ރައީސުލްޖުމްހޫރިއްޔާ ފީއައްޔަށާއި މަގޫދުއަށް ވަޑައިގެން އެދެރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި

hep-magoodhoo

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ހަވީރު ފީއައްޔަށް ވަޑައިގެން، އެރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. އަދި އެއަށްފަހު މަގޫދުއަށް ވަޑައިގެން އެރަށު ކައުންސިލާވެސް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، މިދެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާބެހޭގޮތުން ކައުންސިލުގެ މެންބަރުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، މިދެރަށުގެ ތަޢުލީމީ ޙާލަތާއި، ޢާންމު ޞިއްޙީ ޙާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތްތާނގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ.

ފީއަލީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު، ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕްރީ ސްކޫލްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވިއެވެ.