މެންބަރުންގެ ޚިޔާލު: ދިވެހިން ދެން އެމީހުންނަކަށް އެފުރުސަތެއް ނުދޭނެ!

ފުނަމާ

މާޟީގައި ދިވެހީން ދެކިފައިވަނީ އިންތިހާއީ އަނިޔާވެރި ވެރިކަމެވެ. އެއްވެސް ހައްގުން ކަމަކާނުލައި ދިވެހި އެތަކެއް ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރެވި ދިރިއުޅުން ނަގާލާފައިވަނީ މަދެއްކޮށް ނޫނެވެ. ޖަލުތަކުގައާއި ، ހުރަގެތަކުގައި ދީފައިވަނީ އިންސާނުންގެ ހިތަށް އަރުވާލަންވެސް ނުކެރޭފަދަ ވޭންދެނިވި އަނިޔާތަކެވެ. ޅަދަރީންނާއި އަނބީން އެދުވަހު އެއުފުލި ހިތްދަތިކަމުގެ އަސަރުތައް މިއަދުވެސް އެތަކެއް މޫނުތަކުން އެހެރީ ފެންނާށެވެ. އެތަކެއް ދޫތަކުން މިއަދުވެސް އެގެންދަނީ އެވާހަކަތައް އަސަރާއެކު ކިޔައި ދެމުންނެވެ.

ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމާ އިދިކޮޅަށް އެމްޑީޕީގެ ފިކުރު އިސްކޮށް ރައްޔިތުން އަޑުއުފުލަންފެށީ ދެން ކެތްނުވެގެންނެވެ. ހަދާނެ އެހެން ގޮތެއް ނެތިގެންނެވެ. އިންސާފެއް އަމުދުން ނުލިބުމާއި ، ފެންނާންވެސް ނެތުމުންނެވެ. އެކަކު އަނެކަކުގެ ކިބައިން ހިއްވަރު ލިބިގަނެ އަނިޔާވެރި ވެރިކަމުގެ ނިޒާމާ އިދިކޮޅަށް ނުކުތް ކޮންމެ ބަޔަކަށް ކިތަންމެ އަނިޔާތަކެއް ދިންކަމުގައި ވިޔަސް ހެޔޮކަމުގައި ދެކި ބިރުފަހަނައަޅައި ގޮސް ހިއްވަރާއި ، ވިސްނުންތެރި ކަމާއި، ހިކުމަތްތެރި ކަމާއެކު ކުރި މަސައްކަތުގެ ސަބަބުން އަނިޔާވެރީން އިނދަޖެހި ފުނޑުފުނޑުވެދިޔަ ވެރިކަމުގެ އަސަރު މިގައުމުން އަދިވެސް ފިލައިގެން ނުދެއެވެ.

އެއެއްޗަކަށް ގޯނާއެއް ކުރެވުމުން އައިސް މީހުންގެ ގަޔަށް ކަށިޖަހައި ގަންނަ ކުޅަނދުރު ހަތައެއްގެ ކުޅަނދުރުތަކެއްގެ މިސާލުގައި މިގައުމަށް ވެރިވެގެން އެތިބި އަނިޔާވެރީން ހަދައިގެންތިބި ހަތާގަނޑު ބުޑުން ވަކިކޮށްލުމުން މިއަދު އެއުޅެނީ ވައިކުޅަނދުރު ތަކެއްގެ މިސާލުގައެވެ. އަނެއްކާވެސް ، ރާޅުފޮނު ބޮއެގެން ހަތައެއް ހަދައި ވަޒަންވެރިވުމުގެ ފުރުސަތު ލިބިއްޖެނަމަ ، ކުރިއެކޭ އެއްގޮތަށް ކިރިޔާވެސް އެވެރީންނަށް ވައިއެޅިލައިފި ނަމަ އުދުހި އައިސް ލޮލަށް ، ބޮލަށް ކަށިޖަހާނެކަން ގައިމެވެ. ތާއަބަދު ދިވެހީންގެ ކަންފަތްތަކުގައި މިއިވެނީ އެއަޑު ތަކެވެ.

