާ ކަމަށް ވިދާޅުވެ، މިފަހަރު އިނާމަށް ނަންތައް ހުށަހެޅި ދާއިރާތަކަށް ބައްލަވާއިރު، ވަރަށް ވާދަވެރި ފަރާތްތައް ހިމެނޭކަން ޗެއަރމަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައެއް ދާއިރާތަކުން ދެބޭފުޅަކަށް އިނާމު އެބަ އަރުވާ ކަމަށާއި، އެއީ، ކޮމިޓީން ބެއްލެވި ބެއްލެވުންތަކުން އެކަށީގެންވާ މަސައްކަތްތަކެއް އެބޭފުޅުން ކުރައްވާފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ޗެއަރމަން މަޙްމޫދު ރާޒީ ވިދާޅުވިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ދެ ބޭފުޅުންނަކީވެސް، މީގެކުރިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ އާދިއްތަ ދުވަހުގެ ރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިބޭފުޅުންނަށް މި އިނާމު ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ޝަރަފްވެރި ކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފްގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.