އަނިޔާވެރި ވެރިކަމުގެ ގަސްތައް ބުރިކޮށް އުކާލިއެއް ކަމަކު ބުޑުތައް ނަގައި ސާފުނުކުރެވުމުން މިއަދުވެސް ހަމަ ފެންފޮދެއް އެޅިލާއިރަށް ކުރިއަރައި ހެދިގަންނަން ފަށާނެކަން ޔަގީނެވެ. ނަމަވެސް މިއަދުގެ ދިވެހީންދުށީ ތިމާވެށީގެ ދިރުންތައް ނައްތާނުލައި ކުރިއަށް ދިއުމަށެވެ. ކިތަންމެ ކަށިގިނަޔަސް އެގަހަކީވެސް އެހެނިހެން ގަސްގަހާގެއްސަށް ލިބިގެންވާ ހައްގު ލިބިގެންވާ ގަހެއްކަމުގައި މެނުވީ މިއަދުގެ ދިވެހީން ނުބަލައެވެ. އެހެންނަމަވެސް އެފަދަ ގަހެއް އަލުން އޮފިލައި ހެދި ، ފުޅާވެ ފެތުރުމުގެ ފުރުސަތު ދޭން ވެއްޖެނަމަ ނުނިކުމެ ނުދާނެ ހުރިހައި ނަތީޖާއެއް ހަމަ ނުކުންނާނެއެވެ. މިކަން އެބަދަންނަން ޖެހެއެވެ. އޭގެ ކޮޅުމަތި މިއަދު މިދަނީ މިގައުމުން ފެންނަމުންނެވެ.

ދިވެހީން އެވެރިކަމެއް ބޭނުންނުވެގެން ނޫނެކޭ ބުނި ވެރިކަމުގައި ލޮބާޑިލައިގެން އުޅުނު އެންމެންހެން މިއަދު އެއުޅެނީ އަނެއްކާވެސް އެކުވެގެން އަލުންއަނބުރައި ދިވެހި ސިންގާސަނާއަށް ވެރިވެ ގަންނާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އެމީހުން ބޭނުންވަނީ އެމީހުންގެ އަތުން ގެއްލިދިޔަ ވެރިކަމެވެ. ރައްޔިތުންނަށް އެދުވަހު އެމީހުންކުޅަ އަނިޔާތަކުގެ ވާހަކަ މިއަދުވެސް ހަރުއަޑުން ގޮވައި ނަގާއިރުވެސް އެއިންކަމަކާ ވިސްނާލުމެއްނެތި އެމީހުންގެ ފަހަތުގައި ކޮންމެވެސް ބަޔަކު އަލުންއަނބުރައި އެއަނިޔާވެރިކަން މިގައުމުގައި ފެތުރުވުމަށް އެދަނީ ވާގިވެރި ވަމުންނެވެ. މުޅިގައުމު މަސްތުވާ ތަކެތީގައި ޖެއްސުވީ ކޮންބަޔަކުކަމާ ، ގައުމުގެ އެންމެހައި ރައްޔިތުންގެ ހައްގުކަމުގައިވާ މިގައުމުގެ އެންމެހައި ތަނަވަސްކަމެއް ޖީބުތަކަށް ކަހާލީ ކޮންބައެއްކަން ދިވެހީންނަކަށް ނޯޅެއެވެ. ނަމަވެސް ހިތާމަޔަކީ އެފަދަ އަނިޔާވެރި މައްލޫނުންނަށް ވާގިވެރިވެ އަލުން އެވެރީން މިގައުމުގައި ވެރިކުރާން އުޅޭ ބަޔަކުވެސް އުޅޭކަމެވެ. އެމީހުންނަށްވެސް މިކިޔަން ޖެހެނީ އެވެސްހަމަ ދިވެހީންނޭ ކަމުގައި ވާކަމެވެ.

އިދިކޮޅު ފަރާތްތަކުގެ ދޫތަކުން މިއަދުއިވޭ އަޑުތަކަށް ވިސްނާ އަހާލުމުން ހުރިހައި ދުލަކުންވެސް އެއިވެނީ ހަމަ އެއްއަޑެކެވެ. އެމީހުން ރުޅިއަރާ މީހެއްނަމަ އެމީހުން އެދެކެނީ އެބަޔަކީ ކޮންމެވެސް ބިރުވެރި ބައްޔެއް ޖެހިފައިވާ ބައެއްގެ ގޮތުގައެވެ. އެމީހުންނަށް އަލުން އަބުރައި ވެރިކަން ލިބިއްޖެނަމަ އެބުނަނީ އެމީހުން އެބުނާ ” ރީނދޫ ހުން ” ޖެހިފައިތިބި ބަޔަކު ބައިތިއްބާނީ ކުރީން ޖުޒާމް ބައްޔާއި ކެއްސުންބަލި ޖެހުނު މީހުން ބޭތިއްބިހެން މުޖުތަމައުން އެއްކިބާ ކޮށްފައި ކަމުގައެވެ. ތާއަބަދު އެގޮވައި ނަގަނީ އެމީހުންގެ ބާރުހިނގާ ދުވަހަކުން މިގައުމު އެމީހުންގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ޚުދު އެމީހުންނަށްވެސް ކިޔާނެ އެއްޗެއް ކިޔައިގެން މިނިވަންކަމާއެކު މިގައުމުގައި އުޅުމުގެ ފުރުސަތު ފަހިކޮށްދިން އަޅުގަނޑުމެން އެމްޑީޕީގެ އެންމެން ހިފައި ހައްޔަރުކޮށް ކުރިއެކޭ އެއްގޮތަށް ވޭންދެނިވި އަޒާބު ދައްކާނެ ވާހަކައެވެ.

މިއިރު މިއަދު އެމްޑީޕީއަކީ މިގައުމުގެ ދެބައިކުޅަ އެއްބައިގެ އާބާދީއެއް ހިއްސާކުރަމުން ގެންދާ ބައެއްކަން އެމީހުންގެ ވިސްނުން ކޮށިކަމުން ނުވަތަ ވެރިކަންމެނުވީ އެހެން ކަމެއް ހަނދާންނެތިވެފައި ތިބިޔަތީވެ އެތިބީ ނޭނގިފައެވެ. ފަންސާސްހާސް އެމްޑީޕީ މެންބަރުން ހިއްސާ އެކުރަނީ މުޅިގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައިކަން އެމީހުންނަށް ނޭނގޭކަމީ އަޖައިބުވާންޖެހޭ ކަމެއް ނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގެ އެދުން އެމީހުންގައި މާބޮޑުކަމާ އެނޫންކަމެއް އެއަނިޔާވެރީންގެ ވިސްނުމުގައި ނެއްކަން އެނގުމުން ހައިރާން ވާކަށް ނުޖެހެއެވެ. ނަމަވެސް އެމީހުން އެއެދޭ އެދުމަށް ، އެގޮވާ ގޮވުމަށް މިއަދުދެން ދިވެހީގެ ގިނަބަޔަކު ގައުމުވެސް އިޖާބަދޭކަށް ބޭނުމެއް ނުވާނެއެވެ. ތިމަންނާމެން ވެރިކަމަށްއައިސް ” ރީނދޫހުން ޖެހިފައިވާ ” ކޮންމެ މީހަކު ހިފައި ތަޅައި މަރާނަމޭ ، މިހާރު ވެރިކަމުގައި މިތިބަ އެންމެން އުލުބައިންދާނަމޭ ، ބޮނޑިބަތް ދޮލަނގާއި ، ތެޔޮހާނާ ކަލޭގެއާއި ، އޮޑި ފައްތާ ކަލޭގެވެސް އެތިބަގެން އެކިތަންތަނަށް އަރައިތިބެ ގޮވައި ނަގަނީއެވެ. ރައްޔިތުންގެ ކިބައިން ބަދަލުހިފައި ތަޅާމަރާން ގޮވާ ބަޔަކަށް ސަލާމަތް ބުއްދިއެއް ހުރެ ވެރިކަން ހަވާލުކުރާނެ ބަޔަކު އެއްވެސް މުޖުތަމައެއްގައި ނުތިބޭނެކަން އެނގޭއިރުވެސް އެމީހުންގެ ހިތުގައިއެވާ ފަސާދައާއި ، ބަދަލުހިފުމުގެ ހުޅުގަނޑު އެހެރަދަނީ އެނގިފާޅުވެ އުތުރިއަރަމުންނެވެ.

އެމީހުން އެ ގޮވެލިތައް މިގޮތަށް ގޮވަމުން ކިތަންމެ ވަރަކަށް ދުވެނެގިޔަސް އަދި ، އެމީހުން ކުރީން ދައްކައިގެން އުޅުނު ތިއްތިކަމާ ، ވަލީވެރިކަން ކިތަންމެ ވަރަކަށް ދިވެހީންނަށް ދައްކާން އުޅުނުކަމުގައި ވީނަމަވެސް ދިވެހީންނަކަށް އެމީހުންނެއް ނޯޅެއެވެ. ވެރިކަމުގެ އާރާ ބާރު ދެއްވާފައި އޮތްއިރު، ދިވެހި ރައްޔިތުންނަށް އެކިގޮތްގޮތުން ކުރިހައި އަނިޔާތައް އެހެރީ ފެންނާށެވެ. އެޒަޚަމްތަށް ހިތްތަކުގައި މިއަދުވެސް އެހެރީ ތާޒާކޮށެވެ. އިންތިހާއަށް ވޭންއަޅައެވެ. މުޅިގައުމު ލާދީނީކޮށް މަސްތުވާ އެއްޗެތީގެ ވަބާގައި ޖައްސައި މުޅިޖީލުއޮތީ ހަނާކޮށް އޮޔާލާފައެވެ. އެމީހުންގެ އަނިޔާވެރި ވަކިތަކުން މިގައުމު ސަލާމަތްކުރާންއުޅުނު އެތައް ސަތޭކަ މީހުނެއްވަނީ މަރާހުސްކޮށްފައެވެ. މިދިވެހި ރައްޔިތުންނަށް އެމީހުން ނުކުރާ އަނިޔާއެއް ހިތަށް ގެނެސްބަލާށެވެ. މިއަދު ވެރިކަމުން ބާލައި އެއްލާލުމުންވެސް އެގޮވައި ނަގަނީ ” ތިމަންނާމެންނަށް ވެރިކަން ލިބިއްޖިއްޔާ މިއަދު މިގައުމުގައި ވެރިކަން ކުރަމުން މިގެންދާ ވެރީންނާއި އެމީހުންނަށް ތާއީދުކުރާހާ ބަޔަކަށް އެކިއެކި ބޮޑެތި އަނިޔާތައްދީގެން ތަޅާ ރޯނާގަންނުވައި އެންގަލަށްނަގައި މަރާ ހުސްކުރާނެ ވާހަކައެވެ. ވީއިރު އަނިޔާވެރިކަމުގައި ހައްދުފަހަނަޅާފައިވާ މިވަރުގެ ބަޔަކަށް ދިވެހީން ހޭހުރެ ވެރިކަން ހަވާލުކުރާނެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ދިވެހީންދެން އެމީހުންނަކަށް އެފުރުސަތެއް ނުދޭނެއެވެ.